"ބައްޕާ" ސީމާ މަޑުމަޑުން ގޮވާލިއެވެ. ސީމާ އޭނާގެ ބައްޕައަށް ގޮވާލި އަޑު ތަކުރާރުވަމުން އެނބުރި އައިސް ސީމާގެ ކަންފަތުގައި އޭނާގެ އަޑު ޖެހުނެވެ. އަނެއްކާވެސް އޭނާގެ ބައްޕައަށް ގޮވާލިއެވެ. މިފަހަރު ސީމާއާ ހަމައަށް އެނބުރި އައީ ސީމާގެ އަޑެއް ނޫނެވެ.
"ސީމާ...." އެ އަޑުގައި ބިރުވެރިކަމެއް އެކުލެވިފައި ވިއެވެ. ބިރުން ސީމާއަށް ފަހަތަށް ޖެހެވުނެވެ. އެއަޑު ޖެހުމާ އެކީ ސީމާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ހަދާނެ ގޮތަކާ ދޭތެރޭ ވިސްނާލަމުން ވަށައިގެން ގިފިލި ތެރެއަށް ސީމާއަށް ބަލާލެވުނެވެ. ސީމާގެ ހަށިގަނޑަށް ފެންތިކިތަކެއް އައިސް ޖެހުމުން އޭނާއަށް ބަލާލެވުނީ މައްޗަށެވެ. ވާރޭވެހެން އުޅެނީ ބާއޭ ހިތަށް އެރުމުންނެވެ. ނަމަވެސް އެ ވެހެނީ ވާރޭއެއް ނޫނެވެ. އެ ފެން ތިކިތައް އަންނަނީ ވަޅާ ދިމާލުންކަން އެނގުމުން އެދިމާއަށް ބަލާލީ ބިރުން ވިރިވިރިވާ ހާލުގައެވެ.
ވަޅު ތެރެއިން ބޭރަށް ދިއްކޮށްލި އަތް ވަޅުގެ ކައިރިފަށުގައި ހިފާލުމުން އެއަތްތިލައާ ދިމާއަށް ސީމާ ރަނގަޅަށް ބަލާލިއެވެ. އެއީ އޭނާގެ ބައްޕަގެ އަތާ ވައްތަރު އަތެކެވެ. ސީމާގެ ބައްޕަ ވަޅަށް ވެއްޓުނީ ހެއްޔެވެ. ސީމާގެ ހިތަށް އަރަމުން ދިޔަ އެއްޗެހިތަކުގެ ސަބަބުން އޭނާއަށް ގޮތެއް ނިންމަން އުނދަގޫވިއެވެ. ނަމަވެސް އޭނާއަށް ކުރިއަށް ޖެހެވުނީ އެއީ އޭނާގެ ބައްޕައަށް ވެދާނޭ ސިކުނޑި ބުނަމުން ދިއުމުންނެވެ.
އެއަތުގައި ހިފާލަމުން ސީމާ ވަޅުތެރެއަށް ބަލާލިއެވެ. އެވަގުތު ވަޅުތެރެއިން އުފުލުނު ދެވަނަ އަތްތިލައިން ސީމާގެ އަތުގައި ހިފާލިއެވެ. އެއަތަށް ސީމާއަށް ބަލާލެވުނީ އެއަތްތިލަ ގަނޑުފެންކޮޅެއްހާ ފިނި ކަމުންނެވެ. ސީމާގެ އަތުތެރޭގައި އޮތް އަތްތިލައާ އޭނާގެ އަތްމަތީ ބާއްވާލާފައިވާ އަތްތިލައިގެ ކުލައާ އި އިނގިލިތަކުގެ ބައްޓަމާއި ދިގު މިން ވެސް ހާސްބައި ތަފާތެވެ.
އަތް ފޮޅާލަމުން ސީމާ ވަޅުތެރެއަށް ބަލާލިއެވެ. އޭރު ސީމާގެ ބައްޕަގެ ސިފައަށް އޮތް އެތި ސީމާއާ ދިމާއަށް ބަލާލަން އިސްއުފުލާލީ އޭތީގެ ތޫނު ދަތްތައް ފާޅުވާނެހެން ހިނިތުންވަމުންނެވެ. އޭތީގެ ކަޅުކަން ގަދަ ބޮޑު ދެލޯ ފެނުމާ އެކީ ކަރުބުޑުން ސީމާ ހަޅޭއްލަވައިގަތެވެ. ހަމައެއާއެކު ސީމާގެ އަތުގައި ހިފާ އޭތި ދަމައިގަތުމުން އެކަމަށް ނުވިސްނާ ހުރި ސީމާ ވަޅުތެރެއަށް ވެއްޓުނެވެ. ސީމާގެ ހަޅޭކަކަށް ހުއްޓުމެއް ނާދެއެވެ. އެއަޑު ވަޅުތެރެއިން ގުގުމަމުން ދިޔައިރު ހީވީ އޭނާގެ ހަށިގަނޑުން ފުރާނަ ވަކިވެގެން ދިޔަ ހެންނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ސީމާގެ އަޑު މުޅިންހެން ކެނޑި މުޅިތަން ހަމަހިމޭންވެގެން ދިޔައެވެ.
