އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނިއުދިއްލީގައި ބޭއްވި "ރައިސީނާ ޑައިލޮގް" އަދި "ސިނާޖިއާ ކޮންކްލޭވް" ނިންމަވާލެއްވުމަށްފަހު، އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ދިއްލީގައި ބޭއްވި މި ދެ ފޯރަމްގައި ބަދަލުކުރެވުނު ހިޔާލުތަކާއި މަޝްވަރާތަކާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް، އެ ބައްދަލުވުންތަކުގެ ތެރެއިން އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކްރިސްޓޮފާ ލަންޑައު ދެއްކެވި ވާހަކައިން ވަރަށް ބޮޑު ސިހުމެއް ލިބިވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ލަންޑައު ވިދާޅުވެފައިވަނީ، މީގެ 20 އަހަރު ކުރިން ޗައިނާއާއެކު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާއަށް ހެދުނު ގޯސްތައް، އިންޑިއާއާއެކު ތަކުރާރު ނުކުރާނެ ކަމަށެވެ.
އަދި އެމެރިކާގެ މި ނިންމުމަކީ އިންޑިއާގެ އިގްތިސާދު ކުރިއަރައި، އެ ގައުމުގެ މިލިއަނުން ގުނޭ ރައްޔިތުން ފަގީރުކަމުން އަރައިގަތުމަށް އެމެރިކާއިން ފުރުސަތު ނުދޭނެ ކަމުގެ އިޝާރާތެއް ކަމަށްވެސް ނަޝީދު ފާހަގަކުރައްވާފައި ވެއެވެ. މިއީ އިންޑިއާ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދަކީ މީގެ ކުރިން ވެސް ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި އިންޑިއާގެ މަސްލަހަތުތަކަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. މިފަހަރުގެ ބައްދަލުވުންތަކަށްފަހު އެމަނިކުފާނު މި ފާޅުކުރެއްވި ކަންބޮޑުވުންތަކަކީ ސަރަހައްދީ އިގްތިސާދާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ވިޔަފާރީގެ ވާދަވެރިކަމަށް އަލިއަޅުވާލާފައިވާ މުހިންމު ނުކުތާތަކެކެވެ.
ރައިސީނާ ޑައިލޮގަކީ ބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސެކެވެ.
