ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ އަތްތެރި މަސައްކަތްތަކަށް ނަން މަޝްހޫރު ގައުމެކެވެ. މި ފަހުރުވެރި ތާރީހުގެ ތެރެއިން މިއަދު ފެންނަނީ އާ ޖީލެއްގެ ޒުވާނުން މި ހުނަރުތައް ދިރުވައި އާލާކުރަމުންދާ މަންޒަރެވެ. މިގޮތުން "ދަ ޕްރެސް"ގެ މީހުންގެ ސެގްމެންޓުގައި ކިޔުންތެރިންނަށް މި ދޫކޮށްލަނީ އަމިއްލަ އަތުން ތަފާތު އެއްޗެހި ވިޔެ، އަތްތެރި މަސައްކަތުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ނަތީޖާއެއް ހޯދަމުންދާ އުމުރުން 31 އަހަރުގެ ފާތިމަތު ޝައްފާފް ހަސަންގެ ވާހަކައެވެ.
ޝައްފާފްގެ މައިގަނޑު މަސައްކަތަކީ އަމިއްލަ އަތުން ތަފާތު އެއްޗެހި ވިއުމެވެ. މީގެ ތެރޭގައި އެކި ކަހަލަ ޒީނަތްތެރި ސާމާނާއި، ކުޑަކުދިންނަށް ހާއްސަ ޕްލަޝީސްގެ އިތުރުން ރެއިންބޯސް، ފުޓްބޯލް، ބޭބީ ނާސަރީ ރީތިކުރުމަށް ބޭނުންވާ ސާމާނާއި، ތަފާތު ވައްތަރުގެ ބެނާ އަދި ވޯލް ހޭންގާސް ހިމެނެއެވެ.
ހާއްސަކޮށް އެކި ފަރުމާތަކަށް ތައްޔާރުކުރާ ބާލީސްތަކަކީ ޝައްފާފްގެ ހުނަރު ދައްކުވައިދޭ ފުރިހަމަ އުފެއްދުންތަކެކެވެ. އޭނާ ތައްޔާރުކުރާ ބާލީސްތަކަކީ ހަމައެކަނި ބޭނުންކޮށްލަން ހިތްފަސޭހަ އެއްޗެއްގެ އިތުރުން، ފެންނަފެނުމަށް ވެސް ނުހަނު ފުރިހަމަ ފަންނީ ކުލަވަރުތަކެއް އެކުލެވޭ އުފެއްދުންތަކެކެވެ. ކޮންމެ އުފެއްދުމަކީ ވެސް ގިނަ ވަގުތުތަކެއް ހޭދަކޮށް ނުހަނު ފަރުވާތެރިކަމާއެކު ޝައްފާފްގެ އަމިއްލަ އަތުން ތައްޔާރުކުރާ އެއްޗެކެވެ.
ދަރިފުޅަށް ހެދި ބޭބީ ބެޑިން ސެޓް އަމިއްލަ ވިޔަފާރިއަކަށް
މި މަސައްކަތް ފެށުނު ގޮތުގެ ވާހަކަ ކިޔާދެމުން ޝައްފާފް ބުނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އިން އިރު ބޭބީ ބެޑިން އަދި ޑެކަރޭޓިވް އެއްޗެހި ހޯދަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ބޭނުންވި ކަހަލަ ތަކެތި ނުލިބުން ކަމަށެވެ.
ޝައްފާފްގެ މަސައްކަތްތައް އޭނާގެ އިންސްޓަގްރާމް ޕޭޖް ކަމުގައިވާ "ޓައިނީ ކްރާފްޓް އެމްވީ" ގައި ހިއްސާ ކުރި ހިސާބުން ގިނަ އަދަދެއްގެ އޯޑަރުތައް ލިބެން ފެށިއެވެ. މިހާ ހިސާބުން ފެށުނު މި ބިޒްނަސްގައި ފުރަތަމަ ހެދީ ބޭބީ މޮބައިލް އަދި ބެޑިން ސެޓް އެކަންޏެވެ. ނަމަވެސް މިއަދު ޝައްފާފް އަންނަނީ ތަފާތު ބާވަތުގެ ތަކެތި ތައްޔާރު ކުރަމުންނެވެ.
