މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ދިވެހިރާއްޖޭއަށް ތެލާ ގޭހުގެ އެއްވެސް ދަތިކަމެއް އަދި ނެތްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިހާލަތުގައި ފިނޭންސް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑު އަދި ބޭސް މެދުކެނޑުމެއްނެތި އެތެރެކުރުމަށް ކުރަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި، ބޭރުގަ ކިޔަވަންތިބި ކުދިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރިޒާވް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، ރެވެނިއު އިމްޕެކްޓް ކުރާވަރު ދެނެގަނެ، މިއާއެކު ފިސްކަލް ޓްރެޖެކްޓަރީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް، އެމްއެމްއޭ، ފިނޭސް މިނިސްޓްރީ އަދި މީރާ ގުޅިގެން ޓެކްނިކަލް ކޮމިޓީއެއް އުފައްދައިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް މިނިސްޓަރު މޫސާ ޒަމީރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ތެލާއި ގޭހުގެ ކަންކަމަށް ރިއާޔަތްކޮށް، ތެލުގެ އަގު މައްޗަށް ދިޔަނަމަވެސް ރާއްޖޭގައި ތެލާއި ގޭހުގެ އެއްވެސް ދަތިކަމެއް ނެތްކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ތެލުގެ އަގާ ބެހޭގޮތުން އިތުރަށް މިނިސްޓަރު ވިދާޅުވީ ހަނގުރާމަ ފެށުނު އިރާ ބަލާއިރު މިހާރު ތެލުގެ އަގު ހުރީ ޑަބަލް ބޮޑުކޮށް ކަމަށެވެ. އަދި ތެލުގެ އަގު މައްޗަށް ދިޔަ ނަމަވެސް، ރައީސްގެ ވިސްނުންފުޅު ހުރީ އާންމުންނަށާއި ވިޔަފާރިތަކަށް ވެސް ގެއްލުން ނުވާނެ ގޮތަށް ތެލުގެ އަގު ގެންގުޅުމަށް ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ސަބްސިޑީގެ އިތުރުން، އެސްޓީއޯއަށް ލިބޭނެކަމަށް ލަފާ ކުރެވޭ ފައިދާގެ ތެރެއިން ބައެއް ސަބްސިޑައިޒްކުރަން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އެސްޓީއޯގެ 24000 މެޓްރިކް ޓަނުގެ އާ ބޯޓާއި، އަދި ކުރިން ވެސް ބޭނުންކުރަމުން އައި އެސްޓީއޯގެ 22000 މެޓްރިކް ޓަނުގެ ބޯޓުގެ އެހީގައި ރާއްޖެއަށް ބޭނުންވާ ތެޔޮ އަބަދުވެސް ޓްރާންސިޓް ވަމުން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހެން ކަމުން ތެލާއި ގޭހުގެ ކަންކަން ރަނގަޅަށް ހުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