*** *** *** *** *** ***
"އަހަންނަށް އެކަން ކޮށްދެވޭނީ ކިހިނެއް؟.. ލަތީފާ... އަސްލު މާލަހީ ލަތީފާއަށް ވިސްނުނުލެއް..." ޟިރާރު ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން އޭނާ ކުރިއަށް ޖެހިލީ ނުބައި ޒާތަކަށް ހިނި އައިސްފައި ހުރެއެވެ.
"ކީކޭތަ ތިކިޔަނީ؟.. އަހަރެންގެ ސީމާ.. އެމަންޖެއަށް ކަލޭ ކީއް ކުރީ..." ލަތީފާއަށް ކަންތައް ރަނގަޅު ނޫން ކަން ދެނެގަންނަން އެނގުނީ ޟިރާރުގެ އަމަލުތައް ހުރި ގޮތުންނެވެ. އެހެން ރޭތަކާއި ޚިލާފް ރެއެއްކަން ލަތީފާއަށް ވިސްނުނެވެ.
"އަހަރެން ޟިރާރު ބުނި ކަންތައް ކޮށްދިނީމެއްނު... ސީމާ އެއްކޮށް ރަނގަޅުވެފަތަ އެހެރީ..." ލަތީފާ ފަހަތަށް ޖެހެން މަސައްކަތް ކުރި ނަމަވެސް އެވަގުތު އޭނާގެ ފައި ހުރީ ރޯނު އެނދުގައި ވިދިފައެވެ. އިތުރަށް އޭނާއަށް ފަހަތަށް ޖެހެވޭކަށް ނެތެވެ. ލަތީފާގެ ބޮލުގައި އަޅާފައިވާ ބުރުގާ ގައި ހިފާ ޟީރާރު ދަމައިގަތުމަށްފަހު ލަތީފާގެ މޭގައި އަތްއަޅާ ފަހަތަށް ވެއްޓޭނެހެން ކޮށްޕާލީ އޭނާގެ ހަށިގަނޑުގައި ހުރި ހުރިހާ ބާރެއް ލާފައެވެ. ރޯނު އެނދުމައްޗަށް އުއްޑުން ލަތީފާ ޖެހެނު އިރު އޭނާގެ ހެދުން ވެސް ކޮންމެވެސް ވަރަކަށް ވަނީ މައްޗަށް އަރާފައެވެ. ލަތީފާގެ ދެފައިގައި ހިފަމުން ޟީރާރު އޭނާއާ ގާތްވާން މަސައްކަތްކުރަން ފެށުމުން ލަތީފާ އެކަމަށް އިންކާރު ކޮށް ގަދަ ހެދިއެވެ.
"ކިހިނެއްވެގެން ތި އުޅެނީ ... މަ ދޫކޮށްލާ... މަ މިހިރީ ޕީރިއަޑް..." ލަތީފާގެ އަޑު ގަދަވަމުން ދިއުމުން އޭނާގެ ކަންކަށިމައްޗަށް ޟީރާރުގެ އަތުން ހޫނު އެތިފަހަރެއް އެޅުމުން ލަތީފާ މުޅިން ހިމޭންވިއެވެ.
"ކަލޭ ކައިރީ މަކުރިން ދުވަހު ބުނީމަ ނައީ ކީއްވެ.. ކަލޭއަށް މަ ރަނގަޅަކަށް ކަމެއްކޮށްދޭން އުޅުނީމަ ވެސް ކަލޭގެ ބޮޑާކަން ދެއްކީމަ ވާނެ ގޮތް މިވަނީ... ކަލޭގެ ދަރީގެ ގައަށް އަވަލާފަ އެހުރި ޖިންނިއަކީ ފިސާރި ވަރުގަދަ އެއްޗެއް... ހަހަހަ... ކަލެއަށް އެވަރު ކަމެއް ކުރެވޭނީވެސް ހާދަ ފައިސާއެއް ދީގެންނޭ ދޯ..." ޟިރާރު ވާހަކަ ދައްކަމުން ދިޔައިރު އޭނާ ދިޔައީ އޭނާ ބޭނުންވާ އަރާމު ލަތީފާގެ ހަށިގަނޑުން ހޯދަމުންނެވެ. ޟިރާރާ ދިމާއަށް ނުބަލަން ލަތީފާގެ މޫނު އެއްފަރާތަކަށް އަނބުރައިގެން އޮތް އިރު އޭނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔައެވެ.
"އެރޭ ވީ ގޮތެއް ވީ މަށަށް ރަނގަޅަކަށް.. ކަލޭ ހީކުރީ މަ ބޭނުންވާ ކަންތައް ކޮށްދޭން ނައިމަ މަ ކަޑަ ވާނޭތަ... މިހާރު މިއޮތީ މަ ބޭނުންވާ ހުރިހާ ކަމެއްކޮށްފަ... ހަހަހަހަހަ..."
