ދުނިޔެމަތީގައި އެހާ މާތް މީހުން ވެސް އުޅޭ ހެއްޔެވެ. އޭނާގެ މުޑުދާރު އަމަލުތައް އެނގި ހުރެ އޭނާ ބަލައިގަންނަން އެ ޒުވާނާ އެހުރީ ތައްޔާރަށެވެ. ފޯނު ކަނޑާލުމަށްފަހު އަފްނާންގެ އަތުގައި ބެންޑޭޖް އަޅާ ލޭ މަނާކުރަން ބާރު ބާރަށް އައްސާލިއެވެ. އެނދުގައި ހަމަޖެހިގެން އިށީނދެގެން އިނދެ އެ ޒުވާނާ ދެއްކި ވާހަކަތަކާމެދު ވިސްނާލިއެވެ. ތައުބާވެ ރަނގަޅު މީހަކަށް ވާން އަފްނާން ބޭނުމެވެ. އެފަދަ ހެޔޮލަފާ ދަރިއަކަށް ވެވުނު ދުވަހަކުން އޭނާގެ މަންމަ ގާތަށް އަންނަން އަޒުމް ކަނޑައެޅިއެވެ.

*** *** *** *** *** ***

ސިއްސައިގެން ގޮސް ހެދުމުގެ އަތުކުރި ތިރިކޮށްލަމުން ދޮރާ ދިމާއަށް އަފްނާން ބަލާލީ އެ ކޮޓަރި ތެރެއަށް މީހަކު ވަތްކަމުގެ އިހްސާސް ވުމުންނެވެ. ދޮރުމަތީ ހުއްޓިގެން ހުރި ރާއިދު ފެނުމުން އަފްނާންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ތެދުވެ މޫނުމަތީ އަތްހާކާލިއެވެ.

"މަންމާ... ބަލީތަ؟..." އަފްނާންގެ ރަތްވެފައިވާ ދެލޮލާއި މޫނަށް ބަލާލަމުން ރާއިދު ވާހަކަ ދެއްކީ ވަރަށް ދެރަވެފައި ހުރެއެވެ. އަފްނާނުގެ މަގަތުގައި ރާއިދް އިށީނުމުން އަފްނާން އިސްޖަހާލީ އޭނާގެ ދަރިފުޅަށް އެމޫނުމަތިން ކަމެއް ފާހަގަ ވެދާނެތީއެވެ.

"ކޮބާ ބައްޕަ؟.. ކައިފިންތަ؟..." މައުލޫ ބަދަލުކޮށްލަން އަފްނާން ސުވާލުކުރީ ރޭގަނޑުގެ ކެއުމާ ބެހޭ ގޮތުންނެވެ.

"އާން ކައިގެން މިއައީ... ބައްޕަ ނިކުމެއްޖެ ބޭރު ޖޯލިފައްޗަށް... މަންމާ.. އަޅުގަނޑު އެބަ އަންނަން ބޭރަށް ގޮސްލާފަ... އެންމެ ރަނގަޅުތަ؟.." ރާއިދު ބޭރަށް ދަންޏާ އޭނާގެ މަންމަ ގާތުން ހުއްދަ ހޯދާފަ ނޫނީ ނުދާނެއެވެ. އަފްނާންމެން ދެމަފިރިންނަށް ރާއިދަށް ދީފައިވާ ތަރުބިއްޔަތުން މިއަދު ފެންނަމުން މިދަނީ އޭނާގެ ކިބައިގައި ހަރުލާފައިވާ ރީވެތި އަޚްލާގެވެ.

"އެހާ ލަސްނުކޮށް އަންނައްޗޭ!..." އެހެންޏާ ރާއިދު ދަނީ ކޮންތާކަށްތޯ ސުވާލުކުރާ އަފްނާނަށް އިތުރު ސުވާލެއް ކުރާނެ ހިތްވަރެއް ނުލިބުނެވެ. ރާއިދުގެ ބުރަކަށީގައި އަފްނާނު ފިރުމާލުމުން އޭނާ އެކޮޓަރިން ނިކުމެގެން ދިޔައެވެ. އެނދުން ތެދުވަމުން ގޮނޑިމަތީ އަޅުވާލި ބުރުގާ ނަގާ ބޮލަށް މަހާލަމުން އަފްނާނު ބޭރަށް ނިކުތީ ކާމޭޒުމަތީ ހުރި ތަށިތައް ނަގާށެވެ.

ރޭގަނޑުގެ ކެއުމަށްފަހު މަޖުދީ ބޭރު ޖޯއްޔަށް ނިކުމެ ޖައްސާލީ ދުފާ ތަބަށް އުނގަށް ލައިގެންނެވެ. ތަބަކު ތެރޭގައި ހުނިފުޅި ނެތުމުން މަޖުދީ އަޑު ބާރުކޮށް އަފަނާނަށް ގޮވާލިއެވެ. "އަފްނާން... ގެނެސްދީބަލަ ހުނި ފުޅި..." މޫނު ނިވާކުރާ ފޮތިކޮޅު ތިރިކޮށްލަމުން އަފްނާން ބޭރަށް ނިކުމެ މަގާ ދިމާއަށް ބަލާލިއެވެ. ހުނި ފުޅި މަޖުދީ އަތަށް ދިއްކޮށްލުމުން އެފުޅީގައި މަޖުދީ ހިފަމުން އަފްނާންގެ މޫނަށް ބަލާލިއެވެ.

