މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް އާންމުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ޑޮކްޓަރުންނެވެ. ބަލިމީހާއާއި އާއިލީގޮތުން ގުޅުމެއް ނެތް ކަމަކު ވަރުބަލިކަމެއްނެތި ޑޮކްޓަރުން ފޯރުކޮށްދޭ ހިދުމަތަކީ އަޅާލުމާއި ލޯތްބާއި ކުލުނުން ފުރިގެންވާ ހިދުމަތްތަކެކެވެ.

ދިމާވާ އެކިއެކި ހާދިސާތަކުގައި އެތައް ބައެއްގެ މަރާ ކުރިމަތިލާން ޖެހި ކިތަންމެ ދެރަވެ، ހިތް ފަޅައިގެން ދިޔަ ނަމަވެސް އެކަން މޫނުމަތިން ދެއްކުމެއްނެތި ދެން އަންނަ ބަލި މީހާއަށް ފަރުވާ ދިނުމުގައި އަނެއްކާވެސް ހަރަކާތްތެރި ވަނީ މުޅިން އާ އަޒުމަކާއެކުގައެވެ. މިއީ އާދައިގެ މީހުންނަށް ވާނެ ކަންކަމެއް ނޫންކަން ކަށަވަރެވެ. އެހެންކަމުން ދަ ޕްރެސްގެ 'މީހުން' ސެގްމެންޓުގެ މިއަދުގެ ލިޔުމުގައި ވެސް މި ހާއްސަ ކޮށްލަނީ އެފަދަ ކުޅަދާނަ ޑޮކްޓަރަަކަށެވެ.

ރޭޑިއޮލޮޖީގެ ހާއްސަ ޑރ. ފާތިމަތު މުފްލިހާއަކީ މީހުންނަށް އެހީތެރިވުމަށް އަބަދުވެސް ޝައުގުވެރިކަން ހުންނަ ކަނބަލެކެވެ. އެގޮތުގެ މަތިން އެންމެ ކުޑައިރު ވާން ބޭނުންވީ ޓީޗަރަކަށް ނަމަވެސް އެ ވިސްނުމާ މުޅިން ހިލާފަށް ޑޮކްޓަރުކަން އޭނާ ހިޔާރުކުރީ މަންމަގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. ޓިޗާރު ކަމާއި ޑޮކްޓަރު ކަމަކީ މަސައްކަތުގެ ގޮތުން ތަފާތު ދެ ކަމެއް ކަމުގައިވީ ނަމަވެސް އެ ދެ މަސައްކަތުން ވެސް ފޯރުކޮށްދެވެނީ ހިދުމަތެއް ކަމަށް މުފްލިހާ ގަބޫލުކުރެއެވެ.

އެއީ މީހުންނަށް އެހީވުމެވެ. "މަންމަ ބޭނުންވީ އާއިލާގައި ޑޮކްޓަރެއް ހުންނަން، ބޭބެ ވެސް ޑޮކްޓަރުކަން ހިޔާރު ނުކުރީމަ މަންމަގެ އެ ހުވަފެން ހަގީގަތަކަށް ހަދާ ދިނުމަށް ޑޮކްޓަރަކަށްވީ" ޓީޗަރަކަށް ވުމުގެ ބަދަލުގައި ޑޮކްޓަރުކަން ހިޔާރު ކުރި ސަބަބު ހިއްސާ ކުރަމުން މުފްލިހާ ބުންޏެވެ.

މުފްލިހާ މަސައްކަތް ކުރާ ބައެއް ފަރާތްތަކާއެކު ރޭޑިއޮލޮޖީގެ ދުވަސް ފާހަގަ ކުރަނީ

ޑޮކްޓަރުކަން ކިޔެވުމަށްފަހު ހާއްސަ ދާއިރާއަކަށް ރޭޑިއޮލޮޖީ ހިޔާރުކުރީ ބަލިމީހާއަށް ވެފައި ހުރީ ކިހިނެއްކަން ދެނެގަތުމުގައި ރޭޑިއޮލޮޖީއެއްގެ ދައުރު މުހިންމު ކަމުން ކަމަށް މުފްލިހާ ބުނެއެވެ.

