އަނގައިން ބަހެއް ނުބުނެ ތަޒްކިޔާގެ ވާހަކަތައް އަޑުއަހަން ޒިބާން ހިމޭނުން ހުރީ ކަރު އެލުވާލައިގެންނެވެ. ދުލުން ބޭރުން ކުރަމުން ދިޔަ ލަފްޒުތަކުން އެ ނުކުންނަކީ ތަޒްކިޔާގެ ހިތުގެ އުދާސްތައް ކަން އެނގޭތީ ޒިބާން ހަނު ހުރީ ކުރިމަރަން ބޭނުންނުވާތީއެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން ތަޒްކިޔާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "މަންޝާ ފެނިއްޖެ ނަމަ ޒޯއީގެ މަންމައަކީ އެއީކަން އަހަރެން ކިޔައިދިނީމުސް... އެކަމަކު މިހާރު ޒޯއީއަށް އެހުރިހާ ކަމެއް އެނގިއްޖެ... މެހެކްއާއި ޒޯއީ އަހަރެންގެ އަތަށް ލިބުނު ދުވަހުން ފެށިގެން އަމިއްލަ ދަރިންހެން ބަލަމުން ދިޔައީ.." ދެއަތުގެ އިނގިލިތައް ހުޅުވާލަމުން އަތްތިލައާ ދިމާއަށް ތަޒްކިޔާ ބަލާލީ އޭނާގެ ހިތް ބަނޑުންވާން އުޅޭހެން ހީވުމުންނެވެ.

"އަހަރެން ޒިބާނާ ކައިވެނި ކުރީވެސް ދެކުދިންނަށްޓަކައި.. އުމުރު ހުސްވެގެން ދިޔަޔަސް އަހަންނަށް މަންމައަކަށް ވުމުގެ ނަސީބެއް ނުލިބޭނެކަން އެނގޭ... ޒިބާން އަހަންނާ ކައިރިވާ ނަމަތާ... އެކަމަކު މިހާރު އެކުދިންނަށް އަހަރެންނަކީ އަސްލު މަންމަ ނޫންކަން އެނގޭނެ... އަހަރެން މީ އެކުދިން ބަލައިބޮޑު ކުރި މީހާ.. އެ އުފާވެރިކަންވެސް އަހަރެންގެ އަތުން ތި ނިގުޅައިގަތީ ކޮން ކުށެއް ކޮށްގެންތަ؟... ކުށަކީ ޒިބާންދެކެ އިންތިހާއަށް ލޯބިވުންތަ؟..."

ދެއަތުން މޫނު ނިވާކޮށްލަމުން ތަޒްކިޔާ އަޑުން އަޑުނަގާ ރޯންފެށީ އޭނާގެ ހިތަށް ކެތްނުވާ ހިސާބަށް ދިއުމުންނެވެ. ތަޒްކިޔާގެ ކޮނޑުގައި ހިފާ ޒިބަންއާ ދިމާއަށް އޭނާ އަބުރާލިއެވެ. އަދި ތަޒްކިޔާގެ ހަށިގަނޑުގައި ބާރަށް ބައްދާލީ އޭނާގެ ބިޔަ ހަށިގަނޑު ތެރެއަށްލާ ތަޒްކިޔާ ފޮރުވާލަމުންނެވެ. ތަޒްކިޔާގެ ގިސްލުމުގެ އަޑު އެތަނުގައި އެއް އަޑެއްހެން ގުގުމަމުން ދިޔައެވެ.

މަންޒަރު ބަލަން ދުރުގައި ހުރި މެހެކްއަށް އެތަނުގައި ދެކެވުނު ހުރިހާ ވާހަކައެއް ސާފުކޮށް އިވުނެވެ. ހުއްޓުން އަރާފައިވާ މެހެކްގެ ދެލޮލުން ހޫނު ކަރުނަ ފައިބަމުން ދިޔައެވެ. ކުރިން ބޮޑު ދައިތަ ސަކޭރާ ދެއްކި ވާހަކަތަކުން އެނގިފައިވާ ގޮތުގައި ޒޯއީއަކީ މަންޝާގެ ދަރިއެކެވެ. މިހާރު ތަޒްކިޔާގެ ވާހަކަތަކުން އެނގުނު ގޮތުގައި މެހެކްއަކީ ތަޒްކިޔާގެ ދަރިއެއް ނޫނެވެ. ވީ އިރު މެހެކްގެ މަންމައަކީ ކާކު ހެއްޔެވެ؟...

ހިޔާލަކަށް ގެއްލިފައި އިން މެހެކްއަށް ސިހުމެއް ލިބުނީ ގޭތެރެއިން މީހެއްގެ ހިލަމެއް ވީހެން ހީވުމުންނެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުން ފޮހެލަމުން ނޭފަތް ދަމާލީ އޭނާގެ މޫނުމަތިން މީހަކަށް ކަމެއް ފާހަގަވެދާނެތީއެވެ. ކޮޓަރިއަށް ދާން ފަސްއެނބުރުނު މެހެކްގެ ފިޔަވަޅު ހުއްޓުނެވެ. ކުރިމަތީ ހުރި މީހާގެ މޫނަށް މެހެކް ބަލާލީ އޭނާއަށް އެތައް ސުވާލެއް ކުރިމަތިވަނޭ ކަން އެނގުމުންނެވެ. ހިންދިރުވާލީ ބުނާނެ އެއްޗަކާއި ދޭތެރޭ ވިސްނާލަމުންނެވެ.