"އާދެބަލަ މިތާ އިށީންނަން... ކޮން ކަމަކާ ތި ވިސްނަނީ... ފަހަކަށް އައިސް އަފްނާން މާ މަޑުން ހުންނާތީ.. ކަމަކާ ހިތްހަމަ ނުޖެހިފަތަ؟.." މަޖްދީގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އަފްނާން ދެއަތަށް ބޯ ހޫރާލިއެވެ. "މިރޭ ކެމްޕޭން ކުރާ ތަނަށް ނުދަނީތަ؟..." އަފްނާންގެ ވާހަކަ ދެއްކުމުގައި ވަނީ މަޑުމައިތިރި ކަމެވެ.

"އާން. ދުފާލައިގެން އެދިމާއަށް ދާން މިދަނީ... މިރޭ އެކަމަކު އެހާ ލަހެއް ނުވާނަން... އިނގޭ... ކޮބާތަ ރާއިދު.. މަ އެސޮރަށް ގުޅާފަ ބުނާނަން ލަސްނުކޮށް ގެއަށް އަންނާށޭ..." ޖޯލިން ތެދުވެ މަޖުދީ ގެއިން ބޭރަށް ނިކުންނަން ދަމުން ވާހަކަ ދެއްކީ ފަސްއެނބުރި ބެލުމެއް ނެތިއެވެ. މަޖުދީ ގޮސް ލޮލުކޮޅަށް ގެއްލެން ދެން އެދިމާއަށް ބަލަން އަފްނާން ހުރުމަށްފަހު ދުފާތަބަށް ހިފައިގެން ގޭތެރެއަށް ވަންނަން މިސްރާބު ޖެހިއެވެ.

*** *** *** *** *** ***

ތެޅެމުން ފޮޅެމުން ލަތީފާ ގެއަށް އައިސް ވަނެވެ. ގޭތެރޭގައި ޝާކިރު ނެތްކަން އެނގުމުން އަވަހަށް ތުވާލި ހިފައިގެން އޭނާ މިސްރާބު ޖެހީ ގިފިއްޔާ ދިމާއަށެވެ. ގިފިއްޔަށް ވަންނަން އުޅުނު ލަތީފާގެ ފިޔަވަޅު މަޑުޖެހުނީ ގޭތެރެއިން އޭނާއަށް ސީމާ ފެނުނު ބާއޭ ހިތަށް އެރުމުންނެވެ. އެނބުރި ގޭތެރެ ބަލާލަން ދާން ހިތަށް އެރި ނަމަވެސް ލަތީފާ ހުރީ އެއަށްވުރެއް ގައިން ތާހިރުވާން ބޭނުން ވެފައެވެ. އެހަންކަމުން ގިފިއްޔަށް ވަދެ ބޮކި ދިއްލާލީ ދޮރުގެ ތަންޑު އެޅުވުމަށް ފަހުއެވެ. ލައިގެން ހުރި ދިގު ހެދުން ބޭލުމަށްފަހު ވަޅުމަތީ އަޅުވާލިއެވެ. ދާނި ނަގާ ވަޅުތެރެއަށް ކޮށްޕާލުމަށްފަހު ފެން ދާންޏެއް ނަގާ ބޮލަށް އޮއްސާލިއެވެ.

ހަށިގަނޑަށް ފިނިކަމާއި އަރާމްކަމެއް ލިބުނު ނަމަވެސް ލަތީފާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައީ ޟިރާރުގެ އަމަލުތަކެވެ. އޭނާ ކިޔައިދިން ވާހަކަތެކެވެ. ސީމާ ރަނގަޅު ނުވާ ކަމާއި ލަތީފާގެ ސިއްރު ފަޅާ އަރާފާނެތީއެވެ. އެދުވަހަކުން ޝާކިރު އޭނާ މަރާނެއެވެ.

ފެންވަރައިގެން ގިފިލިން ނިކުމެ ލަތީފާ ގޭތެރެއަށް ވަނުމަށް އަވަސްވެގަތެވެ. ގޭތެރެއަށް ވަންނަން ދިޔަ މަގުމަތީ ބަދިގެ ފަރާތުގައި މީހަކު އުޅޭތޯ ޔަގީންކުރަން އެފަރާތަށް ލަތީފާ ބޯދިއްކޮށްލިއެވެ. "ދަރިފުޅާ ސީމާ... ހިނގާ ކާން... ކާން ހަދަންތަ... މަންމަ މި ދަނީ ބަދިގެ ފަރާތަށް އަވަހަށް ނިކުމޭ... ކައިގެން ދެން ނިދާނީ..." ގޭތެރެއަށް ވަންނަމުން ލަތީފާ ގޮވާލިއެވެ.