*** *** *** *** *** ***
ގަދައަށް ނިދާފައި އޮތް ސީމާގެ ހަށިގަނޑަށް ލޮޅުމެއް އެރުމާއެކު ޟިރާރު ލޯ ހުޅުވާ ބަލާލިއެވެ. އޭރުވެސް ހުއްޓުމެއްނެތި އިބްޒީމާ ކިޔަވަމުން ދިޔައެވެ. ސީމާ ހުރީ ކޮޅަށެވެ. އުޑަކު ބިމަކު އޭނާގެ ހަށިގަނޑު ނުޖެހެއެވެ. ފައިގެ އިނގިލިތަކަށް ބާރު އަރާފައި ވުމުން ފައިތިލަމަތިން ހުރިހާ ނާރުތަކެއް ފާޅުވާނެހެން ފުއްޕާފައި ވިއެވެ.
"ކޮންފަދަ ބޮޑު ބަ*ވެރިކަމެއްތަ... ކޮންމެ ރެއަކު މަށަށް ބަ*ބޮޑުކުރަން ތިއަންނަނީ ހޭ*ލިވެގެންތަ؟.." ސީމާގެ ހަށިގަނޑަށް ޖިންނި ވަދެއްޖެކަން އެނގުމުން އިބްޒީމާގެ ކިއެވެލި މަޑުކޮށްލިއެވެ.
"ކަލޭމެން ކިތަންވެ ވަރެއް ކުރިއަސް މިކުއްޖާ ދުލެއް ނުކުރާނަން..." ސީމާގެ ހަށިގަނޑަށް ބާރު ފޯރުވަމުން ދިޔަ މަޚްލޫގު ބޮޑާކަން ދައްކާލަމުން މޭ ފުއްޕާލިއެވެ. އެހިސާބުން އިބްޒީމާގެ ކިޔެވެލި ކިޔެވުންގަނޑު ބާރުކޮށްލިއެވެ. އަތުގައި ހުރި ކުޑިތައް ސީމާގެ ގަޔާ ދިމާއަށް އުކަން ފެށިއެވެ. ސީމާއަށް އެ ކިޔެވެލިތަކުން އުނދަގޫވިއެވެ. ފުރަތަމަ ގަދައަށް ރޮއެ ހަޅޭއްލަވާ އިބްޒީމާ އާއި ޟިރާރާ ދިމާއަށް އެއްޗެތި ކިޔަމުން ދިޔައެވެ. އިބްޒީމާ ހިތްވަރު ދުލެއް ނުކުރެއެވެ. އެންމެ ތަންުކޮޅެއްވެސް ދުލެއް ނުކުރެއެވެ. އޭނާގެ ކިޔެވުން ދިޔައީ ފަހަރެއް ފަހަރެއް ގަދަވަމުންނެވެ. މިހާރު ސީމާގެ އަޑުގައި ތަފާތު ކަމެއް ހުއްޓެވެ. ރޮނީއޭ ހީވާ ފަހަރުތައް ވެސް އާދެއެވެ.
ކުއްލިއަކަށް އިބްޒީމާ ކިއެވެލި ހުއްޓާލުމާ އެކީ ސީމާގެ ހަށިގަނޑު ގުޅަވަރަކަށް އައިސް އެމީހުން ކުރަހާފައިވާ ބުރުތެރެއަށް ވެއްޓުނެވެ. ބަލި ގޮތަކަށް އިބްޒީމާއާ ދިމާއަށް ސީމާ ބަލާލިއެވެ. އޭނާގެ ވަޅުވަދެފައިވާ ލޮލުގެ ރަތްކަން ގަދަކަމުން ހީވަނީ އަނގުރު އަލިފާން ކޮޅެއް ހެނެވެ.
"އަހަރެން ކަލޭމެންނަށް ކޮން އުނދަގުލެއް ކުރީ..." ބަލިކަށި އަޑަކުން ޟީރާރާ ދިމާއަށް ބަލާލަމުން ސީމާ ވާހަކަ ދެއްކިއެވެ.
"އަހަރެން ދޫކޮށްލާ.. ކަލޭމެން ބުނި ކޮންމެ ކަމެއް ކޮށްދޭނަން..." އިބްޒީމާ އަތުގަ ހުރި ކުނޑިތައް ބުރުވާލަން އުޅުމުން އެ މަޚްލޫގު ބަލި ގަބޫލުކުރާ ހާލުގައި ބުންޏެވެ.
"ކަލޭމެން ބުނޭ.. ބޭނުންވާ ބައިވަރު ކަންތައް ހުންނާނެ.. އޭގެތެރެއިން ހަމަ އެންމެ ކަމެއް ބުނޭ... އަހަރެން ކޮށްދޭނަން... އެކަމަކު ޝަރުތަކީ ދެން މަށަށް އުނދަގޫ ނުކޮށް މަށަށް ސީމާ ހަވާލުކޮށްފަ ކަލޭމެން މިތަނުން ރައްކާވުން.." ފުންކޮށް ހަށިފުރާ ނޭވާއެއް ލަމުން އޭނާ ވާހަކަ ދެއްކީ އިބްޒީމާއާ ދިމާއަށް އިނގިލި ދިއްކުރަމުންނެވެ.