*** *** *** *** *** ***

ޝާޔާ ކައިރީގައި އޮވެ ޝީންގެ ލޮލަށް ނިދި ސަވާރުވީ ކޮންއިރަކު ކަން ވެސް ނޭނގެއެވެ. ސިއްސައިގެން ގޮސް ޝީންގެ ދެލޯ ހުޅުވުނީ ބޭރުން އަޑެއް އިވުމުންނެވެ. އެއަޑަށް ސަމާލުކަން ދީގެން އޮތުމަށްފަހު ޝާޔާއާ ދިމާއަށް ސީން ބަލާލީ ބޭރަށް ނިކުންނަން ބޭނުން ވެފައި އޮތުމުންނެވެ. މަޑުމަޑުން އެނދުން ތެދުވެ ބޭރަށް ދާން އޭނާ ހިނގައިގަތީ ވައިރޯޅިއަށް ވެސް ސިއްރުންނެވެ. ޝާޔާއަށް ހޭލެވިދާނެތީ އަޑެއް ލައްވާނުލައެވެ. މަޑުމަޑުން ތަޅުގައި ހިފާ އަނބުރާލަމުން ބޭރަށް އޭނާ ބޯދިއްކޮށްލިއެވެ. ބޭރުދޮރު ލައްޕާލަމުން ދޮރުގެ ތަންޑު ނައުރީން އަޅުވާލިތަން ފެނުމުން ޝީން ކޮޓަރިތެރެއަށް ދެމިގަތީ އެ މަންޒަރު ބަލަން އޭނާ ހުރިކަން މަންމައަށް އަންގަން ބޭނުން ނުވާތީއެވެ.

ނައުރީންގެ ހޭވިފައިވާ އިސްތަށިގަނޑުގައި އަތް ހާކަމުން އޭނާ ގޮސް ކޮޓަރިއަށް ވަނީ ހަލުވި ފިޔަވަޅުތަކެއްގައެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކީ ޝީންވެސް އޭނާގެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ދޮރުގައި ނިތްކުރި ޖައްސާލީ އޭނާގެ ބޮލުގައި ރިހުމެއް އުފެދެން ފެށުމުންނެވެ. އޭނާގެ މަންމަ ކޮންމެ ރެއަކު ދަންވަރު އެދަނީ ކޮންތާކަށް ހެއްޔެވެ؟ މީހާ ފެންވަރައިގެން ރީތިވެގެން ހުންނަ ތަނެއް ނުފެނެއެވެ. ފަހަކަށް އައިސް ނައުރީންގެ ފަރާތުން ފެންނަމުން ދިޔަ އާދަޔާ ޚިލާފް ކަންތައްތަކުން ޝީންގެ ބޮލަށް އުނދަގޫވިއެވެ. ކަމުގެ ހަގީގަތް އޮޅުން ފިލުވަން މަންމައާ ވާހަކަ ދައްކަން އޭނާ ބޭނުންވިއެވެ. އެކަމާ ވިސްނާ ބޯގޮއްވަން ބޭނުން ނުވިއަސް އޭނާގެ ލޯމައްޗަށް ފެންނަމުންދިޔަ މަންޒަރުތައް ސިފަވާ ކޮންމެފަހަރަކު ހިތަށް އުނދަގޫތަކެއް ވަމުން ދިޔައެވެ.

ޝީން ފުން ނޭވާއެއް ބޭރުކޮށްލީ އުނދަގޫވެފައިވާ ހިތަށާއި ސިކުނޑިއަށް ހަމަޖެހުމެއް ލިބޭނެކަމުގެ އުންމީދުގައެވެ. އިސްޖަހައިގެން ހުރެ ދޮރަށް ފުރަގަސްދެމުން ކުރިއަށް ފިޔަވަޅެއް އެޅީ ނިދާލަންވީއޭ ހިތަށް އެރުމުންނެވެ. ނަމަވެސް ނައުރީން ކުރިއަށް އެޅި ފިޔަވަޅު ހުއްޓުމަކަށް އައީ ކޮޓަރި ތެރެއިން އެއްޗެއް ދައުރުވާހެން އޭނާއަށް ހީވުމުންނެވެ. މަޑުމަޑުން އޭނާ އިސްއުފުލާލިއެވެ. ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް ވެރިވަމުން ދިއުމާއެކީ ހިތުގެ ވިންދުވެސް އަވަސްވާން ފަށައިފިއެވެ. އިސްއުފުލާލަން ވެސް ނުކެރިފައި އިން ޝީންގެ ލޮލުގައި އަލިކޮޅެއް ދުރުން ދިއްލުނުހެން ހީވިއެވެ. އެ އަލިކޮޅުގެ ދަޅަ އަންނަމުން ދިޔަ ދިމާއަކީ ޝާޔާ ނިދާފައި އޮތް އެނދުކަން އެނގުމުން ޝީން އިތުރަށް ބިރުގަތެވެ. ޝީންގެ ނޭވާތައް ކުރުވެ އަވަސްވަމުން ދިޔައެވެ. ހިތުން ކުރުސި ކިޔަމުން ޝީން އިސްއުފުލާލީ ދެލޯ މަރައިގެން ހުރެއެވެ. ކުރުސި ކިޔާ ނިންމާލުމަށްފަހު ޝީން ދެލޯ ހުޅުވާލިއެވެ. ފެނުނު މަންޒަރުން ޝީންގެ ފައިން ވަރު ދޫވެގެން އެހުރިތަނަށް ނުވެއްޓުނީ ހަމަކިރިޔާއެވެ.