މި މަސައްކަތަށް މަންމަ އަދި އާއިލާގެ ފަރާތުން ލިބޭ ބޮޑު އެހީތެރިކަމަށާއި އެއްބާރުލުމަށް ޝައްފާފްގެ ހިތުގައި ވަނީ ނިމުމެއް ނެތް ލޯތްބާއި ޝުކުރެވެ. ލިބޭ އާޖެންޓު އޯޑަރުތައް ނިންމުމުގައި އާއިލާގެ ފަރާތުން އެހީތެރިކަން ލިބޭކަން ފާހަގަކޮށް ޝައްފާފް ބުނީ ދެ ކޮއްކޮއަށްވެސް އެއްޗެހި ކަފާ، ފަހަން އިނގޭ ކަމަށާއި އެހެންކަމުން މަސައްކަތްތައް ނިންމުމުގައި ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ.
މިފަދަ މަސައްކަތަކަށް ޝައްފާފްގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ ކުޑައިރުއްސުރެ ގޭތެރެއިންނާއި މުޖުތަމައުން ފެންނަ އަތްތެރި މަސައްކަތްތަކަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނެވެ. ފިހާރަތަކުން ގަންނަން ލިބޭ ތަކެއްޗަށްވުރެ އަމިއްލަ އަތުން ކޮށްލެވޭ ކުޑަކުޑަ މަސައްކަތަކުން ލިބޭ ހިތްހަމަޖެހުން މާ ބޮޑެވެ.
ޝައްފާފް ކިޔައިދިން ގޮތުގައި އޭނާގެ މަންމަ އަކީ ފަހާމީހެއް ކަމުން ކުޑައިރުންސުރެ މަންމަ ފަހާތަން ފެނި މިފަދަ މަސައްކަތަށް އޭނާ ނުހަނު ފަރިތައެވެ. މަންމަ ކައިރިން އަހައިގެން ވަރަށް ކުޑައިރުވެސް އެއްޗެހި ކަފާ ފަހާ އުޅުނު ކަމަށް ޝައްފާފް ބުނެއެވެ.
މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުމަކީ ދިމާވާ ގޮންޖެހުމެއް
ކޮންމެ މަސައްކަތަކީވެސް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އަތްތެރި މަސައްކަތް ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ދަތިކަމަކީ ބޭނުންވާ ފެންވަރު ރަނގަޅު ރޯ މެޓީރިއަލް ނުވަތަ ސާމާނު ރާއްޖެއިން ލިބުމުގައި ހުރި ދަތިތަކެވެ.
ޝައްފާފް ކިޔައިދިން ގޮތުގައި ރާއްޖެއިން ތަކެތި ލިބުމުގައި ދަތިތައް ހުރުމާއި ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން މިހާރު ތަކެތި ގެންނަނީ ރާއްޖެއިން ބޭރުންނެވެ. ބޭނުންވާ އެންމެ އެއްޗެއް ނުލިބުމުގެ ސަބަބުންވެސް ބައެއް ތަކެތި ނުހެދި ހުރި ކަމަށާއި، މިއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި ޝައްފާފް ބުނެއެވެ.
މީގެއިތުރުން އަތްތެރި މަސައްކަތަކީ ގިނަ ވަގުތާއި ކެތްތެރިކަން ބޭނުންވާ ކަމަކަށް ވުމުން ބައެއް ފަހަރު ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރުބަލިކަން އިހުސާސް ކުރަން ޖެހެއެވެ. ޝައްފާފް ބުނި ގޮތުގައި މިވަގުތު އޭނާ ހުރީ މި މަސައްކަތުން ބްރޭކެއް ނަގައިގެންނެވެ. އެގޮތުން 3 ވަނަ ދަރިފުޅު ވިހެއުމަށްފަހު މި މަސައްކަތް އަދި ސްޓާޓް ނުކުރާކަމަށާއި، މިވަގުތު ބޮޑަށް ސަމާލުކަން ދެނީ އާއިލާއާއި ދަރިންނަށް ކަމަށް އޭނާ ބުންޏެވެ.
