މާލޭ ނޯތު ހާބަރުގެ ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޕީއެލް އިން ބުނީ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށާއި، އަދި މިފަދަ ދޮގު މައުލޫމާތު ފެތުރުމަކީ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ.

އެމްޕީއެލް އިން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މާލޭ ނޯތު ހާބަރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް އަންގަވާފައިކަމަށެވެ. އެގޮތުން 'އޭ ޒޯން' ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެ ކުންފުނީގެ އަމާޒަކީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުންކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ބަދަލުވެސް ގެނެސްފައިވާކަމަށެވެ. އެގޮތުން މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ހާއްސަކޮށްފައިވާ މާލެ ނޯތު ހާބަރުގެ "ޑީ ޒޯން"، "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގާކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ޕްރޮޖެކްޓަށް ފަހު، މި ޒޯންތައް އަލުން ހުޅުވާލިއިރު އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައި ނުވާ އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ބޭނުންނުކުރެވޭ ގޮތަށް ހެދުންކަމުގައިވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މާލޭ ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނެއްކަން ފާހަގަކޮށް އެމްޕީއެލް އިން ވަނީ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.