އެނދުމަތީ އިށީނދެގެން އިނދެ ކުރިއަށާއި ފަހަތަށް އޭނާގެ ހަށިގަނޑު ހެއްލަމުން ދިޔައިރު ހީވަނީ އުނދޯއްޔެއްގައި އިނދެ ހެއްލަމުން ދިޔަހެންނެވެ. ކޮނޑާ ހަމައަށް އޮތް ޝާޔާގެ އިސްތަށިގަނޑު ނިއުޅުވާލާފައި ވާއިރު އެ އިސްތަށިތައް ވަނީ އޭނާގެ މޫނު ދެފަރާތުން ވެއްޓިފައެވެ. ޝާޔާގެ މޫނާ ދިމާއަށް އަލިވަމުންދިޔަ އަލިގުޅައެއް ކަމަށް ޝީންއަށް ހީކުރެވުނު އެއްޗަކީ ޝާޔާގެ މުށުތެރެއަށް ލައިގެން އިން ނިވި ދިއްލޭ ބޯޅައެވެ.

ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ޝީން ހަމަޖެހެން މަސައްކަތްކޮށްލަމުން ކަޅި ދެފަރާތަށް ހަރަކާތްކޮށްލީ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުންނެވެ. ޝާޔާ އޮތް އެނދާ ހަމައަށް ހަލުވި ފިޔަވަޅުތަކެއްގައި ޝީންއަށް ދެވުނު އިރު ޝާޔާގެ ހަރަކާތް މުޅިންހެން ހުއްޓިއްޖެއެވެ. އޭނާގެ އަތުގައި އޮތް ބޯޅައިގެ އަލިކަންވެސް ނިވުނީ ހަމަ އެވަގުތެވެ. ފޯނު ހޯދުމުގެ ނިޔަތުގައި ޝީންގެ އަތް އެނދުމަތީ ހަރަކާތްކޮށްލިއެވެ. ފިނި އެއްޗެއް އޭނާގެ އަތުގައި ޖެހުނުކަމުގެ އިހްސާސެއް ކުރުމުން ޝީން ދިޔައީ ސިއްސައިގެންނެވެ. އަތުގައި ފޯނު ޖެހުނު ނަމަވެސް އޭނާއަށް އަމިއްލަ އަތް ގުޑުވާލެވޭ ގޮތެއް ނުވިއެވެ. އޭނާގެ އަތުގައި ޖެހުނު ފިނި އެއްޗާ މެދު ވިސްނާލަމުން އަތުގެ މުލައްދަނޑިއާ ދިމާއަށް ބަލާލީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ.

ޝީންގެ އަތުގައި ހިފަހައްޓައިގެން އިނީ ޝާޔާކަން އެނގުމުން އަތަށް ބާރެއްލާން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ޝީންގެ އަތަށް އެއްވެސް ހަރާކާތެއް ނުގެނެވުނެވެ. ޝީންގެ ހަށިގަނޑަށް ލޮޅުމެއް ނުގެނެވޭނެ ހާ ބާރަށް އޭނާގެ އަތުގައި ޝާޔާ ހިފަހައްޓައިގެން އިނުމުން އިތުރު ބިރުވެރިކަމަކާއި ހައިރާންކަމެއް ޝީންގެ ހިތުގައި އަށަގަތެވެ. ގޮތް ހުސްވެފައިވާ ހާލުގައި ޝީންއަށް ބަލާލެވުނީ ޝާޔާއާ ދިމާއަށެވެ. ހޭވިފައިވާ އިސްތަށިތަކުގެ ތެރެއިން ބޮޑުވެފައިވާ ޝާޔާގެ ދެލޯ ފެނުމުން ޝީންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެ މޫނުން މައުސޫމްކަމުގެ އެއްވެސް ކުލައެއް ފެންނަން ނެތް ކަހަލައެވެ. ދެން ހަދާނެ ގޮތަކާއި ދޭތެރޭ ވިސްނާލުމަށްފަހު ހިތުން ހެޔޮ އެއްޗެއް ކިޔޭތޯ ޝީން މަސައްކަތް ކުރިއެވެ.

