ލިޔުންތެރިކަމުގެ ދާއިރާގައި ދިވެހިންގެ ތެރޭގައި ތަފާތު ހުނަރުވެރި މީހުން އުޅެއެވެ. އޮންލައިން ޕްލެޓްފޯމްތަކުގައި ލިޔާ މީހުންގެ އިތުރުން ފޮތް ލިޔާ މީހުން މީގެ ތެރޭގައި ހިމެނެއެވެ. ދިވެހި ބަހުން ލިޔެފައި ހުންނަ ތަފާތު ބާވަތްތަކުގެ ފޮތްތައް ފެންނަން ހުންނަ އިރު ކުޑަކުދިންނަށް ހާއްސަ ވާހަކަ އަދި މައުލޫމާތު ހިމެނޭ ފޮތްތައް ލިޔާ މަދު ބަޔަކު ދިވެހިންގެ ތެރޭގައި އުޅެއެވެ.
މިއަދު 'ދަ ޕްރެސް' މީހުން ސެގްމެންޓްގައި މި ހާއްސަކޮށްލަނީ ކުޑަކުދިންގެ ފޮތްތައް ލިޔެ ޕަބްލިޝް ކުރަމުން އަންނަ ޒުވާން ލިޔުންތެރިއަކަށެވެ. ފާތުމަތު ޝުއާއު އަކީ އަމިއްލަ އަށް ފޮތް ލިޔެ އެ ފޮތުގެ ގްރެފިކްސް ޑިޒައިނާއި ލޭއައުޓް އަމިއްލައަށް ތައްޔާރުކޮށްގެން މާކެޓަށް ފޮތް ނެރެމުން އަންނަ ފަރާތެކެވެ.
ޝުއާއު އަކީ ކުޑައިރު ވެސް ފޮތް ކިޔުމަށް ޝައުގުވެރިކަން ހުރި ކުއްޖެކެވެ. ކުޑަ އިރު އޭނާގެ ބައްޕަ ތަފާތު ވައްތަރުގެ ވާހަކަ ފޮތާއި، ބަނދި ރައިވަރު ޅެން ފޮތްތައް ގެންނަ ކަމަށް ޝުއާއު ބުނެއެވެ. އޭރު އޭނާގެ ގޭގައި ފޮތް ހަރެއް ހުންނަ ކަމަށާއި އެތަން އޭނާ ސިފަކުރަނީ ކުޑަ ކުތުބްހާނާއެއް ހެންނެވެ. ފޮތް ކިޔުމަށް އޭރު ޝައުގުވެރިކަން ހުރި ނަމަވެސް ފޮތް ލިޔުންތެރިއަކަށް ވުމަކީ އޭނާގެ ހިޔާލުގައި އޮތް ކަމެއް ނޫނެވެ.
ޒަވާޖީ ހަޔާތެއް ފަށައިގެން މަންމައަކަށް ވީ އިރު ޝުއާއު އަކީ ކުޑަކުދިންނަށް ކިޔަވައި ދިނުމުގައި ހަރަކާތްތެރިވާ ފަރާތެކެވެ. ތުއްތު ކުދިންނަށް ޓިއުޝަން ދިނުމަކީ ވެސް އޭނާ ކުރަމުން އަންނަ މަސައްކަތެކެވެ. ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހުނު އިރު ކުޑަކުދިންގެ ފަރާތުން ފެންނަމުން އައި ކަންކަމުގެ ތެރޭގައި ފަރިތަކޮށް ދިވެހި ބަހުން ވާހަކަ ދައްކާ ކުދިން މަދުކަން ފާހަގަވެގެން ދިޔަ ކަމަށް ޝުއާއު ބުނެއެވެ. އެހެންކަމުން ދިވެހި ބަހަށް ކުޑަކުދިން ހިތްތަކުގައި ލޯބި ޖެއްސުމަކީ އޭނާ ކުރަން ބޭނުންވި ކަމެކެވެ. އެ ގޮތުން ކޮވިޑްގެ ބަލިމަޑުކަން ފެތުރިގެން ދިޔަ ދުވަސްވަރު ގޭގައި ގިނަ ވަގުތު ހުންނަން ޖެހުމުން ފޮތެއް ތައްޔާރުކޮށް ނެރުމުގެ ހިޔާލު އައި ކަމަށް އޭނާ ބުނެއެވެ.