އިސްތަށިގަނޑުގައި އޮޅާފައިވާ ތުވާލި ނައްޓާލަމުން އިސްތަށިގަނޑު ނިއުޅުވާލިއެވެ. ހަށިގަނޑު ގުދުކޮށްލާފަ އިސްތަށިގަނޑު ތިރިއަށް ވައްޓާލަމުން ދެބުރަކަށް ތަޅުވާލީ އިސްތަށިގަނޑުގައިވާ ފެންތައް ފޮޅާލާށެވެ. އަތުން އިސްތަށިގަނޑު އެއްކޮށްލާ ހުޅިއެއް ޖަހާލަމުން ކޮނޑެއްގައި އަޅުވާފައިވާ ބުރުގާ ނަގާ ބޮލަށް މަހާލުމަށްފަހު ގެއިން ބޭރަށް ނިކުންނަން ލަތީފާ ހިނގައިގަތެވެ.

"ސީމާ... ދެން އަވަހަށް އާދޭ ކާން ދާން... ރޭގަ ވެސް ނުކައި އޮވެ ނިދީ.. ނުކައި އުޅެ އުޅެ މީހާ ހިކިގެން ގޮސް ސިފަ ގެއްލިފަ ތިހުރީ... ނުކައި ނިދައިގެން ނުވާނެ..." ބަދިގެއަށް ގޮސް ތެލިތަކުގެ މަތި ނަގާ ބަލާލި އިރު އޭގައި ހުރީ މަދު ބަތްކޮޅެކެވެ. ސީމާއަށް ވާވަރަށް ބަތްކޮޅެއް ތައްޓަށް އެޅުމަށްފަހު ޖެހިގެން ހުރިގެއަށް ލައިގެން ކާއެތިކޮޅެއް ލިބޭތޯ ބަލަން ބޯ ތައްޓެއް ހިފައިގެން ބޭރަށް ނިކުންނަން ލަތީފާ އަވަސްވެގަތެވެ.

*** *** *** *** *** ***

ޝާޔާގެ ހުން މަޑުވެ އެ ކުއްޖާ މުޅިން ހަމައަކަށް އެޅިއްޖެއެވެ. ނަމަވެސް ފަހަކަށް އައިސް އެކަނި ހުންނަން އޭނާ ބޭނުންނުވާކަން ފާހަގަ ވެއެވެ. ފާހާނާއަށް ވަނަސް ޝީން ގާތުގައި ކޮޓަރިން ބޭރަށް ނުދާއްޗޭ ބުނެއެވެ. ފާހާނާ ދޮރު ލައްޕާކަށް ވެސް އޭނާ ބޭނުމެއް ނުވެއެވެ.

"ދޮންތި އެބަ އަންނަން ފެންފުޅިއެއް ހިފައިގެން..." ފޯނުގެ ސްކްރީނަށް ބަލަން ހުރެ ޝީން މިހެން ބުނީ އެކޮޓަރިން ނިކުންނަށް ދޮރާ ދިމާއަށް ހިނގައިގަންނަމުންނެވެ.

ފާހާނާ ތަށިމަތީ ހީސްލާން އިން ޝާޔާއަށް ޝޮކެއް ލިބުނު ކަހަލައެވެ. އަވަސްއަވަހަށް ފާހާނާ ތަށިމަތިން ފޭބުމަށްފަހު ހީސްދޮވެ ޖަންގިޔާ އަރުވަމުން އޭނާ ފާހާނާއިން ނިކުމެ ކޮޓަރި ތެރެއަށް ބަލާލިއެވެ. "ދޮންތީ...." ޝީން ބޭރަށް ނިކުތީ ކަން އެނގުމުން ޝާޔާއަށް ރޮވޭ ގޮތް ވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ޝާޔާ ކޮޓަރިން ނިކުންނަށް ދުއްވައިގަތެވެ. ދޮރު ހުޅުވުމަށްފަހު ބޭރަށް ނިކުންނަމުން އޭނާ ވަގުވަގަށް ކޮޓަރި ތެރެއަށް ކަޅިއެއް އެއްލީ އެތާ މީހަކު އުޅޭ ހެން ހީވުމުންނެވެ.

ދޮރުމަތީ މަޑުކޮށްގެން ހުރި ޝާޔާގެ ކަޅި އަމާޒުވެފައި ވަނީ ކޮޓަރިއާ ދިމާއަށެވެ. ބަދިގެއިން ނިކުތް ޝީންއަށް ޝާޔާ ހުއްޓުން އަރާފައި ހުރިތަން ފެނުމުން ގޮވާލިއެވެ. ޝީންއާ ކައިރިއަށް ގޮސް ޝީންގެ އުނަގަނޑުގައި ދެއަތް ވަށާލާ ބާރުކޮށްލަމުން ޝާޔާ ބޮޑާހާކަން ފެށިއެވެ. "ދޮންތި ކައިރީ ކޮއްކޮ ބުނީމެއްނު ކޮއްކޮ އެކަނި ބަހައްޓާފަ ނުދާށޭ..."