އިސާހިތަކު ޝާޔާގެ އަތަށް ދޫކަމެއް ގެނައުމުން އޭނާގެ އަތް ހަރަކާތް ކުރެވޭ ގޮތްވިއެވެ. ޝާޔާގެ ހަށިގަނޑު އެނދުމައްޗަށް ވެއްޓުމާއެކީ މުޅި ހަށިގަނޑަށް ގަދަ ބާރެއް އަރުވާލަމުން މެދުހަށި މައްޗަށް އުފުލާލި އިރު ޝާޔާގެ ލޮލުގެ ކަޅިވެސް ވަނީ މައްޗަށް އަރާފައެވެ. ޝީންއަށް އެ މަންޒަރު ބަލާކަށް ކުޅަދާނައެއް ނުވިއެވެ. ރޮމުން އޭނާ އަޑުގެ ނެތްތަނަށް ޤުރުއާނުގެ އާޔަތްތައް ކިޔަވަން ފެށީ އެކަމަކީ ރޫހާނީކަމެއް ކަމަށް އޭނާއަށް ޝައްކު ކުރެވުމުންނެވެ. އަނގަފުޅާކޮށްގެން އޮވެ ޝާޔާ ދޫ ހަރަކާތްކުރާ ތަން ފެނުމުން ޝީން ކުރިއަށް ޖެހިލީ ޖެހިލުންވެ ހުރެއެވެ. ޝާޔާ ކިޔަމުންދިޔަ އެއްޗެއް ސާފުވޭތޯއެވެ. ބަރު ފިރިހެން އަޑަކުން ޝާޔާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ އަނގައިން ބޭރުވަމުން ދިޔަ ލަފްޒުތަކުން ޝީންއަށް އިތުރު އުނދަގޫތަކެއް ވިއެވެ.

"މަގޭ ވާހަކަ ދައްކައިފިއްޔާ... ނައުރީން މަރާލާނަން... ހަހަހަ..." ތަކުރާރުކޮށް އެ ޖުމްލަ ދެ ފަހަރު ޝާޔާގެ އަނގައިން ބޭރުވިއެވެ. އިވެމުންދިޔަ އަޑަކީ ޝާޔާގެ އަޑު ނޫންކަން ޝީންއަށް އެނގުނެވެ. ޝާޔާގެ މުޅިގައިން ވަރުދޫވެ ދެލޯ މެރިގެން ދިޔައެވެ. ޝާޔާއަށް މަޑުމަޑުން ގޮވަމުން ޝީން ކުރިއަށް ޖެހިލީ ފުންމައިގެން ޝާޔާ ތެދުވެދާނެތީ އެކަމަށް ވިސްނައިގެން ހުރެއެވެ. ޝާޔާގެ ހަބަރެއް ނުވުމުން އޭނާ އިތުރަށް ބިރުގަތެވެ. އެކުއްޖާގެ ގައިގާ ހިފާ ތަޅުވަމުން، ޝާޔާއަށް ގޮވާލީ އޭނާގެ ކޮއްކޮއަށް ކަމެއްވީއޭ ހިތަށް އެރުމުންނެވެ. އެ ތުއްތު ކުއްޖާ ދެލޯ ހުޅުވާލުމަށްފަހު ހައިރާންވެފައި ޝީންއާ ދިމާއަށް ބަލާލިއެވެ.

"ދޮންތީ... ކިހިނެއްވީ.. ކޮއްކޮ އަދި ބޭނުން ނިދާލަން..." ޝާޔާގެ ވާހަކަ ދެއްކުން ހުރި ގޮތުން ކުރިން ވާހަކަ ދެއްކީ އޭނާ ނޫން ކަން ޝީންއަށް ކަށަވަރުވިއެވެ. ޝާޔާގެ ގައިމަތީގައި ރަޖާގަނޑު އަޅާލުމަށްފަހު އެ ކުއްޖާގެ މަގަތުގައި ޝީން އޮށޯވެ ހަމަޖެހިލިއެވެ. އަދި އެއް އަތުން ޝާޔާގެ ބޮލުގައި ފިރުމަމުން ދިޔައިރު އަނެއް އަތް ނިތްމަތީ ބާއްވާލައިގެން ޝީން އޮތީ ވެދިޔަ ކަންތަކާ ދޭތެރޭ ވިސްނާށެވެ. ހިތަށް ބިރުވެރިކަން ވެރިވަމުން ދިއުމުން ޝާޔާގެ ގައިގާ ޝީން ބައްދާލީ އެ މައުސޫމް މޫނަށް ބަލާލަމުންނެވެ.

ފުން ނިންޖަކުން ނިދާފައިވާ ޝާޔާގެ ގައިގާ ފިރުމާލަމުން ޝީން ކުރުސި ކިޔާލިއެވެ. އަދި ޝާޔާގެ ބޮލަށް ފުމެލިއެވެ. އޭނާގެ މަންމަ އާއި ކޮއްކޮގެ ފަރާތުން ފެންނަމުން ދިޔަ އާދަޔާ ޚިލާފް އަމަލުތަކުން މިރޭގެ ނިދިން އޭނާ މަޚްރޫމްވެއްޖެއެވެ.

