މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަމަނުޖެހުމުގެ ތެރެއިން، ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އަންނަ ރިކުއެސްޓްތައް ރިޖެކްޓް ކުރަމުންދާކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލު މިހެން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް، ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

މި ކޮމިޓީ އެކުލަވާލާފައިވަނީ ރައީސުލްޖުންހޫރިއްޔާގެ އިރުޝާދުގެ ދަށުން މެދުއިރުމަތީގެ މަޝްރަހަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތާއި އިގުތިސާދީ ހަމަޖެހުމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ވަޒަންކުރުމަށެވެ. އަދި މި ކޮމިޓީގެ އެންމެ އިސް މަގްސަދަކީ މިހާލަތުގައި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ކުރު އަދި ދިގު މުއްދަތުގެ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންދާކަމުގެ ޔަގީންކަން އާންމުންނަށް އަންގައިދިނުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަަރު ވިދާޅުވީ އިމްޕޯޓަށް ބަރޯސާވެފައިވާ ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެދާނެ އިގްތިސާދީ އަދި ސަލާމަތީ ގޮންޖެހުންތައް މި ކޮމިޓީ އިން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ އަމާން ކަމާއި އިގުތިސާދު ހިމާޔަތް ކުރުމުގެ ދަށުން، އެއްވެސް ގައުމަކުން ހަމަލާއެއް ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު އަދި މިހާތަނަށް ބޭނުންކޮށްފައި ނުވާނެކަމަށް ހަލީލު ވިދާޅުވިއެވެ. އަދި އެއްވެސް ގައުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށް ހަމަލާ ދިނުމަށް ހުއްދައެއްވެސް ނުދޭނެކަމުގެ ޔަގީންކަން ހަލީލު ދެއްވިއެވެ. އަދި އެފަދަ ރިކުއެސްޓްތައްވެސް ރާއްޖެ އިން ރިޖެކްޓް ކުރަމުންދާކަމަށް ހަލީލު ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ހަމަ ނުޖެހުންތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ހާއްސަކޮށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާ މިނިސްޓަރު ހަލީލު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނީއްސުރެން ބޭރުގަ ދިރިއުޅުއްވާ ފަރާތްތަކުން ރެޖިސްޓްރީވާން އިއުލާންކޮށް، އޭގެ ދަށުން އެހީބޭނުންވެފައިވާ ދިވެހިންނަށް އެހީ ފޯރުކޮށްދެވެމުންދާކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ބޭނުންވި މަންޒިލްތަކަށް ރައްކާތެރިކަމާއެކު ގެންދިއުމަށް އެހީ ވެވުނުކަމަށް މިނިސްޓަރު ފާހަަކުރެއްވިއެވެ.