"މަ ބޭނުމީވެސް އެންމެ ކަމެއް... ކަލެއަށް ވާނެތަ؟..." ޟިރާރު ކުރިއަށް ޖެހިލަމުން ވާހަކަ ދެއްކީ އޭނާ ބޭނުންވެގެން އުޅުނު ވަގުތު އައިސް ޖެހުނީކަން އެނގުމުންނެވެ. އެ ދުވަހަކަށް ޟިރާރު އިންތިޒާރުކުރާތާ އެތައް އަހަރުތަކެއް ވީއެވެ.
"މަގޭ އަތް ރަނގަޅު ކޮށްދީ..." މޭމަތީ ހުރަހަށް ބާއްވާފައި އޮތްއަތް ސީމާއާ ދިމާއަށް ދިއްކުރަމުން ޟިރާރު އޭނާގެ އެދުން ހާމަ ކުރިއެވެ. އެވަގުތު ސީމާ ބަލާލީ އިބްޒީމާއާ ދިމާއަށެވެ.
"ތެދެއް.. އެއީތަ ކަލޭމެން ބޭނުންވާ ކަމަކީ... އެންމެ ކަމެއް... އެންމެ ކަމެއް... ވަރަށް ވިސްނާފަ ބުނާނީ... މިކަހަލަ ފުރުސަތެއް ދެން ނުލިބޭނެ..." ސީމާގެ ކަރު ދެފަރާތަށް ލަންބާލަމުން އެއްއަތުން ކަނދުރާގައި ފިރުމާލަމުން ދެފައިވަށްކޮށްފައި އެ ބުރުތެރޭ އޭނާ އިށީނީ ބޮޑު ފިރިހެނަކު ހެންނެވެ.
"ދެން މާ އާޓް ބޮޑު ނުކޮށް ކަލެއަށް ވަންޏާ އެކަން ކުރަންވީ ނޫނީ ކަލޭ ހަމަ އަންދާލާނީ..." ބޭކާރު ވާހަކަ ދައްކާ މަސައްކަތް ދިގު ދަންމަމުންދާތީ އިބްޒީމާ އިނީ ހިސާބަކަށް ފޫހިވެފައެވެ. އިބްޒީމާއާ ދިމާއަށް ލޯއަޅާމުން އޭނާ އެނބުރިލީ ޟިރާރާ ދިމާއަށެވެ. އެވަގުތު ޟީރާރު އޭނާގެ އަތް ދިއްކޮށްގެން ހުރެ ކުރިއަށް ޖެހިލިއެވެ.
*** *** *** *** *** ***
ލަތީފާގެ މޫނުގައި ޟިރާރު ފިރުމާލުމުން ލަތީފާ އަތުން ޖަހާ އެއަތް ފޮޅާލިއެވެ. "ކަލޭތީ ވަރަށް ނުބައި މީހެއް..."
"ކޯއްޗެކޭ ކިޔާކަށް ކަލޭތީ މާތާހިރު މީހެއްނު... ކަލޭ ގެއަށްގޮސް ޝާކިރަށް ހުރިހާ ވާހަކައެއް ކިޔައިދިނަސް މަށަށް ވަރިހަމަ.. ހަމަ ކިޔަންވީ... ކަލޭގެ ދަރިއަށް ކަލޭ ހެދި ފަންޑިތަ އެނގުނީމަ ޝާކިރު އެންމެ ރުޅި އަންނާނީ ކަލޭ ދެކެ.. އަޅެ ގަޓެއް ހުރިއްޔާ ފުއްޕާފަ ދޭބަލަ..." ޟިރާރު އެނދުމަތިން ތެދުވެ ގަމީހާ ފަޓުލޫނު ހިފައިގެން އެ ގިފުޓިގެއިން އޭނާ ނިކުތެވެ. ލަތީފާއަށް ހައިރާންކަމެއް ލިބުނީ ހެއްދެވިގޮތަށް ހުރެ ޟިރާރު ބޭރަށް ނިކުތުމުންނެވެ. ޟިރާރުގެ ގައިގާ ހުރި ލޭތަކާ އެކީ އޭނާ އެދިޔައީ ކޮންތާކަށް ހެއްޔެވެ. އޭނާ ދިޔަ ދިމާއެއް ބަލަން ލަތީފާ ވަގުވަގަށް ބޭރަށް ބޯ ދިއްކޮށްލިއެވެ.
މަޑު ހިނގުމެއްގައި ގޮސް ޟިރާރު މޫދަށް އެރުނެވެ. ހަމަ އެއާ އެކު ހޭޅިފަށުގައި ހުރި ގަސްތަކުގައި ޖައްސާފައިވާ ވާތައް އުދުއްސައިގެން ދިޔަތަން ފެނުމުން ލަތީފާގެ ހިތަށް ބިރުވެރިކަން ވެރިވެގެން ދިޔައެވެ.