*** *** *** *** *** ***

މަންޝާ ކޮޓަރިއަށް ވަނީ އޭނާ އެގެއިން ނިކުތް ގޮތަށް ކުޑަދޮރުންނެވެ. ރޫފަސް ބޭނުންވީ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިން މަންޝާއަށް ނުފެންނާނެ ހިސާބަކަށް ދާށެވެ. ބަންގި ގޮވާ ވަގުތުތަކަކީ އޭނާގެ ހަށިގަނޑަށް އެތައް އުނދަގޫތަކެއްވާ ވަގުތުތަކެކެވެ. އެހެންކަމުން އޭނާ ބޭނުންވީ މަންޝާ ގެއަށް ވެއްދުމަށްފަހު އަވަހަށް ދާށެވެ. ރޫފަސް ދާން ހިނގައިގަތީ މާދަމާ ރޭވެސް މެންދަންވުމުން މަންޝާއާ ބައްދަލުކުރަން އަންނާނަން ކަމަށް ބުނެ ވަޢުދުވަމުންނެވެ.

ކުޑަދޮރު ލައްޕާލުމަށްފަހު މަންޝާ ގޮސް ހުއްޓުނީ ޑްރެސިން ޓޭބަލް ކައިރިއަށެވެ. އޭނާގެ މޫނުގައި އަތް ޖައްސާލަމުން ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. އޭނާ ކައިރިއަށް އައި ޒުވާނާއާ އެތައް ވާހަކައެއް ދައްކަން މަންޝާ ބޭނުމެވެ. މަންޝާއަށް އެ ޒުވާނާ ހާއްސަވާ ސަަބަބު އޮޅުން ފިލުވަން ބޭނުމެވެ. އެޒުވާނާ އަކީ އޭނާގެ ހަޔާތުގައި ހާއްސަ މީހެއް ކަމަށް އޭނާއަށް ފާހަގަވަމުން އައީ ހަމައެކަނި ވާ އިހްސާސަކުން އެކަންޏެއް ނޫނެވެ. ބައެއް ރޭރޭ ފެންނަ ހުވަފެންތަކުގައި އެ ސޫރަ ފެންނަކަން އޭނާ ހަނދާން ހުރެއެވެ.

ޑްރެސިންގް ޓޭބަލްގެ ވަތްގަނޑު ހުޅުވާލުމަށްފަހު މޭޒުމަތީ ތަރުތީބެއް ނެތި ހުރި އެއްޗެހިތައް މަންޝާ ތަރުތީބުކުރަން ފެށިއެވެ. ލޯޝަން ފުޅިއާއި ގައިގާ މީރު ވަސް ދުއްވަން ލާން ބޭނުންކުރާ ސާމާނުތައް އެއްފަރާތަކަށް ޖައްސާލުމަށްފަހު އެތާ ހުރި ބައެއް ގަހަނާތައް ނަގާ ވަތްގަނޑު ތެރެއިން ފޮއްޓެއް ނަގާ އެއަށް ލާން މަންޝާ މަސައްކަތް ކުރިއެވެ. ގަހަނާފޮށީ ލައްޕާލަން އުޅުނު ވަގުތު މަންޝާގެ ހަރަކާތް ހުއްޓުމަކަށް އައީ ރަތްކުލައިގެ ވިދުމެއް އޭނާގެ ލޮލުގައި އަޅައިގަތުމުންނެވެ. ގަހަނާ ފޮށިތެރޭ އޮތް ފަށް ނަގާ އޭގެ ފުލަށް މަންޝާ ބަލާލިއެވެ. އެފަށަކީ ބިއްލޫރި ފުލެއް ލާފައިވާ ފަށެކެވެ. އެ ފުލުގެ ތެރޭގައި ވަނީ ރަތްކުލައިގެ މަލެކެވެ.

ރަތްކުލައަކީ މަންޝާއަށް އަބަދުވެސް ވަރަށް ރީތި ކުލައެކެވެ. ފަށަށް ބަލަން ހުރުމަށްފަހު އެ ފަށް ޭނާގެ މޭގައި ޖައްސާލަމުން ލޯގަނޑުން ފެންނަން ހުރި ސޫރައާ ދިމާއަށް ބަލާލިއެވެ. ހަމަ އެވަގުތު އޭނާގެ ހަނދާނަށް އައީ ރަތް މާތަކުން ފުރިފައިވާ ބެރެބެދިގަހެއްގެ ދަށުގައި މަންޝާ އާއި ޒިބާން އެކުގައި ތިބި ވަގުތެވެ. ޒިބާންގެ އަތުން އޭނާގެ ކަރުގައި އެފަށް އަޅުވައި ދިން ލޯބި ވަގުތުކޮޅެވެ. އެ ފަށުގެ ފުލަށް ބަލާލުމަށްފަހު ޒިބާން ގާތުގައި މަންޝާ ބުނި ބަސްތަކެވެ. "މިފަށް ވަރަށް ލޯބި..."