ޝާޔާ ގައިގަ ފިރުމާލަމުން ޝީން ކޮޓަރިއަށް ވަންނަމުން އޭނާ ރުއްސޭތޯ ވާހަކަ ދެއްކިއެވެ. "ދޮންތި ދިޔައީ ފެންފޮދެއް ބަލައޭ... އެހާ ލަހެއް ވެސް ނުވެއެއްނު... ކީއްވެތަ ކޮއްކޮ އެހާ ބިރުން ތި އުޅެނީ... ބުނެބަލަ... ދޮންތި ނުލާހިކު ބާރުގަދަވާނެ... ކާކު ކޮއްކޮއަށް އުނދަގޫ ކުރަނީ..."

އެނދުމަތީ ޝާޔާ ބައިންދަމުން ޝާޔާގެ މަގަތުގައި ޝީން އިށީނދެ ވާހަކަ ދެއްކީ އެ ތުއްތު ކުއްޖާއަށް ވަމުންދާ ގޮތް ހޯދުމުގެ ބޭނުމުގައެވެ. ޝަހާދަތް އިނގިލި ތުންފަތްމަތީ ހުރަސްކޮށްލަމުން ޝާޔާ ދެލޯ ބޮޑުކޮށްލަމުން ވަށައިގެން ހޯދާލިއެވެ. "ޝްޝްޝްޝް... އެވާހަކަ ނުދައްކާށޯ ބުނީ... އެވާހަކަ ކޮއްކޮ ދައްކައިފިއްޔާ ބައުކަލޯ ބުނީ މަންމި ގެންދާނަމޯ..."

ޝާޔާ އެބުނި އެއްޗެއް ޝީންއަށް ދެނެގަންނަން ނޭނގުނަސް އެކަމަކީ ނައުރީންއާ ގުޅުންހުރި ކަމަކާއި ވައްތަރުވިއެވެ. ކޮންމެ ރެއަކު ދަންވަރު ނައުރީން ބޭރަށް ދިއުމާއި ފަތިސްވުމުގެ ކުރިން ގެއަށް އަންނައިރު ނައުރީން ހުންނަ ގޮތް ފެންނަ މީހަކު މޮޔަވާނެއެވެ. ދުވާލުދާ ހަތަރުދަމު ކޮޓަރީގަ އެކަނިމާ އެކަނި އޮތުމާއި ބޭރަށް ނުނިކުމެ މީހުންނާ އެކަހެރިކޮށް އުޅެމުން ދިއުން އެއީ ފަހަކަށް އައިސް ނައުރީންގެ ފަރާތުން ޝީންއަށް ފާހަގަވަމުން އަންނަ ކަންތައްތަކެކެވެ.

"އެހެންތަ! އެހެންވީ އިރު ހިނގާ ކުރުސި ކިޔައިގެން ނިދަން ދޯ... މާދަމާ ޤުރުއާން ކްލާހަށްވެސް ދާން ވާނެއްނު.... އިނގޭތަ.. ކޮންމެ ދުވަހަކު ޤުރުއާން ކިޔަވާ ނަމާދުކުރާ ކުދިންނަށް އެއްވެސް ދެރަކަމެއް ނުވާނެ.. ބިރުގަންނަ ކަންތައްތަކެއްވެސް ނުވާނެ... މިހާރުވެސް މާލަސްވެއްޖެ... އަވަހަށް ނިދާފަ ފަތިހު ހޭލައިގެން ދޮންތިއާ އެކީ ނަމާދު ކުރާނީ.. ހޭލެވޭނީ އަވަހަށް ނިދީމައެއްނު ދޯ... އާދޭ އޮށޯންނަން..." ބާލީސް ރީތިކޮށްލަމުން ޝީން އެދުނު ކަންތަކާ އެއްބަސްވަމުން ޝާޔާ މަޑުމަޑުން އޮށޯވެ ކުރުސި ކިޔަން ފެށިއެވެ. ޝާޔާއަށް ނިދެންދެން ޝާޔާގެ ގާތުގައި އޮށޯވެގެން އޮތް ޝީންގެ ސިކުނޑިއަށް އުނދަގޫކުރަމުން ދިޔައީ އެ ތުއްތު ކުއްޖާ ދެއްކި ވާހަކަތަކެވެ.

"ބައުކަލޯ ބުނީ މަންމި ގެންދާނަމޯ..."