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ދައުރު އެއްކޮށްލުމަކީ 'ޕަޒްލް' އެއް ރޭވުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރަމުން މުފްލިހާ ބުނީ، އެ ހުރިހާ މީހުން ކުރާ މަސައްކަތް އެއްކޮށްލައިގެން ނޫނީ އެ 'ޕަޒްލް' ފުރިހަމަ ނުކުރެވޭނެ ކަމަށެވެ. އަދި ހުރިހާ ސިއްހީ އެހީތެރިން މަސައްކަތް ކޮށްގެން ނޫނީ ބަލި މީހާއަށް އެންމެ އެކަށީގެންވާ ފަރުވާއެއް ނުދެވޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ.

"އެންމެ ފުރަތަމަ މި ދައްކަނީ ޑޮކްޓަރަށް، އެއަށްފަހު ބަލިމީހާގެ އަލާމާތްތަކަށް ރިއާޔަށްކޮށް މިހަދަން ދެވެނީ ބަލި ދެނެގަތުމަށް ހާއްސަ ތަހުލީލުތައް ހެދިގެންދަނީ، މިސާލަކަށް އެކްސްރޭ، ސީޓީ، އެމް.އާރް.އައި އެއް ނޫނީ ލޭގެ ތަހުލީލެކެވެ. އޭގެން މި އެނގެނީ އެ ހުރިހާ ދާއިރާގައި ވެސް ކުޅެނީ ތަފާތު ބައެއްކަން. އަދި އެންމެން ގުޅިގެން ކަން މަސައްކަތް ކުރެވޭނީ. މިއީ ހަމަ ޓީމްވޯކެއް"
މުފްލިހާ

އެހެންކަމުން މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ދުވަހަކީ ވެސް ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއްގެ ގޮތުގައި އޭނާ ސިފަ ކުރިއެވެ.

މި ވަގުތު ރާއްޖޭގައި 25 ވަރަކަށް ދިވެހި ރޭޑިއޮލޮޖިސްޓުން ތިބިކަން ފާހަގަ ކުރަމުން މުފްލިހާ ބުނީ، ދިވެހި ރޭޑިއޯގްރާފަރުންގެ ނިސްބަތް ވަރަށް މަދު ކަމަށެވެ. އަދި އެއީ ރޭޑިއޮލޮޖިސްޓުން ކުރާ މަސައްކަތުގެ ބޮޑުބައެއް ހިއްސާ ކުރާ ބައެކެވެ. ރޭޑިއޮލޮޖިސްޓުންނަކީ ބަލި ދެނެގަތުމަށް އިމޭޖިންގެ ވަސީލައްތަށް ކަމައްވާ އެކްސްރޭ، ސީޓީ، އެމްއާރްއައި އަދި އަލްޓްރާސައުންޑް ގެ ބޭނުންކޮށްގެން ބަލިދެނެގަތުމަށް ހާއްސަވެފައިވާ ޑަކްޓަރުންނެވެ. އަދި ރޭޑިއޮގްރާފަރުންނަކީ އެކްސްރޭ އެމްއާރްއައި ފަދަ މެޝިން އޮޕަރޭޓްކުރާ މިކަމަށް ހާއްސަވެގެން ތިބި ޓެކްނީޝަނުންނެވެ. މުފްލިހާ ބުނީ، ރޭޑިއޯގްރަފީ ދާއިރާ އަކީ ވަރަށް ޓެކްނިކަލް އެހެންމެ އަދާ ކުރަން ރަނގަޅު ވަޒީފާއެއް ކަމަށާއި އެއީ ފުރުސަތުތައް ވެސް ހުރި ރަނގަޅު ދާއިރާއެއް ކަމަށެވެ.