ސިއްސައިގެން ގޮސް މަންޝާއަށް ބަލާލެވުނީ އޭނާގެ ކައިރީ މީހަކު ހުރިތޯ ޔަގީން ކޮށްލާށެވެ. އެއީ އޭނާއަށް ހީވި ހީވުމެކެވެ. އެއީ އެ ޒުވާނާ މަންޝާއަށް ދިން ފަށެއް ހެއްޔެވެ؟ އެކަމަކު އެ ދުވަސްތައް އޭނާގެ ހަނދާނަށް ނާންނަނީ ކީއްވެހެއްޔެވެ. "ކިޝަން..." ކިޝަންގެ ނަން މަންޝާ ކިޔާލީ އޭނާއަށް އިތުރު ކަމެއް ހަނދާންވާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެނަން ކިއުމުން ވެސް މަންޝާއަށް ކަމެއް ހަނދާންވާ ގޮތެއް ނުވިއެވެ. ކަރުގައި ފަށް އަޅާލުމަށްފަހު އޭނާގޮސް އެނދުގައި އޮށޯތެވެ. ފަށުގެ ފުލުގައި އަތް ޖައްސާލައިގެން އޮތް އިރު އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކިޝަންގެ ސޫރަ އޭނާގެ ހިތުގައި ބިންވަޅުނެގިފައިވާ ކަހަލައެވެ.

ފަހަަކަށް އައިސް ލޯމަރާލާ އިރަށް އެސޫރަ އޭނާއަށް ފެންނަނީއެވެ. ޖެހިގެން އަންނަ ރޭގެ އިންތިޒާރުގައި އޮއްވާ މަންޝާގެ ލޮލަށް ނިދި ސަވާރު ވެއްޖެއެވެ. މަންޝާގެ ކަރުގައި އަޅާފައިވާ ފަށުގެ ފޫ ރަތް ކުލައިން ދިއްލިގެން ދިޔައީ އެ ވަގުތެވެ. ހަމަ އެއާއެކު މެރިފައިވާ މަންޝާގެ ލޮލުގެ ކަޅި ދެއަތަށް ދައުރުކޮށްލިއެވެ. އެސްފިޔަތަކަށް ބާރެއްވެސް ލެވުނެވެ. ބަލާބެލުމުން އޭނާ އެއޮތީ ހުވަފެނީ އާލަމެއްގައެވެ.

*** *** *** *** *** ***

"ޝާކިރޫ.. މަގޭ ދަރި... މަގޭ ދަރި ހުރިތާކުން ގެނެސްދީ.. އެމަންޖެ ހޯދަން ހިނގާބަލަ..." މޭގައި ދެއަތުން ތަޅަމުން ލަތީފާ ރޮއެ ހޭރެމުން ދިޔައީ ސީމާގެ ޚަބަރެއް ނުލިބި ލަސްވަމުން ދާތީއެވެ. އެ ސަރަހައްދަށް ރަށުގެ ގިނަ ބަޔަކު އެއްވެފައި ތިބި އިރު ލަތީފާގެ ރުއިން ހުއްޓުވަން މީހަކަށް ބުނެވޭނެ އެއްޗެއް ނެތެވެ. ހުރި ހަމައެކަނި އަންހެން ދަރި ގެއްލިގެން ހޯދަން މަސައްކަތް ކުރާތާ އިރުގަނޑެއް ވެއްޖެއެވެ. ފަތިސް ނަމާދަށް ބަންގި ގޮވި އަޑު އިވުމާއެކީ އެކި ކޮޅުކޮޅަށް މީހުންތައް ދާން ހިނގައިގަތީ އެ ދެމަފިރިން ގާތު ހިތްވަރު ކުރަން އެދެމުންނެވެ. މުޅި ރަށުތެރެ ބަލާ ހޯދި އިރުވެސް ސީމާ ފެނުނު އެކަކުވެސް ނެތެވެ.

ހޫދުމެންނާ އެކީ ވަލަށް ދިޔަ މީހުން ތިބީ އެމީހުންނަށް މިރޭ ދިމާވި ކުޅިގަނޑު ކިޔައިދޭން ނުކެރިފައެވެ. ވަލުތެރެއިން އަންހެނަކު ފެނުނު ނަމަވެސް އެ ފެނުނު މީހަކީ ސިމާ ނޫންކަން އެމީހުންނަށް ޔަގީނެވެ. ލަތީފާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ރޮމުން ރޮމުންގޮސް އޭނާއަށް މޮޔަ ގޮވޭ ފަހަރުވެސް އާދެއެވެ. "މަށަށް އެނގޭ ސީމާ ފެންނާނީ ކާކަށް ކަން؟.. ޝާކިރޫ.. އަޅެ ޟިރާރަށް ގުޅާބަލަ.. ޟިރާރަށް އެނގޭނެ ހުރިހާ އެއްޗެއް ވެސް... ޟިރާރު ފޯނު ނުނަގަންޏާ އިބްޒީމާއަށް ގުޅާބަލަ..." އެންމެންގެ ތެރޭ ހުރެ ލަތީފާ ދައްކަމުން ދިޔަ ވާހަކަތަކުން ޝާކިރަށް އުނދަގޫވިއެވެ. ފާރުގައި ލަށްވެގެން ހުރި ޝާކިރު އޭނާގެ އަންހެނުންގެ އަތުގައި ހިފައިގެން ގެއާ ދިމާއަށް ދާން ހިނގައިގަތީ ރަށުގެ ކައުންސިލަރާ ދިމާއަށް ބަލާލުމަށްފަހުއެވެ.