*** *** *** *** *** ***

ގަރުދިޔަ ފޮދެއް ހިފައިގެން އައިސް ގެއަށް ވަތް ލަތީފާއަށް ޝާކިރު އެގެއާ ދިމާއަށް އަންނަ ތަން ފެނުމުން ފިޔަވަޅު މަޑުކޮށްލިއެވެ. ގޭގެ ދޮރާށި ކުރިމަތީ މަޑުކޮށްގެން ހުރި ލަތީފާ ފެނުމާއެކީ ޝާކިރުގެ މޫނަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ދެމަފިރިން އެކުގައި ގޭތެރެއަށް ވަދެ ބަދިގެ ފަރާތަށް ދިޔައެވެ. ޝާކިރު ވެސް ހުރީ އިންތިހާއަށް ބަނޑުހައިވެފައިކަމުން ލަތީފާ ކާން ހަދަންދެން މޭޒު ދޮށުގައި އިށީނދެގެން އިނީ އޭނާގެ ބައްތި ފޯނަށް ނަޒަރު ހުސްކޮށްލައިގެންނެވެ.

ޝާކިރަށް ބަތްތައްޓެއް އެޅުމަށްފަހު މޭޒުމަތީ މަތިޖަހާފައި ހުރި ބަތްތަށީގެ މަތިނަގަމުން ޝާކިރުގެ މޫނަށް ލަތީފާ ބަލާލިއެވެ. "މާދަމާ މަހެއް ލިބޭތޯ އުޅެމާ... ފާތުމަ ހުރީ ވަރަށް ފާޑަކަށް.. ލާހިކެއް ނޫން ދެން އެގޭ ދޮށަށް ލައިގެން ކާ އެތިކޮޅެއް ހޯދަން ދާކަށް..."

ބަތްތަށީ ތެރެއަށް ގަރުދިޔަ ކޮޅެއް އަޅާލަމުން އެ ބަތްކޮޅު އެއްކޮށްލާ މޮޑެމުން ލަތީފާގެ މޫނަށް ޝާކިރު ބަލާލިއެވެ. "ސީމާ ވެސް ދެން ރަނގަޅުވީ އެއްނު... މަ މިއައީ ދޮންހަސަނު ކައިރިއަށް ގޮސް އެގޭ ދޯނީގަ މަހަށް ދާ ގޮތަށް ހަމަޖައްސާފަ... މިރޭ ފަތިހު އެ ދޯނި މަހަށް ފުރާއިރު އަހަރެންވެސް ދާން ޖެހޭނެ.. ކޮބާ ސީމާ؟..." އަނގަޔަށް ބަތް ސުވައެއްލާން ދިމާކޮށްލަމުން ޝާކިރު ވާހަކަ ދެއްކިއެވެ.

ސީމާ ކޮބައިތޯ ޝާކިރު ސުވާލުކުރުމުން ލަތީފާ ބަދިގެ ތެރެއިން ނިކުމެ ގެއާ ދިމާއަށް މިސްރާބުޖެހީ ސީމާ ނިދީތޯ ބަލާށެވެ. ގެއަށް ވަދެ ސީމާ ނިދާ ކޮޓަރިއާ ދިމާއަށް ލަތީފާގެ ފިޔަވަޅު އަވަސްކޮށްލީ އޭނާ އަދިވެސް ކޮޓަރިން ނުނިކުމެ ލަސްވާތީއެވެ. އެޕޯލޯ ތަޅު އަނބުރާލަމުން ލަތީފާ ވާހަކަދެއްކީ ފުން ނޭވާއެއް ބޭރުކޮށްލަމުންނެވެ. "ސީމާ ދެން އާދޭ ކާ..."

ލަތީފާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް މެދުކަނޑާލީ ހުސްކޮށް އޮތް ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުންނެވެ. އެކޮޓަރިތެރޭ ސީމާ ނެތްކަން އެނގުމުން ލަތީފާ ބޭރަށް ނިކުންނަން އަވަސްވެގަތީ ސީމާ ދިޔައީ ގިފިއްޔަށް ކަމަށް ލަފާކުރެވުނީމައެވެ. ނަމަވެސް ގޯތިތެރެއަށް ނިކުތް ލަތީފާގެ ލޮލުގައި އަޅައިގަތީ ގިފިލީގެ ދޮރު ހުޅުވިފައި ވަނިކޮށެވެ. ދެބުމަ ގޮށްޖަހައިގެން ހުރެ ލަތީފާ ގޮސް ގިފިލި ތެރެ ބަލާލި ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. އެހިސާބުން ލަތީފާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ރޭގަނޑުގެ ވަގުތެއްގައި ސީމާ ވަކި ދާނީ ކޮންތާކަށް ހެއްޔެވެ.

"ޝާކިރޫ... ސީމާ..ސީމާ..." ގިފިލި ތެރެއިން ނިކުމެ ލަތީފާ ދުއްވައިގަތީ ބަދިގެއާ ދިމާއަށެވެ. ހަމަޖެހިގެން ކާން އިން ޝާކިރަށް، ލަތީފާގެ އަޑު ޖެހުމާ އެކީ ބަތްތަށިން އަތް ނަގަމުން ގޮނޑިން ތެދުވީ ވެގެންއުޅޭ ގޮތެއް ބެލުމުގެ ބޭނުމުގައެވެ. ލަތީފާގެ އަޑުގައިވާ ހާސްކަން ޝާކިރަށް އިހްސާސް ކުރެވުމުން ކަންތައް މާ ރަނގަޅު ނޫންކަން އެނގުނެވެ.

