އިންޑިއާއިން ދިވެހިރާއްޖެއަށް އެކްސްޕޯޓު ކުރާ ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޓެކުހުގެ ބާވަތެއް ކަމަށްވާ 'ރޯޑް އެންޑްއިންފްރާސްޓްރަކްޗާ ސެސް' (އާރުއައިސީ) ކަނޑާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާ ސަރުކާރުން މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ނިންމުމުގައިވާ ގޮތުން، މި ޓެކްސް އުނިކުރަން ނިންމާފައިވަނީ އެ ގައުމުގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތެލުންނެވެ. މި ބަދަލާއެކު ރާއްޖޭގެ އިތުރުން މޮރިޝަސްއަށް ވެސް މި ލުއި ދިނުމަށް ވަނީ ނިންމާފައެވެ. މީގެކުރިން އިންޑިއާއިން މިފަދަ ލުއިތައް ދެމުން އައީ ސްރީ ލަންކާ، ބޫޓާން، ބަންގްލަދޭޝް އަދި ނޭޕާލަށެވެ.

މި އިސްލާހަށް ގެޒެޓުގައި ޝާއިއުކުރި ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، މީގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ހެޔޮވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މިހާރު ރާއްޖެއަށް މައިގަނޑު ގޮތެއްގައި ތެޔޮ އެތެރެކުރަނީ އޮމާން، މެލޭޝިއާ، ޔޫއޭއީ އަދި ސިންގަޕޫރު ފަދަ ގައުމުތަކުންކަމުގައިވާއިރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ އުފުލިފައެވެ.

ރާއްޖެއިން އިންޑިއާއިން ތެޔޮ ގަތުމާ ގުޅޭގޮތުން މީގެކުރިން މަޝްވަރާކޮށްފައިވަނީ، ހަނގުރާމައިގެ ސަބަބުން ތެލުގެ ތާށިކަމެއް ކުރިމަތިވެދާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ. އިންޑިއާ ސަރުކާރުގެ މި ނިންމުމާއެކު، ކުރިއަށް އޮތް ތަނުގައި އިންޑިއާ މެދުވެރިކޮށް ތެޔޮ އެތެރެކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.