އިސްލާމީ ދާއިރާއިން 14 ރަށެއްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކި ކުންފުނިތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްޓަކައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މިރޭ ސޮއިކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި، ގދ. ގައްދޫ، ސ. މަރަދޫ، ކ. މާފުށި، އދ. މާމިގިލި، މ. މުލަކުގައި ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ދ. ކުޑަހުވަދޫއާއި ތ. ވޭމަންޑޫގައި ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފި ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ 'އައްޔަބޭ ޕާޓްނާސް' އާއެވެ.
މީގެ އިތުރުން ލ. ފޮނަދޫގައި ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ޤާއިމްކުރުމަށް ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވާއިރު، ނ. މަނަދޫ، ރ. ދުވާފަރު، ނ. ވެލިދޫގައި ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ގޮފި ހަވާލުކޮށްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މީގެ އިތުރުން އެ ކުންފުންޏާއި ވަނީ ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ފީވަކުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށްވެސް ހަވާލުކޮށްފައެވެ.
މީގެ އިތުރުން ބ. އޭދަފުށީގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިރޭ ހަވާލުކޮށްފައި ވެއެވެ.
އިސްލާމީ ދާއިރާއިން މިހާރުވެސް 90 އަށްވުރެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާއިރު، މީގެ ތެރޭގައި ވަގްފު އިމާރާތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ހިމެނެއެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މި ދާއިރާއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.