އެގޮތުން އެންމެ ފުރަތަމަ ފޮތެއްގެ ގޮތުގައި އޭނާ ނެރުނީ "އަޅުގަނޑަކީ މުސްލިމެއް" ނަމުގައި އޭނާ ތައްޔާރުކުރި ފޮތެކެވެ. އެ ފޮތަށް ފަހު ދެން ޝުއާއުގެ މަންމަ ލިޔެފައިވާ ފޮތެއް ނެރުނު އިރު އެ ފޮތުގެ ގްރެފިކްސް، ލޭއައުޓް ޑިޒައިނަކީ ޝުއާއުގެ އަމިއްލަ މަސައްކަތެވެ. އެއަށްފަހު ޝުއާއުގެ އަމިއްލަ ފޮތްތައް ނެރުމަށް ކުރި މަސައްކަތުގައި މާކެޓްގައި މިހާރު ހުރި ފޮތްތަކަށް ބެލުމަށް ފަހު ކުޑަކުދިންގެ ދީނީ ދިވެހި ތަފާތު ފޮތްތައް ނެރުމުގެ ވިސްނުން ހަގީގަތަކަށް ހަދަން އޭނާ މަސައްކަތް ފެށިއެވެ.
މިހާތަނަށް 4 ފޮތެއް ޝުއާއު ޕަބްލިޝްކޮށްފައިވާ އިރު، މިވަގުތު ދެ ފޮތެއް ޕަބްލިޝްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިހާރު އެ ދެ ފޮތް ޗާޕްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ވަރަށް އަވަަހަށް އެ ދެފޮތް ވެސް މާކެޓަށް ނެރެވޭނެ ކަމަށް ޝުއާއު ބުނެއެވެ.
މި މަސައްކަތުގައި ޝުއާއު އަށް ދިމާވި އެންމެ ބޮޑު ގޮން ޖެހުމަކީ ދީނީ ފޮތެއް ނެރޭ އިރު އޭގައި ނުބައި މައުލޫމާތެއް ހިމެނިދާނެތީ ސަމާލުކަން ދީގެން ބަލަން ޖެހުނު ކަންކަމެވެ. އެފަދަ ފޮތެއްގައި ކުޑަ މިސްޓޭކެއް ފެނުނަސް އެއީ ވަރަށް ބޮޑު މައްސަލައަކަށް ވެދާނެ ކަމަށް ބަލައިގެން، ޝެއިހުންނާއި ދީނީ އިލްމުވެރިންގެ ލަފާ އޭނާ ހޯދިއެވެ. މި ފޮތްތައް ފާސްކުރުމުގެ މަރުހަލާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަން ޝުއާއު ފާހަގަކުރިއެވެ.
މި މަސައްކަތުގައި ދެން ދިމާ އެންމެ ބޮޑު ގޮން ޖެހުމަކީ ހުރިހާ ކަމެއް ވެސް އޭނާ އަމިއްލަ އަށް ކުރަން ޖެހުން ކަން ޝުއާއު ފާހަގަކުރެއެވެ. މަންމައެއްގެ ގޮތުގައި އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރަމުން ވަޒީފާގައި ވަގުތު ހޭދަކުރަމުން އަދި ފޮތުގެ މަސައްކަތަށް ވަގުތު ހުސްކޮށްގެން މިކަން ކުރުން އެއީ ޗެލެންޖިން ކަމެއްގެ ގޮތުގައި ސިފަކުރިއެވެ. ބުރަކޮށް އުޅެމުންވެސް މި ހުވަފެނުގައި ކުލަޖެހިގެން ދިޔައީ އޭނާގެ އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުމާ އެހީތެރިކމަުގެ ސަބަބުންކަން ޝުއާއު ފާހަގަކުރެއެވެ.