ވަޒީފާގެ މާހައުލުގައި ކޮވިޑް ދުވަސްވަރަކީ ހަނދާނުން ނުފިލާ ވަރަށް މުހިންމު ދުވަސްވަރެއްކަން ފާހަގަކޮށް މުފްލިހާ ބުނީ އެ ދުވަސްވަރަކީ [މީހާ މީހަކަށް] ހަދައިދިން ދުވަސްތަކެއް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ 2020 ވަނަ އަހަރު ރާޑިއޮލޮޖިސްޓެއް ގެ އިތުރުން އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރުކަން އަދާކުރަމުން މަސައްކަތްތަކެއް ކުރަން ޖެހުމެވެ.

މުފްލިހާ ކޮވިޑް ދުވަސްވަރު، އެއީ ޗެލެންޖިންގް ދުވަސްވަރެއް ނަމަވެސް ވަރަށް ބައިވަރު އެއްޗިސް ދަސްވި ކަމަށް އޭނާ ބުނޭ

އެގޮތުން މާލޭގެ މައި ހޮސްޕިޓަލަކީ އައިޖީއެމްއެޗްކަމުގައި ވުމުން، ކޮވިޑްގެ އެންމެހާ ހިއުމަން ރިސޯސްގެ މަސްއޫލިއްޔަތު ވެސް އަދާ ކުރަން ޖެހުމުން މަސައްކަތް އިތުރުވެ، ޒިންމާ ބޮޑުވެގެން ދިޔަކަމެވެ. " ކޮންމެ ވަގުތެއްގައިވެސް އަޅުގަނޑަށް އެބަ އިނގެންޖެހޭ ކޮވިޑް ފެސިލިޓިގައި ކިތައް ކިތައް ބަލމީހުން އެނދުމަތިކުރެވިފައި ވާކަމާއި ކޮން ފެސިލިޓިއަކަށް ކިތައް ސިއްހ އެހީތެރިން ބޭނުންވާކަން. ކޮވިޑް ބަލި ފިޔަވާ އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތަފްސީލްތައް ވެސް ބަލަހައްޓަން ޖެހޭ." ހިއުމަން ރިސޯސަސްގެ މަސްއޫލިއްޔަތު ހިއްސާ ކުރަމުން މުފްލިހާ ބުންޏެވެ.

މެނޭޖްމެންޓުގެ ދާއިރާއިން ތަމްރީނެއް ވެސް ލިބިފައި ނެތި އެ ދުވަސްވަރު އޭނާއަށް ސީނިއާ ފަރާތްތަކުގެ އެހީއާއެކު ލިބުނު ތަޖުރިބާގެ އަލީގައި މުސްތަގްބަލަށް ހެޔޮ ބަދަލެއް އައުމުން އެ ފުރުސަތު ލިބުނު ކަމަށްޓަކާ އޭނާ ޝުކުރުވެރި ވެއެވެ.

"އެ ދުވަސްތައް އަނބުރާ ގެންނަން ބޭނުމެއް ނުވޭ، އެކަމަކު އެއީ ވަރަށް ހާއްސަ ދުވަސްތަކެއް"
މުފްލިހާ

ކެންސަރު ބައްޔާ ބެހޭ ގޮތުން ވެސް އާންމުން ހޭލުންތެރި ކުރުވުމަށް އެކި ޕްރޮގްރާމްތައް ހިންގާ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދެމުން އަންނަ މުފްލިހާ ބުނީ، ކެންސަރު ބަލިތަކުގެ ތެރޭގައި ކޮންޓްރޯލް ކުރެވޭ އަދި ކޮންޓްރޯލް ނުކުރެވޭ ބައެއް ބަލިތައް ހުންނަ ކަމަށެވެ.