ދުވަމުން ލަތީފާ އައިސް ބަދިގެ ދޮރާ ހަމަކުރަން ވާއިރަށް ބޭރަށް ނިކުތް ޝާކިރު ފެނުމުން ލަތީފާ ބަޑިފަޅައިގެން ދިޔައެވެ.

"ކިހިނެއްވީ؟.. ކޮބާ ސީމާ؟.." ލަތީފާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން ޝާކިރުގެ ހާސްކަން ދެގުނައަށް ބޮޑުވެގެން ދިޔައެވެ.

"ސީމާ އެއް ނެތް... އޭނާ ގެއަކު ނެތް؟.. ކޮންތާކަށްބާ އެ ދިޔައީ؟.."

ލަތީފާ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޯ މައްޗަށް ސިފަވެގެން ދިޔައީ މިރޭ ޟިރާރުގެ އަމަލުތައް ހުރިގޮތާއި އޭނާ ދެއްކި ވާހަކަތަކެވެ. ޟިރާރު އެބުނީ ތެދެއް ކަމަށްވާ ނަމަ ސީމާއަށް އަވަލައިގެން އުޅޭ އެތި އަދި އޭނާ ދުލެއް ނުކުރާނެއެވެ. ދަނޑިވަޅުގެ ބޭނުން ހިފައިގެން ސީމާއަށް ގޯނާއެއް ކުރަން އޭނާ ކޮންމެވެސް ތަނަކަށް ގެންދިޔައީ ކަމާމެދު ލަތީފާގެ ހިތުގައި ޝައްކު އުފެދުނެވެ.

"ނެތްތަ ކޮޓަރީގަ؟.. ރަނގަޅަށް ބަލައިފިންތަ؟.."

އެއްއަތުން ލައިގެންހުރި މުންޑުގަނޑު އަރުވާ ޖަހަމުން ޝާކިރު މިސްރާބު ޖެހީ ގޭތެރެއަށް ވަންނާށެވެ. ޝާކިރުގެ ފަހަތުން ލަތީފާ ހިނގައިގަތީ އޭނާ ހުރިހާ ތަނެއް ބަލައިފިންކަމަށް ބުނަމުންނެވެ. މުޅި ގޯތިތެރެ ބަލައި ހެދި އިރުވެސް ސީމާ ފެންނަން ނެތުމުން އެދެމަފިރިން ތިބީ ކަންބޮޑުވެފައެވެ. އެންމެފަހުން ރަށު އޮފީހުގައި އުޅޭ މީހަކަށް ގުޅައިގެން ރަށުތެރެ ބަލައި ސީމާ ހޯދުމުގެ މަސައްކަތް ޝާކިރު ފެށިއެވެ.

*** *** *** *** *** ***

ހޫދު ކިޔަން އިން ޑައިރީ ލައްޕާލުމަށްފަހު ނިތްކުރި މައްޗަށް އަތް ވައްޓާލައިގެން އޮތީ ހިޔާލަކަށް ގޮސް ހުސްވެފައެވެ. އަފްނާންއާ ބެހޭގޮތުން އެ ޑައިރީއިން އޭނާއަށް އެނގިފައިވާ ވާހަކަތައް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ. އެ ފޮތް އޭނާ އަތުގައި ބޭއްވުމަކީ އެހާ ބުއްދިވެރިކަމެއް ނޫންކަން ވިސްނުނެވެ. އެހެންކަމުން ރަނގަޅު ވަގުތެއް ހޯދައިގެން އެ ފޮތް ނެގިއިރު އޮތް ތަނުގައި ބާއްވަން އޭނާ ނިންމިއެވެ.

ހިޔާލަކަށް ގެއްލިފައި ހޫދު އެހެން އޮއްވާ އޭނާއަށް އެ ހިޔާލުން ބޭރުވެވުނީ ފޯނު ވައިބްރޭޓް ވާ އަޑު ކަންފަތުގައި ޖެހުމުންނެވެ. ފޯނު ނަގާ އޭގެ ޑިސްޕްލޭއަށް ބަލާލިއިރު ހޫދަށް މެސެޖް ކޮށްފައިވަނީ ޝީންއެވެ.

ޝީންގެ ވާހަކަ ދެއްކުމުގައި ތަފާތުކަމެއް އެކުލެވިފައިވާކަން ހޫދަށް ދެނެގަންނަން އެނގުނެވެ. ދަންވަރުގެ ވަގުތެއްކަމުން ޝީން ނުނިދަނީތޯ ބަލަން ހޫދު ސުވާލުކޮށްލިއެވެ. "ކީއްކުރަނީ މިއޮއް ދަންވަރު ހޭލާ... ނުނިދާ ރެއަކީތަ؟..." ހޫދު މިހެން މެސެޖްކޮށްލީ ފަހަކަށް އައިސް މިގަޑިތަކުގައި ޝީން އޮންލައިންގަ އިންނަ ތަން ފެންނާތީއެވެ.