"ކަންބޮޑުވާނެކަން އަހަންނަށް އިނގޭ... ހެނދުނުވީމަ އަދި ސީމާ ހޯދަން މަސައްކަތް ފަށާނަން.. ފުލުހުންގެ ޓީމް އަދިވެސް ދަނީ ވަލުތެރެއާ އެކީ މޫދާ ވީ ސަރަހައްދު ބަލަމުން.. އިރާދަކުރެއްވިއްޔާ ދެން މާ ލަހެއް ނުވެ ސީމާ ފެނިދާނެ.. މަމި ދަނީ ނަމާދަށް... އެކޮޅުން ޚަބަރެއްވާއިރަށް ޝާކިރަށް ގުޅާނަން.. ފޯނު އަތުޖެހޭ ހިސާބެއްގަ ބާއްވާތި..." ކައުންސިލަރު މިސްރަބުޖެހީ ޝާކިރުމެން ގެއާ އެންމެ ކައިރީ ހުރި މިސްކިތާވީ ފަރާތަށެވެ.

ލަތީފާގެ އަތުގައި ހިފައިގެން ގޮސް އެ ދެމަފިރިން ދިރިއުޅޭ ގެއަށް ވަންނަންދެން، އެމަންޒަރު ބަލަން ދުރުގައި މަޑުކޮށްގެން ހޫދުމެން ތިއްބެވެ. "ހޫދު... ސީމާ ފެންނާނެހެން ހީވޭތަ؟.. އަހަރެންގެ ހިތް ބުނަނީ މިފަހަރު ކަންތައް މިވީ ރަނގަޅަކަށް ނޫނޭ... ނޭނގެ ކީއްވެގެންކަމެއް އަހަރެންގެ ހިތް މި ބުނަނީ ސީމާއެއް ދެން އެނބުރި ނާންނާނޭ..." ރާއިދު ކުރިއަށް ހިނގައިގަތީ ނަމާދުކުރަން މިސްކިތާ ދިމާއަށް ދާށެވެ. ރާއިދުގެ ފަހަތުން ހޫދުވެސް ހިނގައިގަތެވެ. އަދިވެސް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައީ މިރޭގެ އެ ހާދިސާއެވެ. އެމީހުންނަށް ވަލުތެރެއިން ފެނުނު އާދަޔާ ޚިލާފް މަންޒަރު ތަކެވެ.

*** *** *** *** *** ***

ތަޒްކިޔާގެ ގިސްލުމުގެ އަޑު ކެނޑުމުން ޒިބާން، އޭނާގެ އަންހެނުން ގައިން ދޫކޮށްލިއެވެ. ތަޒްކިޔާ މަޑުމަޑުން ޒިބާންގެ ހަށިގަނޑާ ދުރަށް ޖެހިލަން ފަހަތަށް ފިޔަވަޅު އަޅާލީ ނޭފަތް ދަމާލަމުންނެވެ. ތަޒްކިޔާގެ ފިޔަވަޅު ފަހަތަށް އަޅަމުން ދިޔަ ވަރަކަށް ޒިބާން ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައީ އޭނާގެ އަންހެނުންގެ މޫނަށް ކަޅި ޖަހާނުލާ ބަލަމުންނެވެ.

ވޭތުވެދިޔަ ވިހި އަހަރުތެރޭ އޭނާއަށް ގޯސްކޮށް ކަމެއް ކުރެވުނު ކަމުގެ އިހްސާސެއް މިކުރެވުނީ ތަޒްކިޔާގެ ހިތްފަޅައިގެންގޮސް އޭނާގެ ދުލުން އެތައް ޝަކުވާތަކެއް ބަންޑުން ކޮށްލުމުންނެވެ. ލަދުރަކި ރިވެތި އެތައް ސިފަތަކެއް ލިބިފައިވާ ތަޒްކިޔާއަށް އިސްޖަހާލުން ނޫންކަމެއް ނުކުރެވުނެވެ. ޒިބާންގެ ކޮންމެ ބެލުމަކުން އޭނާގެ ހަށިގަނޑަށް އުނދަގޫތަކެއް ވަނީއެވެ.