*** *** *** *** *** ***
ކައިގެން ހޫދު ގެއަށް ވަދެ އެނދުގައި ޖައްސާލައިގެން އޮތީ ސީލިންގަށް ބަލާށެވެ. ރާއިދުގެ މަންމަގެ ނަން އަދިވެސް އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. އެކި ހިޔާލުތަކަށް ގެއްލިފައި އޮއްވާ ހޫދުގެ ސިކުނޑިއަށް އައީ އޭނާއަށް ކުރިން ދުވަހަކު ކިއިފައިވާ ޖުމްލަތަކެކެވެ.
"އަފްނާން ކިޔަވާ ހިތެއް ނުވޭ... ސްކޫލަށް ދާކަށް ބޭނުމެއް ނުވޭ.... ބައްޕަ އަފްނާނަށް ވަރަށް ރަނގަޅު... މަންމަ މަސައްކަތް ކުރަނީ އަފްނާން ކޮންރޯލް ކުރަން.. އައި ޖަސްޓް ހޭޓް އިޓް...."
ހޫދުގެ ސިކުނޑީގައި އެ ބަސްތައް ތަކުރާރުވާން ފެށުމުން އެނދުގައި އޮވެ ބޯ ހިއްލާލާފައި ޑްރެސިންގް ޓޭބަލްއާ ދިމާއަށް އޭނާ ބަލާލިއެވެ. މަންޝާގެ ކޮޓަރި ތެރެއިން ހޫދު ނަގައިގެން އައި އެ ޑައިރީގައި އަފްނާންގެ ނަން އައިސްފައި ވެއެވެ. އެހެންކަމުން ހޫދު އަވަހަށް ގޮސް ޑައިރީ ނަގައިގެން ކިޔަން ފެށިއެވެ.
އަފްނާންގެ ވާހަކަތައް ކިޔަމުން ދިޔަ ވަރަކަށް ހޫދުގެ ވިސްނުމަށް އެތައް ކަމެއް ވަންނަމުން ދިޔައެވެ. ބައެއް ގަނޑުތަކުގައި ހުރި ބައިތައް ކިޔަމުން ގޮސް ހޫދަށް އެ ބައިތައް ކިޔަން އުނދަގޫވުމުން ދެތިން ގަނޑު އުކާލާފަ އަނެއްބައި ކިއުމަށް އަވަސްވެގަތެވެ.
*** *** *** *** *** ***
ރާއިދް އާއި އޭނާގެ ބައްޕައަށް ކާން ހެދުމަށްފަހު އަފްނާން ސިޓިންގް ރޫމުގައި މަޑުކޮށްލީ އެ ދެބަފައިން ކާން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަކަށް ގެއްލިފައި ތިބި ދެބަފައިން އަދި ކާނީ ފަހުން ކަމަށް ބުނުމުން އަފްނާން ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތެވެ.
މޫނު ބުރުގާ ނަގަމުން އަފްނާން ކޮޓަރިއަށް ވަދެ ފޯނު ނަގައިގެން އޭގައިވާ ފޮޓޯތައް ބަލަން ގެލެރީ ބައި ހުޅުވާލިއެވެ. އޭނާގެ މަންމައާ މާމަމެންނާ އެކީ ނަގާފައިވާ ފޮޓޯތައް ފެނުމުން އަފްނާނުގެ ލޮލުން ކަރުނަ ނީރާލިއެވެ. އެފޮޓޯތައް ބަލަމުން ގޮސް އޭނާއަށް އޭނާގެ ބައްޕަ، ހަސަނުގެ ފޮޓޯ ފެނުމާ އެކީ ދެލޯ މަރާލިއެވެ. ބައްޕަގެ ފާފަތައް ފުއްސަވާ ދެއްވާތޯ ހިތާހިތުން ދުއާ ކުރުމަށްފަހު އެނދުގައި އޮށޯވެ ނިތްކުރިމަތީ އަތް ބާއްވާލިއެވެ.
އޭނާގެ އެ އާއިލާއާ ދުރަށް ދާން ޖެހުނީ އޭނާއަށް މި ދިރިއުޅުން ހިޔާރުކުރަން މަޖުބޫރު ވީމައެވެ. ލައިގެން ހުރި ހެދުމުގެ އަތުކުރި އަރުވާލަމުން އަފްނާނުގެ އަތުގެ ކުޑަހުޅާ ދިމާއަށް ބަލާލިއެވެ. އޭނާގެ އަތުގައި ފާހަގަވާނެހެން ފާޅުކޮށް ފެންނަން ހުރި ބޮޑު ލަކުނުގެ މަތީގައި އޭނާގެ އަތުގެ އިނގިލިތައް ހާކާލިއެވެ. އެ ލަކުނު ފެންނަ ކޮންމެ ފަހަރަކު މާޒީގެ އެހިތި ތަޖްރިބާ އޭނާގެ ލޯ މައްޗަށް އައިސް ހުއްޓެއެވެ. ދިރިއުޅުން މަތިން ފޫހިވެ މަރުވާން ހިތަށް އެރި ދުވަސްތައް ހަނދާންވެއެވެ.
