ކަނޑާލި ރުކެއް ހެން މަންޝާގެ ހަށިގަނޑު ބިންމައްޗަށް ވެއްޓި ޖެހުމާއެކީ ހޫދުގެ ދެލޯ ބޮޑު ކޮށްލެވުނެވެ. ސައިކަލުން ފޭބުމަށްފަހު ކުރިއަށް ހޫދު އެޅި ފިޔަވަޅާއެކީ ކަޅު ޖިލްބާބުގައިވާ އަންހެންމީހާގެ ހަރަކާތައް އޭނާގެ ސަމާލުކަން ގޮސް ހުއްޓުނެވެ.

ދުވެފައި އެ އަންހެން މީހާ ގޮސް މަންޝާ ކައިރިއަށް ކަކޫ ޖަހާ ތިރިވިއެވެ. މަންޝާގެ މޫނުގައި ހިފާ ތަޅުވަމުން މަންޝާއަށް ގޮވަމުން ދިޔައެވެ. މަންޝާގެ މޫނުގައި ފިރުމަމުން އޭނާ ހޫދުއާ ދިމާއަށް ބަލާލުމަށްފަހު އަތް ހަނާ އަޅާލިއެވެ. އަވަހަށް އެތަނަށް އަންނާށޭ ބުނާ ފަދައަކުންނެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް އެ އަންހެންމީހާއާ އަރާ ހަމަކުރަމުން މަންޝާގެ ހަށިގަނޑާ ގާތްވާން ހޫދު ތިރިވި އިރުވެސް އެ އަންހެންމީހާގެ މޫނަށް ހޫދަށް ބެލުނީ ކީއްވެކަމެއް ނޭނގެއެވެ.

މަންޝާ ނަގަން ހޫދު އަވަސްވެގަތެވެ. އެވަގުތު އެ އަންހެންމީހާ ދުވެފައި ގޮސް ގޭތެރެއަށް ވަދެ ޝީންގެ ނަމުން ގޮވަމުން ވަނެވެ. ގޭތެރެއިން ޝީން ނިކުމެ ބޭރު ބަލާލިއިރު މޫނު ނިވާކޮށްފައި ހުރި އަންހެންމީހާ ފެނުމުން ދެބުމަ ގޮށްޖަހާލިއެވެ. "ސަލްމައްތަތަ؟.. ޝާޔާ ބަލިވެ އުޅޭތީ ކުލާހަށް ނުފޮނުވަން..."

ދެލޯ ހަނިކޮށްގެން ހުރި ޝީންއަށް އެއީ ސަލްމައްތަ ނޫންކަމެއް ނޭނގެއެވެ. އެވަގުތު އެ ނުދަންނަ އަންހެންމީހާ ބޭރަށް އިޝާރާތްކުރަމުން މަންޝާއޭ ބުނި އިރު އޭނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހިގެން ދިޔައެވެ. އެ އަންހެންމީހާ ދައްކަމުން ދިޔަ ވާހަކަތައް ޝީންއަށް ދޭހަވާވަރެއް ނުވިއެވެ. އޭނާ ބޭރަށް އިޝާރާތްކުރަމުންދާތީ ޝީން ކުރިއަށް ޖެހިލީ ބޭރު ބަލާށެވެ. އޭރު އެ އަންހެންމީހާގެ ފަހަތުން ހޫދު އެތެރެއަށް ވަންނަނީއެވެ. ހޫދުގެ އަތްދަނޑިމަތީގައި ދެމިފައި އެއޮތީ މަންޝާއެވެ.

*** *** *** *** *** ***

ޒޯއީގެ ގައިން ވަރު ދޫވާން ފެށުމުން މެހެކް ޒޯއީގެ އަތުގައި ހިފާލިއެވެ. ޒޯއީގެ ހަށިގަނޑުގައި ކުރިއަށް ފިޔަވަޅު އެޅޭނެހާ ހިތްވަރެއް ނެތެވެ. އޭނާގެ ބޮލަށް ބަރުވެ ތޫނު ތަދެއް އަރަމުން ދިޔައެވެ. ބަޔަކު ބާރުބާރަށް ކިޔެވެލި ކިޔަވަމުންދާ ޒާތުގެ އަޑެއް އޭނާގެ ކަންފަތަށް އިވެމުންދިޔަ އިރު އެ އަޑު އަންނަ ސީދާ ދިމާ އޭނާއަށް ދެނެގަންނާކަށް ނޭނގުނެވެ.