ފޯނުގެ ސްކްރީނަށް ޝީން ބަލާލުމަށްފަހު ހޫދު ފޮނުވި މެސެޖް ކިޔާލިއެވެ. ޝީންގެ އުނގުގައި ބޯ އަޅައިގެން ނިދިފައި އޮތް ޝާޔާ މަޑުމަޑުން ބާލީސްމަތީ ބޭއްވުމަށްފަހު ޝީން އެ މެސެޖަށް ޖަވާބުލިޔުނެވެ. "ޝާޔާ ނުނިދާތީ އޭނަ އުނގަށް ލައިގެން އިނީ.. މިހާރު ނިދައިފި... ހޫދު ކީއްކުރަނީ؟..."

ޖަވާބުގައި ދެން ނިދަންވީކަމަށް ބުނެ ހޫދު އޭނާގެ ފޯނުގެ ސްކްރީން އޮފްކޮށްލީ މާދަމާ ހަބަރެއް ވާނަން ކަމަށް ވައުދުވަމުންނެވެ.

ޝާޔާގެ ގައިމަތީގައި ރަޖާ އަޅާލުމަށްފަހު ޝީން މަޑުމަޑުން ކޮޓަރިން ބޭރަށް ބޯދިއްކޮށްލީ ބޭރުގައި މީހަކު އުޅޭ ކަމުގެ އިހްސާސެއް ވުމުންނެވެ. ޝީން ދޮރު ހުޅުވާފަ ބޭރަށް ނިކުތް އިރު ނައުރީން އެގެއިން ނިކުމެގެން ދާތަން ފެނުނެވެ. ކުރިއަށް ފިޔަވަޅެއް އެޅި ނަމަވެސް އޭނާގެ ކޮޓަރީގައި އެކަނިމާއެކަނި ނިދާފައި އޮތް ޝާޔާ މަތިން ހަނދާންވުމުން މަންމަގެ ފަހަތުން ދާކަށް ނުކެރުނެވެ.

*** *** *** *** *** ***

ގަދަ ނިދީގައި އޮވެ އެއްފަރާތަކަށް އެނބުރިލާ، ހަމަޖެހިލަން ނައުރީން މަސައްކަތް ކުރިއެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިން ނައުރީންގެ ހަށިގަނޑަށް ވަމުން ދިޔަ ފިނިން ސަލާމަތްވުމަށް އޭނާގެ ބްލޭންކެޓްގެ ނިވަލުގައިވާން ބޭނުންވުމުން އެއް އަތް ވަށައިގެން ހަރަކާތް ކޮށްލިއެވެ. ގައިމަތީގައި ފޮތިގަނޑު އަޅާލަމުން ނައުރީން ހިނިތުންވަމުން ދެލޯމަރާލީ ހަށިގަނޑު ކުޑަކޮށްލަމުންނެވެ.

ގައިމަތީގައި އަޅާފައިވާ ރަޖާގަނޑުން ނައުރީނަށް އުނދަގޫކަމެއް އިހްސާސްވަމުން ދިޔައެވެ. ގަޔަށް ތޫނު އެއްޗެއް ހެރޭހެން ހީވުމުން ބްލޭންކެޓް ތެރެއަށް އަތްކޮށްޕާލަމުން ހިރުވާލިތަން ކަހާލައެވެ. ނަމަވެސް ވަމުންދިޔަ އުނދަގުލަކަށް ނިމުމެއް ނައެވެ. އެހެންކަމުން ދެބުމަ ގޮށްޖަހާލަމުން ނައުރީން އެތަނުން ތެދުވީ ފާހާނާއަށް ވަދެ ގައި ދޮވެލަން ދާށެވެ.

ލިބުނު ހައިރާންކަމުން ދެލޯ ތަންމިނަށް ބޮޑުކޮށްލެވުނީ އޭނާގެ ހަށިގަނޑުގައި ޖެހޭ ނުޖެހޭހާ ގާތުގައި ގަހެއްގެ ފަތްތައް ހުރިކަން އެނގުމުންނެވެ. ވަށައިގެން އެ މާހައުލަށް ބަލައިލީ ހިތަށް ވަންނަމުން ދިޔަ ބިރުވެރި ހިޔާލުތަކުން ދެން ވާނީ ކިހިނެއްކަން އޭނާއަށް ރޭކާލުމުންނެވެ. މިއީ ފަހަކަށް އައިސް ކޮންމެ ރެއެއްގެ ވެސް އާދައެވެ. ދަންވަރު ހޭލެވޭއިރު ނައުރީނަށް އޮވެވެނީ އޭނާ ނިދަން އޮތް ކޮޓަރިއަކު ނޫނެވެ. ރަށުގެ ފަޅު ނާމާން ކޮންމެވެސް ހިސާބެއްގައެވެ. ބައެއް ރޭރޭ އޭނާއަށް ގެއަށް އާދެވެނީ އެތައް ހަނގުރާމައަކާ ކުރިމަތިލުމަށްފަހުއެވެ.

