މާލޭ ބާޒާރުމަތީގައި މާރުކޭޓް ކޮމްޕްލެކްސް ތަރައްގީ ކުރަން މިއަދު ސޮއިކޮށްފިއެވެ.

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސްގެ ނަމުގައި ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓާ މުހައްމަދު އަބްދުލް ހާދީއެވެ.

މި މަޝްރޫޢުގެ ދަށުން 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމަށް ވަނީ ނިންމާފައެވެ. މި 6 ފަންގިފިލާގެ ބޭސްމަންޓް ހާއްސަ ކުރެވިފައިވަނީ ވެހިކަލް ޕާކް ކުރުމަށް ހާއްސަ ސަރަހައްދަކަށެވެ. އަދި ގްރައުންޑް ފްލޯ މަސް މާރުކޭޓައް ހާއްސަކޮށްފައިވާއިރު، 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ތަރުކާރީ ވިއްކުމަށެވެ. މި ކޮމްޕްލެކްސްގެ 4 ވަނަ ފަންގިފިލާ ހާއްސަ ކުރެވިފައިވަނީ ފުޑް ކޯޓަށެވެ.

126,359,594.94 ރުފިޔާގެ މި މަޝްރޫއު ހަވާލުކުރެވިފައިވަނީ 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ގާއިމުކުރަން ހަމަޖެހިފައިވަނީ މަސްމާރުކޭޓް ކުރިމަތި ލޯކަލް މާރުކޭޓް ސަރަހައްދުގައެވެ.