އެގޮތުން ކޮންޓްރޯލް ކުރެވޭ ކަންކަމުގައި ދިރިއުޅުމުގެ ވައްޓަފާޅިއަކީ މުހިންމު ރޯލެއް އަދާ ކުރާ ބައެއް ކަމަށް އޭނާ ބުންޏެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި އެއީ އެމީހާގެ އިތުރުން އެމީހާ ވަށައިގެންވާ މީހުންނަށް ވެސް އޭގެ އަސަރު ކުރާތީއެވެ. އަދި އެއީ ވީ އެންމެ އަވަހަކަށް ދުރުވާންޖެހޭ ނުބައި އާދައެއްކަން ފާހަގަކޮށް މުފްލިހާ ވަނީ ދުފުމާއި އެނާޖީ ޑްރިންކްސްގެ އިތުރުން ސޮސެޖް ފަދަ ކެންސަރު ޖެހުމަށް މަގުފަހިވާ ކާނާ ތަކުން ދުރުވުމަށް ވެސް ހާއްސަ އިރުޝާދެއް ދީފައެވެ.

މީގެ އިތުރުން ކޮންޓްރޯލް ނުކުރެވޭ ކެންސަރުގެ ބަލިތަކުގެ ތެރޭގައި އުރަމަތީ ކެންސަރުގެ ބައްޔަށް އަލިއަޅުވާލަމުން މުފްލިހާ ބުނީ މިއީ ޖެނެޓިކަލީ ގިނައިން އަންހެނުންނަށް ޖެހޭ ބައްޔެއް ކަމަށެވެ. ނަމަވެސް ފިރިހެނުންގެ ތެރޭގައި ވެސް މި ބަލި ޖެހޭ މީހުން އުޅޭ ކަމަށާއި ރާއްޖޭގައި 1 ޕަސެންޓު ފިރިހެނުން މިބަލި ޖެހުމުގެ ފުރުސަތު އޮންނަކަމެވެ. އަދި ދިވެހިރާއްޖޭގައި ވެސް އުރަމަތީގެ ކެންސަރު ފިރިހެނުންގެ މެދުގައި ފެނިފައިވާކަމެވެ.

ދުނިޔޭގެ ކެންސަރު ދުވަހު މުފްލިހާ ފޯރަމެއްގެ ތެރެއިން

ވަޒީފާގެ މާހައުލުގައި ގިނަ ދުވަސްތަކެއްގައި ހިދުމަތް ދިނުމަށް ދެމި ހުރެވެނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކަން މުފްލިހާ ފާހަގަކުރެއެވެ. އެގޮތުން ޑރ. ނިޔާޝާ، ޑރ. އައިންތު، ޑރ. އަލީ ނަޒީރުގެ އިތުރުން ކުރީގެ ސީއީއޯގެ ނަން އޭނާ ފާހަގަކުރަމުން ބުނީ، އެމީހުންގެ ފަރާތުން އެކި ކަންކަން ދަސްވެ ސިއްހީ ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރު ލިބުނު ކަމަށެވެ. ހާއްސަކޮށް ކޮވިޑްގެ ދުވަސްވަރުގައެވެ. އަދި މިހާ ހިސާބަށް ދިއުމުގައި އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ދިން ފަރާތަކީ މައިންބަފައިންކަން ފާހަގަކޮށް މުފްލިހާގެ ޝުކުރުގެ ލިސްޓުގައި ފިރިމީހާއާއި ދަރިންނާއި އާއިލާގެ ހުރިހާ މެންބަރުން ޝާމިލު ކުރިއެވެ. އެގޮތުން ދޮންބެ އާއި ކޮއްކޮ އާއި ރައްޓެހިންގެ ނަން ވެސް އޭނާ ފާހަގަ ކުރިއެވެ.

މުފްލިހާ އަކީ އާންމުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށް ދިނުމުގައި ޓީވީތަކާއި އެހެނިހެން އޮންލައިންކޮށް މަސައްކަތް ކުރާ ފަރާތްތަކާއި ކޮންޓެންޓް ކްރިއޭޓަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ފަރާތެކެވެ. މި މަސައްކަތަކީ މީހުން ހޭލުންތެރިކޮށް އޭނާއަށް އުނގެނިފައިވާ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރަމުންދާ މަސައްކަތެއް ކަމަށް އޭނާ ބުނެއެވެ.

