ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) އަކީ ކޮންމެ އުމުރެއްގެ، ކޮންމެ ޖިންސެއްގެ، ކޮންމެ މީހަކަށްވެސް ދިމާވެ ދާނެ މައްސަލަ އެކެވެ. ހާއްސަކޮށް އަންހެނުންނާ، އުމުރުން ދުވަސްވީ މީހުންނާ، ސިއްހީ މައްސަލަތައް ހުންނަ ފަރާތްތަކުގެ ތެރޭގައި މިއީ އާންމުކަމެކެވެ
ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން އަކީ ކުޑަކަމުދާ ނިޒާމްގައި ޖަރާސީމު އުފެދުމެވެ. ޔޫޓީއައިގެ ވޭނާ ކުރިމަތިލާންޖެހެނީ ހަށިގަނޑުން ކުޑަކަމުދާ ނަޖިސް ބޭރުކުރުމަށް ބޭނުންކުރާ ޔޫރެތްރާ ގައި ބެކްޓީރިއާ އުފެދިގެންނެވެ. އެހެން ނަމަވެސް ކުޑަކަމުދާ ނިޒާމުގެ ކޮންމެ ދިމާލެއްގައި ވެސް ބެކްޓީރިއަލް އިންފެކްޝަން އުފެދިދާނެއެވެ. އެ ގޮތުން ކިޑްނީ، ޔުޓެރަސް، ބްލެޑާ ނުވަތަ ޔޫރެތުރާ އަކީ މި އިންފެކްޝަން އުފެދިދާނެ ތަން ތަނެވެ. މިއީ ކުޑަކަމުދާ ނިޒާމަށް އެންމެ އާންމުކޮށް ދިމާވާ މައްސަލަ ތަކުގެ ތެރެއިން އެއް މައްސަލައެވެ.
އާންމުކޮށް ޔޫޓީއައި ޖެހޭ ސަބަބުތަކުގެ ތެރޭގައި ކުޑަކަމު ނުގޮސް މާ ގިނަ އިރު ހުރުން، ހަކުރު ބަލި، މާ ބަނޑުވުން، ކެފެއިން ހިމެނޭ ބުއިންތައް މާ ގިނައިން ބޭނުންކުރުން، ކުޅިކޮށް އަދި މާ ލޮނުގަދަކޮށް ކެއުމުގެ އިތުރުން ޖިންސީ ގުޅުމުގެ ސަބަބުންވެސް އިންފެކްޝަން އުފެދެއެވެ. މީގެ އިތުރުން ހަށިގަނޑަށް ފެން ބޭނުންވާ މިންވަރަށް ފެން ނިލުބުމަކީ އިންފެކްޝަން އުފެދޭ އެންމެ މައިގަނޑު އެއް ސަބަބެވެ.
ޔޫޓީއައި ޖެހުމުން ފެންން އަލާމަތްތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާޖެހުން، ކުޑަކަމުދާ ތަކެތި މަދުމަދުން ބޭރުވުން، ކުޑަކަމުދާއިރު ދިލަނެގުން، ކުޑަކަމުދާ ތަކެތީގެ ކުލަ ބަދަލުވުން އަދި ދަށްބަނޑުގައި ރިއްސުމާއެކު ބައެއް ފަހަރު ކުޑަކަމުދާ އިރު ލޭއައުމަކީ ވެސް ދިމާވާ ކަމެކެވެ.
ރަމަޟާންމަހު، އާންމު ސިއްހަތަށް ބޮޑު އިސްކަމެއް ދޭންޖެހޭ އިރު މިއީވެސް ފަރުވާކުޑަކޮށް ދޫކޮށްލާ ވަރަށް ވުރެ ވޭން ހުރި ކަމެކެވެ. ރޯދައަށް ހުންނައިރު ޔޫޓީއައި މެނޭޖް ކުރުމަށް ބޭނުންވަނީ ހައިޑްރޭޝަން އާއި ސާފުތާހިރުކަމާ، ފައިދާ ހުރި ކާނާއަވެ. އެހެންކަމުން ރޯދަ ވީއްލުމަށްފަހު، ހާރު ކެއުމާ ދޭތެރޭ 2 ނުވަތަ 3 ލީޓަރު ފެން ބުއިމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން ކަރާ، ކިއުކަމްބާ ފަދަ ބާވަތްތައް ކެއުމުގައި ހިމެނުމުގެ އިތުރުން ސޫޕަކީވެސް ރަނގަޅު އެއްޗެކެވެ. ރޯދަ މަހު ވީހާވެސް ބޮޑަށް ކެފެއިން އަދި ހަކުރު އެޅި ބުއިންތަކާ ދުރުގައި އުޅުމަށް އިސްކަން ދޭށެވެ.
މީގެ އިތުރުން ފާހާނާއަށް ދާން ބޭނުންވާ ވަގުތު ފާހާނާއަށް ދިއުމަކީވެސް ހަށިގަނޑުގައި ހުންނަ ބެކްޓީރިއާ ބޭރުކޮށްލުމަށް އެހީއަކަށް ވެގެން ދާނެއެވެ. އަބަދުވެސް ކެއުމުގައި ޔޯގަޓުގެ އިތުރުން ކްރޭންބެރީ ހިމަނާލުމަކީވެސް ފަސޭހައިން ކޮށްލެވޭނެ ކަމެކެވެ. މީގެ އިތުރުން ކުރިމަތީފަރާތް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާ، ކުރިމަތީ ފަރާތުގައި އެއްވެސް ބާވަތެއްގެ ސެންޓެއް ނުވަތަ ސެންސިޓިވް ވަހެއް ހުންނަ އެއްޗެއް ބޭނުން ނުކުރުމާ، ބްލެޑާ ރަނގަޅަށް ހުސްވަންދެން ކުޑަކަމުދިއުން މުހިއްމެވެ.
ޔޫޓީއައިގެ އަލާމާތްތައް ދެމިގެން ދާނަމަ ނުވަތަ ގޯސްވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރުގެ ލަފާ ހޯދާށެވެ. މިކަމުގައި ފަރުވާ ކުޑަކުރެވިއްޖެ ނަމަ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އިންފެކްޝަން ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