*** *** *** *** *** ***
އެއީ މީގެ ވިހިއަހަރު ކުރިއެވެ. އަފްނާންގެ ފޯނުން އެއްކަލަ ގޮތް ނޭނގޭ ނަންބަރަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގީ އެތައް އިރެއް ވީފަހުންނެވެ. "ކޮބާ... ކަލޭ އަހަރެންނަށް ފޮނުވަން ބުނި މެސެޖް އަދިވެސް ނުލިބޭ... އަހަރެން ބުނިން ދޯ އަވަސް ކުރާށޭ.... އައި ޑޯންޓް ހޭވް ޓައިމް..." ވައި އަޑުން އަފްނާން ވާހަކަ ދެއްކި ކަމުގައި ވީނަމަވެސް އޭނާ ހުރީ ރުޅިއައިސްފައިކަން އޭނާގެ ވާހަކަ ދެއްކުމުގެ ރާގު ގަނޑުން އެނގެއެވެ.
ފޯނު ކަނޑާލުމަށްފަހު ސޯފާ މައްޗަށް ފޯނު ހޫރާލިއެވެ. އަދި އަމިއްލަ އިސްތަށިގަނޑުގެ ތެރެއަށް އަތް ކޮށްޕާލަމުން ބާރުކޮށްލިއެވެ. އަފްނާން ވަނީ ގޮތް ހުސްވެފައެވެ. އޭނާ ހަދާންވީ ގޮތެއް ޚުދު އޭނާއަކަށް ވެސް ނުވިސްނުނެވެ. ބައްޕަގެ މަރުގެ ސަބަބަކީ އަފްނާން ކަމަށް އޭނާ ކުށްވެރިކުރާ ކޮންމެ ފަހަރަކު އަމިއްލައަށް މަރުވާން ހިތަށް އަރައެވެ. ރިމޯޓް ނަގާ ޓީވީ ނިއްވާލުމަށްފަހު ފޯނު ހިފައިގެން ކޮޓަރިއާ ދިމާއަށް އަފްނާން މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ވަނުމަށްފަހު މޭޒު ކައިރީ އިށީނެވެ.
ފޮތަކާއި ގަލަމަކާ ނަގައިގެން އިން އިރު އޭނާ ދިޔައީ އެކި ޒާތްޒާތުގެ އެއްޗެހި އެ ގަނޑުގައި ލިޔެ ކުރަހަމުންނެވެ. ބައެއް އަކުރުތައް މަތިމަތިން ލިޔެ ދެލީގެ ކުލަ ފަވަމުންނެވެ. އެ ގަނޑުގައި ވަނީ ހިތްތަކެއް ކުރަހާފައެވެ. ދަން ޖެހިފައިވާ މީހަކުވެސް ކުރަހާފައެވެ. އިނގިރޭސި އަކުރުތަކުން ލިޔެފައިވާ ލިޔުމުގައި ވަނީ 'އައި ކާންޓް ޓޭކް ދިސް އެނީމޯ.. ފޮގިވްމީ... އައިވޮނަ ޑައި..' (ދެން ކެތެއް ނުކުރެވޭނެ.. އަހަންނަށް މައާފްކުރޭ.. އަހަަރެން ބޭނުމީ މަރުވާން...) މިހެންނެވެ.
މޭޒުމަތީ ބޯ އަޅައިގެން ރޯލަ ރޯލަ އަފްނާން އޮތީ ގޮތް ހުސްވެފައެވެ. އެވަގުތު އަފްނާނުގެ ލޮލުގައި އަޅައިގަތީ މޭޒުގެ އެއްފަރާތެއްގައި އޮތް ކަތުރެވެ.
ކަތުރު ނެގުމަށްފަހު ގޮނޑިން ތެދުވެ އަލަމާރީގައިވާ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އަފްނާންގެ ދިގު އިސްތަށިގަނޑު ކޮނޑާ ހަމައަށް ކޮށާލީ އެއްވެސް ތަރުތީބެއް ނެތް ގޮތަކަށެވެ. ލޯގަނޑު ކުރިމަތީހުރެ އަމިއްލަ ސިފައަށް ބަލާލިއެވެ. އޭނާއަށް ފެންނަނީ މުޑުދާރު މީހެކެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން އަފްނާން ލޮލުގައި އަނދުން އަޅާލިއެވެ. އޭނާގެ ސިފަ ބަދަލުކުރަން އުޅޭ ކަހަލައެވެ. އެވަރަކުން އަފްނާން ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. އަތުން ޖަހާ މޭޒުމަތީ ހުރި ފޮތްތަކާ ގަލަން އަޅާފަހުރި ތަށިތައް ބުރުވާލިއެވެ. އަދި ކަކޫޖަހާ ތިރިވެ މޫނު ނިވާކޮށްލަމުން އިސްޖާހާލީ ރޮމުންނެވެ. އޭނާ ބިރު ގަންނަނީ މަންމައަށް ފޯނު ލިބިއްޖިއްޔާ ވާނެ ގޮތެއް ނެނގޭތީއެވެ. އަފްނާނު އޭނާގެ ބައްޕައަށް ފޮނުވި މެސެޖް މަންމައަށް ފެނިއްޖިއްޔާ ޒިންދަގީގައި ހަކުރުލާނެކަން އެނާއަށް އެނގެއެވެ.