އެގޮތުން މުފްލިހާ ވަނީ ކުޑަކުދިންނަށް ހާއްސަ ޓީވީ ޕްރޮގްރާމެއް ކަމަށްވާ "ސިއްހީ ހަޒާނާ" ދާރެސް ޓީވީއާއި ގުޅިގެން ގެނެސްދޭން ފަށާފައެވެ. ހަމައެއާއެކު ކެންސަރު ފަދަ ބަލިތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް އަމިއްލަ ޓިކްޓޮކް އެކައުންޓްގައި ވެސް ގިނަ މައުލޫމާތުތަކެއް އޭނާ އަންނަނީ ހިއްސާ ކުރަމުންނެވެ. އާންމުންނަށް މައުލޫމާތު ހިއްސާ ކުރުމަށް އޭނާއާ ގުޅިގެން މަސައްކަތް ކުރާ ދާރިސް ޓީވީ އާއި އަސްލު ޓީވީގެ އިތުރުން އެސްއެސް ޓީވީއަށް ހާއްސަ ޝުކުރެއް އޭނާ އަދާކުރިއެވެ.

ރާއްޖޭގެ ބައެއް ޑޮކްޓަރުންނާއެކު މުފްލިހާ

އިންޓަވިއު ނިންމާލަމުން ކިޔުންތެރިންނަށް މުފްލިހާ ވަނީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށާއި ލަނޑުދަނޑިތައް ހާސިލް ކުރުމަށް ހިތްވަރުދީ ހާއްސަ މެސެޖެއް ދީފައެވެ. އެއީ އޭނާ އަބަދުވެސް އަމަލު ކުރާ ގޮތްކަން ފާހަގަކޮށް މުފްލިހާ ނަސޭހަތްތެރިވީ މިއަދު ދިމާވާ ކަންކަމާ މިއަދު ކުރިމަތި ލުމަށެވެ. މާޒީގައި ވެފައިވާ ކަންތައްތަކުން އިބްރަތް ލިބި ކުރިއަށް ދާން މަސައްކަތް ކުރުމަށެވެ. ދުވަސް ނިންމާލާއިރު އަނެއް ދުވަހަށް ކުރަންވީ ކަންކަން ޕްލޭން ކުރުމަށާއި އެއް ކަމެއް ނިންމުމަށްފަހު އަނެއް ކަމަކާ ކުރިމަތިލުމަކީ ދިރިއުޅުމުގައި ކުރިއަށްދާންވީ ކަންކަން ވިސްނާ އިތުރު ހިޔާލުތައް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ކިޔައި ދިނެވެ.

އަދުގެ ހާލަތަށް ބަލާ އިރު އާންމުކޮށް އެންމެން ވެސް ތިބެނީ ފޯނުގެ ސްކްރީނަށް ހުސްވެފައި ކަމަށާއި އެކަމުގެ ސަބަބުން ވަށައިގެންވާ ކަންކަމަށާއި މީހުންނަށް ދެވޭ ސަމާލުކަން ވެސް ކުޑަވެގެން ދާ ކަމަށް މުފްލިހާ ބުނެއެވެ. ނަމަވެސް އެކަން ކަމުން އެއްކިބާވެ އަމިއްލަ މީހާއާ ދޭތެރޭ ވިސްނާ ގޮތަށް އެހެން މީހުންނާ މެދުވެސް ވިސްނާ އިހުތިރާމް ކުރުމަކީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ފަސޭހަވާނެ ކަމެއް ކަމަށް މުފްލިހާ ބުނެއެވެ. "އެދުވަހެއްގަ އުޅޭށޭ ދެން ކުރިއަށް އޮތް ދުވަސްތަކަށް ޕްލޭން ކުރާށޭ. ކުރީގަ ވީކަންތައް ރިފްލެޓް ކުރާށޭ އޭގެން ކޮންމެވެސް އެއްޗެއް ދަސްވީމަ އޭގެން ރިއެކްޓް ކުރާށޭ" އިންޓަވިއު ނިންމާލަމުން މުފްލިހާ ބުންޏެވެ.