މަންޝާގެ ހަނދާނުގައި އޭނާ ފެނޭތޯ އެތައް މަސައްކަތެއް ކުރެވިއްޖެއެވެ. މަންޝާ ގޮވާލާނެ ވަގުތެއްގެ އިންތިޒާރުގައި ވިހި އަހަރު ބޭކާރުވީ އިރު ޒިބާންއަށް ނޭނގެނީ އެތައް އަނިޔާތަކެއް ތަޒްކިޔާއަށް ދެވުންކަމެވެ. މަންޝާ ފެންނާނެކަމުގެ އެއްވެސް އުންމީދެއްނެތެވެ. އެކަން ކާމިޔާބުވާނެކަމުގެ ފެހި ސިގްނަލެއް ނުލިބޭނެކަމަށް ޒިބާން ނިންމިއެވެ.

ތަޒްކިޔާގެ ދަތްދޮޅީގައި ހިފާލަމުން ޒިބާން އޭނާގެ މޫނާ ގާތްވެލިއެވެ. ތަޒްކިޔާ ދެލޯ ހުޅުވާލަމުން ޒިބާންއާ ދިމާއަށް ބަލާލިއެވެ. ހަތަރުކަޅި ބައްދަލުވެގެން ދިޔަވަގުތު ތަޒްކިޔާއަށް އޭނާގެ ލޯ މަރާލެވުނެވެ. ޒިބާންގެ ހޫނު ނޭވާ އޭނާއަށް އިހްސާސްވުމުން ފުން ނޭވާއެއް އެތެރެ ކޮށްލެވުނީ މި ވަގުތުކޮޅުގެ އުފާ އެންމެ ފުންމިނުގައި ހާސިލްކުރަން ބޭނުންވެފައި ވާތީއެވެ.

ތަޒްކިޔާ އުރާލައިގެން ޒިބާން އުދުއްސައިގަތީ އެ ކޮޓަރިން ނުކުމެވެން ހުރި ކުޑަދޮރުން ބޭރަށެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ފާޅުކޮށް ވިދަމުން ދިޔަ ތަރިތަކަށް ބަލާލަމުން ތަޒްކިޔާ ގޮވައިގެން ޒިބާން ކައިރިވެލީ ފެނާރެއް އެކުލެވޭ ރީތި ބަގީޗާއެއް ކައިރިއަށެވެ. ދުރުދުރުން ފާޅުވަމުންދިޔަ އަލިފާން ކޮކާތަކާ ދިމާއަށް ތަޒްކިޔާގެ އަތް އިޝާރާކޮށްލިއެވެ. ތަޒްކިޔާގެ ބާރުން ދައްކުވާލާ މަންޒަރެއްކަން ޒިބާންއަށް އެނގުމުން އޭނާގެ ހިތަށް އުނދަގޫތަކެއް ވިއެވެ. އެއިން ކޮންމެ މަންޒަރަކުން އޭނާގެ ހަނދާނަށް އާވަމުން ދިޔައީ މަންޝާއެވެ. އެ ހަނދާންތަކުން ދުވަހަކުވެސް ޒިބާންއަށް މިންޖުނުވެ ވޭނެއެވެ.

*** *** *** *** *** ***

"މެހެކް.. ކީއްކުރަނީ މިތާ؟..." މެހެކްގެ މޫނަށް ފުން ނަޒަރަކުން ބަލާލަމުން ސަކޭރާ ސުވާލުކޮށްލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. މެހެކްއަށް ބުނާނޭ އެއްޗެއް ނުވިސްނުނެވެ. ސަކޭރާ ކައިރިން ރެކިގެން ދާން އޭނާ މަސައްކަތްކުރީ އިސްޖަހައިގެން ހުރެއެވެ. ސަކޭރާއަށް ކަމެއް ގޯސް ވެއްޖެކަން ދެނެގަންނަން އެނގުނެވެ. އެންމެ ތުއްތު އިރުއްސުރެ އޭނާ ކިޔަވައިދީގެން ބަލައި ބޮޑުކުރި ދެކުދިންގެ މިޒާޖު އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. މެހެކްގެ މޫނުމަތިން ކަމެއް ގޯސްވެއްޖެކަންވެސް ސަކޭރާ އަށް ދެނެގަންނަ އެނގުނެވެ. ކޮޓަރިއަށް ވަދެވަދެހުރި މެހެކްގެ ފިޔަވަޅު ހުއްޓުނީ ސަކޭރާ ދެވަނަ ފަހަރަށް މެހެކްގެ ނަމުން ގޮވާލުމުންނެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ސަކޭރާއާ ކުރިމަތިލާން އޭނާ އެނބުރިލިއެވެ.

"ޒޯއީގެ މަންމައަކީ މަންޝާއަށް ވާއިރު އަޅުގަނޑުގެ މަންމައަކީ ކާކުތޯ؟.." އަދަބުވެރިކަމާއެކީ އޭނާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ސަކޭރާ އާ ހަތަރު ކަޅި ހަމަކުރާނެ ހިތްވަރެއް އެނާގެ ގަޔަކު ނެތެވެ.

(ނުނިމޭ)