މޫނުމަތިން ދެއަތް ނަގަމުން އަފްނާން ދެލޯ ފޮހެލަމުން ނޭފަތް ދަމާލިއެވެ. އެވަގުތު ބިންމަތީގައި ވެއްޓިފައިވާ ގަނޑުތަކަށް އޭނާ ބަލާލިއެވެ. މުޅި ކޮޓަރި ތެރޭގައިވަނީ ފޮތްކާއި ގަނޑުތަކެވެ. އެތަނުން އޭނާގެ ލޮލުގައި އަޅައިގަތީ ބިންމަތީގަވާ ފޮތްތައް ކައިރީ އޮތް ކަޓަރެވެ. ކަޓަރު ނަގާ އެއް އަތުން އޭގެ ތިލަ ހުޅުވާލިއެވެ. އަނެއް އަތް މުށްބާރުކޮށްލަމުން ކުރިއަށް ދިއްކޮށްލި އިރު ކަޓަރުގެ ތިލަ އަތާ ގާތްކޮށްލިއެވެ. އަފްނާންގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ.
އެ ތިލަ އަތުގެ ކުޑަހުޅު ކައިރީ ޖައްސާލުމަށްފަހު ހުރަހަށް ދަމާލިއިރު އަތުން ލޭފޭދިގެން ދިޔައެވެ. އަތް ތިލައިން ފައިބަމުން ދިޔަ ލޭތަކަށް ބަލަން ހުރެ އަނެއްކާވެސް ކަޓަރުގެ ތިލަ އަތުގެ މެދެއްހާ ހިސާބުގައި ޖައްސާ ފިއްތާލިއެވެ. އަފްނާންގެ އަތަށް ބާރުލަމުން ދިޔައީ އަތުގައި ހުރި ނާރުތައް ބުރިކޮށްލާނަމޭ ހިތާއެވެ. ދެލޯ މަރާލީ އެންމެ ފަހުގެ ނޭވާ ދޫކޮށްލަން އަޒުމް ކަނޑައަޅައިގެންނެވެ. ކަޓަރު ހިފަހައްޓައިގެން ހުރި އަތް ތުރުތުރު އަޅަމުން ދިޔައެވެ. އޭނާގެ އަތަށް މާ ބޮޑު ހަރަކާތެއް ނެގެނެވެނީސް އިވުނީ މޭޒުމަތީ އޮތް އަފްނާންގެ ފޯނު ރިންގްވާން ފެށިއަޑެވެ. ކަޓަރު އަތުން ދޫކޮށްލުމުން ބިންމައްޗަށް އޭތި ވެއްޓުނުކަންވެސް އަފްނާނަށް ނޭނގުނެވެ. ދަގައްފާނަށް ދަގަނޑު ދަމާ ފަދަ ބާރަކުން އޭނާ ގޮސް ހުއްޓުނީ ފޯނު އޮތް މޭޒު ކައިރިއަށެވެ.
އެ ގުޅަނީ ތަންކޮޅެއް ކުރިންވެސް އަފްނާން ވާހަކަ ދެއްކި މީހާއެވެ. ފޯނު ނަގާ އަފްނާން ކަންފަތުގައި ފޯނު ޖަހާލީ ގަބުވެފައި ހުރި މީހަކު ފަދައިންނެވެ. އޭރުވެސް އަފްނާންގެ އަތުން ހިފެހެއްޓުމެއް ނެތި ލޭތައް ފައިބަމުން ދިޔައެވެ. "އަފޫ... ކީއްކުރަނީ؟.. ކޮންތާކު ތި ހުރީ..." އެމީހަކު އަފްނާންއާ މުހާތަބުކޮށް ވާހަކަ ދެއްކިއިރު އޭނާ ހުރީ ކަމަކާއި ހާސްވެ ކަންބޮޑުވެފައިކަން އެނގުނެވެ.
