ކޮންމެ މީހެއްގެ ކިބައިގައިވެސް ކޮންމެވެސް ހުނަރެއް ހުންނާނެއެވެ. އެގޮތުން ކުރެހުންތެރިންނަކީވެސް އެފަދަ ހުނަރުވެރިންކަމަށްވާއިރު އެ ހުނަރު ތަަރއްގީކޮށް އޭގެ ބޭނުން އާންމު ދިރިއުޅުމުގައި ހިފާ މީހުން މިހާރު މި މުޖްތަމައުގައި ވެސް ގިނައެވެ. ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ކުރެހުންތެރިން އުޅޭއިރު މިއަދުގެ ލިޔުމުގައި ވެސް މި ގެނެސްދެނީ އެފަދަ ކުޅަދާނަ ކުރެހުންތެރިއަކަށެވެ.
އެންމެ ކުޑައިރުން ފެށިގެން ވެސް ކުރެހުމަށް ލޯބިކުރާ އަލީ އާނިމް ދަނީ ފަންސޫރާއި ކުލަ ފަންސޫރުގެ އިތުރުން ފެން ކުލައިން އެކި ބާވަތުގެ ކުރެހުންތައް ތައްޔާރު ކުރަމުންނެވެ. މި ހުރިހާ ކުރެހުމެއްގެ ތެރެއިން ވެސް އޭނާ އެންމެ ގަޔާވެގެން ކުރަހަނީ ފެން ކުލަ ބޭނުންކޮށްގެން ތައްޔާރުކުރާ ކުރެހުންތަކެވެ.
މި ދާއިރާގައި އެންމެ ހިތްހަމަޖެހުނު މަސައްކަތެއްގެ ގޮތުގައި އާނިމް ފާހަގަ ކުރީ ކައިވެނި ހަފްލާއެއްގައި ކުރެހި ލައިވް އާޓެކެވެ. އެއީ ކުއްލިއަކަށް ލިބުނު އޮފާއެއް ކަމަށާއި އެ މަސައްކަތް ކުރީވެސް ވަރަށް ކުރާ ހިތުންކަމަށް އާނިމް ލީ ބުންޏެވެ. ނަރުސްކަން ކިޔަވަމުންދާ އާނިމް މި މަސައްކަތް ކުރަނީ ލިބޭ ހުސް ވަގުތުތަކުގައެވެ. ކިޔަވަމުން މި މަސައްކަތަށް ދޭންޖެހޭ ވަގުތު އެންމެ އެކަށީގެންވާ ގޮތަށް ނުދެވުނު ނަމަވެސް އާނިމް މަސައްކަތް ކުރަނީ އެވަގުތަކު ކުރާ މަސައްކަތް އެންމެ ފުރިހަމައަށް ނިންމާލުމަށެވެ.
އަދި މަސައްކަތެއް ކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެ ކްލަޔަންޓަކު ހިތްހަމަޖެހޭ ވަރަށް އެ މަސައްކަތެއް ނިންމުމަށް ކަމަށް އާނިމް ބުނެއެވެ. "އަލީ އާޓްސް"ގެ ނަމުގައި ހާއްސަ އިންސްޓަގްރާމް ޕޭޖެއްވެސް ހިންގަމުންދާ އަލީ ބުނީ، އެންމެ ގިނައިން ކުރެހުމުގެ ފުރުސަތު ލިބިފައި ވަނީ އިންސްޓަގްރާމް ޕޭޖުގެ އިތުރުން ރައްޓެހިންގެ ފަރާތުންނެވެ.
ރާއްޖޭގައި ވެސް އާޓްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަރަށް ގިނަ ފުރުސަތު ހުރިކަން ފާހަގަކޮށް އާނިމް ބުނީ މިއީ ވަޒީފާއެއްގެ ގޮތުގައި ވެސް ކުރަން ރަނގަޅު މަސައްކަތެއް ކަމަށެވެ. އަދި އާމްދަނީގެ ގޮތުގައި ވެސް ރަނގަޅު އެއްޗެއް ލިބޭއިރު މިއީ ކުރަން ރަނގަޅު މަސައްކަތެއް ކަމަށް އޭނާ ގަބޫލު ކުރެއެވެ. އަދި މި ދާއިރާއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އާނިމް ވަނީ ގިނައިން ޕްރެކްޓިސްކޮށް، އެކަށީގެންވާ ވަގުތު ދީގެން ކުރިއަށް ދިއުމަށް އިރުޝާދު ދީފައެވެ. ކުރެހުމުގެ ދާއިރާއިން އާނިމް އެންމެ ދެކެން ބޭނުންވާ ދުވަހަކީ ގައުމީ ފެންވަރުގައި އޭނާގެ ނަން ފެވިގެންދާނެ ދުވަހަކެވެ.
ދާއިރާގައި ދިމާވާ ގޮންޖެހުންތަކުގެ ގޮތުގައި އޭނާ ސިފަކުރީ ރާއްޖޭގައި ގިނައިން ކުރިއަށްދަނީ ސޮވެނިއާ އާޓްސްއެވެ. އޭގެ ސަބަބުން ކުރެހުމުގެ އަގު ދަށްވާކަމަށް އޭނާ ބުނެއެވެ.
ކުރެހުމުގެ އިތުރުން ވެސް ކުޑައިރުން ފެށިގެން އާނިމް ދިޔައީ ނަރުހަކަށް ވުމުގެ ފޮނި އުންމީދު ކުރަމުންނެވެ. ނަރުސްކަން ހިޔާރުކުރީ އެއީ ގިނަ ބަޔަކަށް އަޅާލާ އެހީތެރިވެވޭނެ ދާއިރާއަކަށް ވުމުން ކަމަށް އާނިމް ބުންޏެވެ. "ކުޑައިރުވެސް ވަރަށް ނަރުހަކަށް ވާންބޭނުންވޭ. އެއީ ގިނަ ބަޔަކަށް އެހީވެވޭނެތީ" އާނިމް ނަރުސްކަން ހިޔާރުކުރި ސަބަބު ކިޔާދިނެވެ.
މިހާ ހިސާބަށް އައުމަށް އެހީތެރިވި ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރަމުން އާނިމް ވަނީ މަންމައާއި ބައްޕަގެ ނަން ފާހަގަކޮށްފައެވެ. ހާއްސަކޮށް މަންމަގެ ނަން ފާހަގަކޮށް އާނިމް ބުނީ މިހިސާބަށް ވާސިލްވުމުގެ އެންމެ އިސް މޭސްތިރިއަކީ އެއީ ކަމަށާއި މަންމަގެ ހިތްވަރާއި އެހީތެރިކަން ނުލިބި މިހިސާބަށް ވާސިލް ނުވެވުނީސް ކަމަށެވެ. އެހެން ކަމުން މަންމަ އުފުލަ ދިން ހުރިހާ ބުރައެއް އާނިމް ބަލައިގަންނަނީ ޝުކުރުން ފުރިގެންނެވެ.