އެތަނުން ތެދުވަން ހަށިގަނޑަށް ގެނައި އެންމެ ހަރަކާތަކާއެކީ ނައުރީންގެ ހަށިގަނޑު އަރިއަޅާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. އެއްލިއަތުން އެގަހުގެ އަޅޯތަކުން އަޅޯއެއްގައި ނައުރީނަށް އެލިގަނެވުނެވެ. މިރޭ އޭނާއަށް މިއޮވެވުނީ ނިކަގަހަކަށް އަރައެވެ. ނާމާންކަން ފެތުރިފައިވާ އެވަލުތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. މީހަކު އައިސް ދެލޮލަށް އިނގިލި ކޮށްޕާލިއަސް ނޭނގެނެކަން ކަށަވަރެވެ. ދެއަތުން އަޅޯގައި ހިފާ ބާރުކޮށްގެން އޮތް ނައުރީން އުނދޯއްޔެއްހެން ދެއަތަށް ހެއްލެމުން ދިޔައެވެ. ގަހުގެ ގޮފިތަކުގައި އެ އަޅޯގަނޑު ކޭއްތެމުން ދިޔައިރު ބޮލަށް އުނދަގޫވާ ކަހަލަ އަޑެއް އިވެމުންދިޔައެވެ.

ތިރިއަށް ބަލާލުމަށްފަހު ފުންމާލަން ނައުރީން ގަސްތުކުރީ އެއީ ދެން އޭނާއަށް އެންމެ ފަސޭހައިން ގެއަށް ދެވޭނެ ގޮތްކަން އެނގުމުންނެވެ. އިތުރަށް އޭގައި އެލިގެން އޮންނާނެހާ ވަރެއް ވެސް އޭރު ނައުރީންގެ ގަޔަކު ނެތެވެ. ފަސްގަނޑު ނުފެންނަވަރަށް ހިކިފަތްތަކުން ފުރިފައިވާ ބިންމައްޗަށް ގުޅަވަރަކަށް ނައުރީން ވެއްޓުނީ އޭނާގެ އަތް އެ އަޅޯގަނޑުން މިނިވަން ކޮށްލުމުންވެ.

ދެކަލުލަށް ވީ ތަދުން އެއޮތްގޮތަށް އިރުކޮޅަކު މަޑުކޮށްގެން އޮތީ އޭނާގެ ކަކުލުގައި ފިރުމާލަމުންނެވެ. ނައުރީންގެ ފަހަތުން ފެންނަން ހުރި ބިޔަ ނިކަގަހުގެ މޫތައް ހެލިލިކަންވެސް ނައުރީނަކަށް ނޭނގެއެވެ. ބިމުގެ އަޑިން އެ މޫތައް މަޑުމަޑުން މައްޗަށް އެރުމަށްފަހު އެ މޫގަނޑުތައް މިސްރާބުޖެހީ ނައުރީން އިން ދިމާއަށެވެ.

ބިންމަތީ ހުރި ފަތްތައް ހެލޭ ޒާތުގެ އަޑެއް އިވުމުން ނައުރީންގެ ހަރަކާތް ގަނޑުވެގެން ދިޔައެވެ. ނައުރީނާ ދާދި ގާތުން އިވެމުން ދިޔަ އަޑަށް ސަމާލުކަން ދެމުން އޭނާގެ ނޭވާ ހިނދުކޮޅަކަށް ހުއްޓާލިއެވެ. ނައުރީން އިން ހިސާބުން ބިންގަނޑަށް ކުޑަލޮޅުމެއް އެރިކަން އޭނާއަށް އިހްސާސްވުމުން ބިރުން ފިތްކެނޑިފައިވާ ހާލުގައި ފަަހަތަށް ބަލާލީ ޖެހިލުންވެ އިނދެއެވެ.

ގަހުގެ ބިތް ދޮށުން ފާޅުވަމުން ދިޔަ ދުންފިނިކަމުގެ ތެރެއިން ކަޅު ހިޔަންޏެއް ހެން ހުރި މީހާ ފެނުމުން މިރޭގެ ޒަމާން ދިޔައީ ކަން ނައުރީނަށް އެނގުނެވެ. އަވަސް ހަރަކާތަކާ އެކީ ދަތްކުނޑި ވިކާލަމުން ނައުރީން އެތަނުން ތެދުވެ ގަހާ ދުރަށް ދާން ކޮރު ޖަހަމުން ފިޔަވަޅެއް އަޅާލިއެވެ. ނޭނގި ހުއްޓާ ފައިގާ އެއްޗެއް ހިފުމުން ނައުރީން ބިންމައްޗަށް ވެއްޓުނީ ކަނޑާލި ރުކެއް ފަދައިންނެވެ.

"ނޫން.. އަހަރެން ދޫކޮށްލާ..."

(ނުނިމޭ)