"އަހަރެން އަހަރެންގެ ހާލާއެކީ ދޫކޮށްލާ... މީހުންގެ މަލާމާތް ލިބުން ނޫންކަމެއް ނުވާނެ... އަހަރެންގެ މަންމަ އަހަރެން ދެކެ އެހާ ރުޅި އާދޭ.. އަދި އަހަރެން ހުރި ހާލަތު މަންމައަށް އެނގިއްޖިއްޔާ އަހަރެންނަށް މަންމަ ދުވަހަކުވެސް މައާފެއް ނުކުރާނެ... ތީނައަށް އެނގޭތަ އަހަރެން ބަނޑުވެސް ބޮޑު.. މިހާލުގަ އަހަރެން ކިހިނެއް އުޅޭނީ... އަހަރެން ބޭނުމީ މަރުވާން..." ރޮމުން ދިޔަ އަފްނާނުގެ ދުލުން ބޭރުވަމުން ދިޔައީ އޭނާގެ ހިތުގެ އުދާސްތަކެވެ.
"އޭ ހުއްޓާލަބަލަ.. އަހަރެން ތިޔަށް ވުރެއް މޮޅު ގޮތެއް އެބައޮތޭ ބުނެފިއްޔާ އަހަރެން ބުނާ ކަމެއް ކޮށްފާނަންތަ؟..." އެ ޒުވާނާގެ އަޑުގައި ހުރި އަބުއިކަން ދެނެގަންނަން މަސައްކަތް ކުރަމުން ދިޔަ އަފްނާނަށް އޭނާ އެބުނަން އުޅެނީ ކިހާވަރެއްގެ ކަމެއް ބާވައޭ ހިތަށް އެރިއެވެ.
އަފްނާންގެ ޅަ ސިކުނޑިއަށް ވިސްނުނު ގޮތް އޭނާ ހާމަކުރީ ދެއަތަށް ބޯ ހޫރުވަމުންނެވެ. "ނޫން... އަހަރެން އެބޯޝަންއެއް ނުހަދާނަން... އެއީ މިކަމަށް އޮތް ހައްލެއް ނޫން.. އަހަރެން ބޭނުމެއް ނޫން ދެން އިތުރު ފާފައެއް ކުރާކަށް... އަހަރެންގެ މިހާލަށް އަހަރެން ދޫކޮށްލާ.. އަހަރެން ބޭނުމީ މަރުވާން..."
"ސާބަސް.. އަހަރެން ނޫޅެން އަފްނާން ލައްވާ އެބޯޝަންއެއް ހަދުވާކަށް... މަރުވުމަކީ އަދި މާ ބޮޑު ފާފައެއް ނޫންތަ؟... އަހަރެން ދައްކާ ވާހަކަ ކަނުލާ އަޑުއަހާ... އަހަރެންނަކީ ދަރިން ނުލިބޭ މީހެއް... އެހެންވެ އަހަރެން ބޭނުމީ އަފްނާން ވިހައި ގަދަވުމުން އަފްނާނާ ކައިވެނި ކުރަން.. އަހަރެންގެ އަމިއްލަ ދަރިއެއް ފަދައިން ތި ކުއްޖާ ބަލައި ދޭނަން... އަފްނާން މިކަމަށް ވިސްނާފަ އަހަންނަށް ޖަވާބެއް ދީ... ބޭނުމިއްޔާ އަފްނާންގެ އާއިލާއަށް ނުފެންނަ ހިސާބަކަށް އަފްނާން ގޮވައިގެން އަހަރެން ހިނގައިދާނަން... ރަނގަޅު ޞާލިހް މީހަކަށް އަފްނާން ހަދަން އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން... މީ އަހަރެން މާތްﷲ އަށްޓަކައި ކޮށްދޭ ކަމެއް... އަހަރެންގެ ހަޔާތަށް ބައިވެރިއަކު ގެނެވެން ނެތީ އަހަރެންގެ ހުރި ނުކުޅެދުންތެރިކަމަކުން... އެކަމަކު މިކަން ކުރާނީ އަފްނާން މިކަމާ ރުހެންޏާ.." އެޒުވާނާ އެދެމުން ދިޔަ ކަންތަކަށް އަފްނާން ވިސްނާލަން ބޭނުން ވިއެވެ.
ދުނިޔެމަތީގައި އެހާ މާތް މީހުން ވެސް އުޅޭ ހެއްޔެވެ. އޭނާގެ މުޑުދާރު އަމަލުތައް އެނގި ހުރެ އޭނާ ބަލައިގަންނަން އެ ޒުވާނާ އެހުރީ ތައްޔާރަށެވެ. ފޯނު ކަނޑާލުމަށްފަހު އަފްނާންގެ އަތުގައި ބެންޑޭޖް އަޅާ ލޭ މަނާކުރަން ބާރު ބާރަށް އައްސާލިއެވެ. އެނދުގައި ހަމަޖެހިގެން އިށީނދެގެން އިނދެ އެ ޒުވާނާ ދެއްކި ވާހަކަތަކަށް ވިސްނާލިއެވެ. ތައުބާވެ ރަނގަޅު މީހަކަށް ވާން އަފްނާން ބޭނުމެވެ. އެފަދަ ހެޔޮލަފާ ދަރިއަކަށް ވެވުނު ދުވަހަކުން އޭނާގެ މަންމަ ގާތަށް ދާން އަޒުމް ކަނޑައެޅިއެވެ.
(ނުނިމޭ)