މުސްތަގުބަލާ މެދު ޝައްފާފް ކުރާ އުންމީދުތައް ވަރަށް ފުންވެފައި ފުޅަލެވެ. އެގޮތުން މި މަސައްކަތް އަލުން ފަށާއިރު، މަސައްކަތް ކުރާނެ ރަނގަޅު މެޝިނަރީޒް ހޯދާ މިހާރަށް ވުރެ ފުޅާކޮށް މި މަސައްކަތް ކުރުމަކީ އޭނާގެ އަމާޒެވެ. އަދި ތަފާތު ގިނަ ޕްރޮޑަކްޓްސް ހިމަނައިގެން މި މަސައްކަތް ފެށުމަށް ވިސްނަމުން ދާކަމަށް ޝައްފާފް ބުންޏެވެ.
މި ފަދަ މަސައްކަތެއް ކުރަން ބޭނުންވާ ފަރާތްތަކަށް ޝައްފާފްގެ ހާއްސަ މެސެޖެއް
މިފަދަ މަސައްކަތެއް ކުރަން ބޭނުންވާ ފަރާތްތަކަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ އަމިއްލަ ނަފްސަށް އިތުބާރުކޮށް، ކެތްތެރިކަމާއެކު ކުރިއަށް ދިއުމެވެ. އަތްތެރި މަސައްކަތަކީ ހަމައެކަނި އާމްދަނީ ހޯދުމަށް ކުރާ ކަމެއް ނޫން ކަމަށާއި، އެއީ އަމިއްލަ ހުނަރު ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން އޭނާ ފާހަގަކުރެއެވެ.
ފެށުމުގައި ދަތިތަކެއް ހުރި ނަމަވެސް ދޫނުދީ މަސައްކަތް ކޮށްފިނަމަ ކާމިޔާބީއަކީ ލިބޭނެ އެއްޗެއްކަން އޭނާގެ ދިރިއުޅުމުން ސާބިތުކޮށްދެއެވެ. ކޮންމެ ކަމެއް ކުރަން ބޭނުންވިއަސް ވަރަށް ފަސޭހައިން އެކަމެއް ދަސްކުރެވޭނެ މަގުތައް މިހާރު ފަހިވެފައިވާކަމަށާއި މިފަދަ މަސައްކަތެއް ދަސްކުރުމަށް މިހާރު ކޮންމެހެން ކޯހެއް ހަދަން ނުޖެހޭކަމަށް ޝައްފާފް ފާހަގަކުރެއެވެ. ސޯޝަލް މީޑިއާގެ އެހީގައި ބެލޭ ތަފާތު ވީޑިއޯތަކާއި ޓިއުޓޯރިއަލްތަކަކީ މިކަމުގައި ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެއްޗެއް ކަމުގައި ޝައްފާފް ބުނެއެވެ.
އަތްތެރި މަސައްކަތުގެ ދާއިރާއިން ޝައްފާފް ދައްކަމުންދާ ހިތްވަރަކީ މުޅި މުޖުތަމައަށް ހުރި ނަމޫނާއެކެވެ. އަމިއްލަ އަތުން ކުރާ މަސައްކަތެއްގައި ހުންނަ ފުރިހަމަކަމާއި އޭގައި އެކުލެވޭ ލޯތްބަކީ އެހެން އެއްވެސް އެއްޗަކުން ބަދަލުނުކުރެވޭނެ އަގުބޮޑު ފަންނެކެވެ. ގޮންޖެހުންތަކާ އެކުވެސް އޭނާ ކުރަމުންދާ މި އުންމީދީ ދަތުރަކީ ދިވެހި އަތްތެރިކަމުގެ ފަންނު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ.
ހުނަރުވެރިކަމާއި ކެތްތެރިކަން އެކުވެއްޖެނަމަ ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ ހުވަފެންތަކުގައި ކުލަޖެއްސިދާނެކަން މިއަދު ޝައްފާފް މިވަނީ ސާބިތުކޮށްދީފައެވެ.