ޝުއާއުގެ ފުރަތަމަ ފޮތް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުން ދިޔަ އިރު އޭނާގެ މަސައްކަތް ބޭބެއަށް ދައްކާލި ދުވަސް ހިއްސާކުރިއެވެ. އެ ދުވަހު ޝުއާއުގެ މަސައްކަތް ބެލުމަށް ފަހު ބޭބެ ދިން ހިޔާލަކީ ޝުއާއުގެ ފޮތްތައް އިތުރަށް ފުރިހަމަ ވެގެން ދިޔަ ކަމެއް ކަމަށް ވެސް އޭނާ ބުނެއެވެ. އެ ފޮތުގެ ޑިޒައިން އަދި ލޭއައުޓާއި ކުރެހުންތަކަށް ބެލުމަށްފަހު ބޭބެ އެދުނީ އެހެން މީހެއްގެ މަސައްކަތް ނުހިމަނާ ޝުއާއުގެ މަސައްކަތް ހިނައިފި ނަމަ ފޮތުގެ ކޮލިޓީ މާ ފުރިހަމަ ވެގެން ދާނެ ކަމަށެވެ. އަދި އެ މުޅި ފޮތަކީ ވެސް ޝުއާއުގެ މަސައްކަތައް ވެގެން ދާނެ ކަމަށެވެ. ބޭބެ ދިން ހިޔާލާ އެކު ކުރެހުމަށް ވެސް ލޯބި ކުރާ ޝުއާއު އެ މަސައްކަތް ފެށީ އޭނާގެ ފިރިމީހާ ގެނެސްދިން އައިޕެޑަކުން ޑިޖިޓަލް އާޓްގެ މަސައްކަތްތައް ދަސްކުރަން ފެށި ހިސާބުން ކަމަށް ޝުއާއު ބުނެއެވެ.
ކާމިޔާބު ކޮންމެ މަސައްކަތެއްގެ ފަހަތުގައި ގިނަ ބަޔަކު ތިބޭނެ ކަމަކީ ގަބޫލު ކުރަންޖެހޭ ކަމެކެވެ. ޝުއާއުގެ މި ކާމިޔާބީގެ ފަހަތުގައި ތިބީ އޭނާގެ އާއިލާއެވެ. މިހާތަނަށް 4 ފޮތް ޕަބްލިޝްކުރެވިފައިވާ އިރު އެ ކާމިޔާބީއަށް މާތްﷲ އަށް ހަމްދުކުރަމުން ޝުއާއު ބުނީ، މަންމަ އާއި ބައްޕަގެ ފަރާތުން ލިބޭ ހިތްވަރާއި ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމާއި ބޭބެގެ ފަރާތުން ލިބޭ އެހީތެރިކަމާ ނުލާ މި މަސައްކަތް މިހާ ފުރިހަމައަށް އަދާ ނުކުރެވޭނެ ކަމަށެވެ.
އެއަށްފަހު އޭނާގެ މަސައްކަތް ބަލައިގަންނަ ފަރާތްތަކާއި ފޮތް އުފެއްދުމަށް ތަފާތު ހިޔާލުތައް ވެސް ދޭ ފަރާތްތަކަކީ އޭނާއަށް ވަރަށް މުހިއްމު ބައެއް ކަމަށް ޝުއާއު ބުނެއެވެ. އެގޮތުން އެ ހުރިހަ ފަރާތްތަކަށް ޝުއާއު ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
އިންޓަވިއު ނިންމާލަމުން ފޮތް ލިޔެ ޕަބްލިޝް ކުރުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ޝުއާއު ވަނީ ހާއްސަ މެސެޖެއް ދީފައެވެ. އަލަށް މި ފަދަ ކަމެއް ކުރަން ބޭނުންވާ ފަރާތެއް ނަމަ ލިޔަން ވިސްނާ ފޮތެއް ލިޔުމަށް މަސައްކަތް ކޮށް އަމިއްލަ ވަންތަ އެއްޗެއް އުފެއްދުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވިއެވެ. ޕަބްލިޝްކުރާ ފޮތަކީ އޭގެ ސަބަބުން ކިޔާ ބަޔަކަށް ފައިދާ ވާނެ ފޮތަކަށް ހަދަން މަސައްކަތް ކުރަން ވާނެ ކަމަށް ވެސް އޭނާ ބުނެއެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި އަލަށް މި ދާއިރާއަށް ނުކުންނަ އިރު، މި ދާއިރާގައި ބައެއް މީހުން ކޮށްފައި ހުންނަ މަސައްކަތްތަކަށް ބަލައި އެ މަސައްކަތްތަކާއި އަމިއްލަ މަސައްކަތާ އަޅާ ނުކިޔުމަށް އޭނަ ނަސޭހަތްތެރިވިއެވެ.
