އެމިރޭޓްސް ރެޑް ކްރެސެންޓްގެ ފަރާތުން ދިން ފިތުރު ޒަކާތުގެ ފައިސާ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ޔަތީމު ކުދިންނާއި ފަގީރުންނަށް ހަރަދުކުރުމަށްޓަކައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ މިއަދު ހަވާލުކޮށްފިއެވެ.
މި އެހީއަކީ އެމިރޭޓްސް ރެޑް ކްރެސެންޓުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ގުޅުވައިގެން ދުނިޔޭގެ އެކި ގައުމުތަކަށް ފޯރުކޮށްދޭ އިންސާނީ އެހީގެ ތެރެއިން ދިވެހިރާއްޖެއަށް ދިން އެހީއެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ފިތުރު ޒަކާތުގެ ގޮތުގައި 40،780.44 ޑޮލަރު (626,795.36 ރުފިޔާ) ދީފައިވާކަމަށެވެ.
މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ފިތުރު އީދުގެ އުފަލުގައި ބައިވެރިކުރުމަށާއި އީދު ހެދުން ގަނެދިނުމުގެ އިތުރުން ފުޑް ޕެކޭޖު ދިނުމަށާއި ރޯދަ ވީއްލުން ދިނުމަށްކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ގާތް ގުޅުމާއި އިސްލާމީ އުހުއްވަތްތެރިކަމުގެ ރަމްޒެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ގާއިމުކޮށްފައިވާ ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ބައިން ފަގީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ހޭދަކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
2024 ވަނަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވާއިރު މިއީ ދިވެހި ތާރީހުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 2025 ގެ ފުރަތަމަ ކުއާޓަގައި 34 މިލިއަންވަނީ ލިބިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިއަހަރަކީ ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ވެސް ލިބުނު އަހަރުކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ފަގީރުންގެ މެދުގައި ފިތުރު ޒަކާތް ފުރަތަމަ ފަހަރަށް ބެހިގެން ދިޔަ އަހަރުކަމަށެވެ.