"ޒޯއީ... ކިހިނެއް ވަނީ ހިނގާ ގެއަށް ދާން..." ދުނިޔެއަށް ދެކުދިން ފޭބީ އެމީހުން ފޫހިވާތީއެވެ. އެއްގޮތަކަށްވެސް އިންސާނުންގެ ބަޔަކާ ދިމާ ކުރާކަށް ނޫނެވެ. ހާސްވެފައި ހުރި މެހެކަށް އެމަގަށް މީހަކު އަޅާލިތަން ފެނުނެވެ. އެޒުވާނާ އެމީހުންނާ ދިމާއަށް ދުވެފައި ކަހަލަ ގޮތަކަށް އަންނަތަން ފެނުމުން މެހެކްއަށް އެމީހުން ފެންނަނީކަން އެނގުނެވެ. ކުއްލިއަކަށް ގެއްލެން ހިތަށް އެރި ނަމަވެސް އެފަދަކަމެއް ކުރުމަކީ ބުއްދިވެރިކަމެއް ނޫންކަން އެނގުނެވެ.

"ކިހިނެއްވީ..." ދުވެފައި އެމީހުން ކައިރިއަށް އައިސް ހުއްޓުނު ޒުވާނާއަކީ ރާއިދްކަން އެނގުނީ އެޒުވާނާ ވާހަކަ ދައްކަން ފެށުމުންނެވެ.

"ނޭނގެ މާބޮޑަށް ބޮލުގަ ރިއްސަނީ...." ބޮލުގެ އެއްފަޅިގައި ހިފަހައްޓައިގެން ހުރި ޒޯއީ ވާހަކަދެއްކީ ބަލި އަޑަކުންނެވެ.

"ކޮން ގެއެއްގަ އުޅެނީ... ގެއަށް ގެންގޮސް ދޭންވީތަ..." މެހެކްގެ މޫނަށް ބަލާލަމުން ރާއިދު ކުރި ސުވާލަށް ޖަވާބެއް ދޭން ނޭނގިފައި އޭނާއަށް ހިމޭނުން ހުރެވުނެވެ.

ކުއްލިއަކަށް ޒޯއީގެ މޭގައި އަތް އަޅާލިއެވެ. އޭނާގެ މެއަށް އުނދަގޫތަކެއް ވާތީ ނޭވާ ހާސްވާކަހަލަ ގޮތްތަކެއް ވިއެވެ. މިއީ މީގެ ކުރިން އޭނާއަށް ވީ ގޮތެއް ނޫނެވެ. ގާތް މީހަކު އޭނާއާ ވަކިވެގެން ދަނީ ހެއްޔެވެ. ނޫނީ މީހަކު މަރުވަނީ ހެއްޔެވެ. ރޮމުން ޒޯއީ މުށްކަވާފައިވާ އަތުން އޭނާގެ މޭގައި ތަޅަން ފެށިއެވެ. ޒޯއީގެ ހަރަކާތް ހުރި ގޮތުން މެހެކްއަށް ރޮވޭ ގޮތް ވިއެވެ.

"ފެން ފޮދެއް ގެނެސްދޭންވީތަ..." އެއްފަރާތުން ފެންނަން ހުރި ފިހާރައާ ދިމާއަށް ބަލާލުމަށްފަހު ރާއިދު އެ ފިހާރައާ ދިމާއަށް އަވަސްވެގަތެވެ. ޒޯއީގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުރެ މެހެކް ކުރުސި ކިޔަން ފެށިއެވެ. އަދި މަޑުމަޑުން ކުރިއަށް ހިނގޭތޯ މަސައްކަތް ކުރިއެވެ. ކުރިއަށް ފިޔަވަޅު އެޅި ވަރަކަށް ޒޯއީގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތް ނުކުރެވިގެން ތެޅިގަނެއެވެ. އެހެންކަމުން މެހެކް މަގުގެ ދެކޮޅު ބަލާލުމަށްފަހު ޒޯއީގެ ގައިގާ ބައްދާލަމުން އޭނާގެ ހަށިގަނޑުގައި ޒޯއީ ލައްކޮށްލިއެވެ. އެ މަގުން މެންދުރުގެ ހޫނުގަދަ ވަގުތެއްކަމުން މީހަކު ފެންނާކަށް ނެތެވެ. މެހެކް ދެލޯ މަރާލަމުން ތުންތަޅުވާލިއެވެ. ޒޯއީއާ މެހެކެގެ ފައިދަށުން ހުދު އަލިކަމެއް ފާޅުވުމާއެކީ އެމީހުން އެތަނުން ގެއްލުނެވެ.

ފެންފުޅިއަށް ފައިސާ ދެއްކުމަށްފަހު ރާއިދު ބޭރަށް ނިކުތީ ފުޅީގެ މަތިގަނޑު އަނބުރަމުންނެވެ. ބޭރަށް ނިކުމެ ބަލާލިއިރު ދެންމެ ފެނުނު ދެ މީހުން ފެންނާކަށް ނެތެވެ. އެ ދެމީހުން ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ. މަގުގެ ދެކޮޅަށް ބަލާލަމުން ރާއިދު ހިނގައިގަތީ ކުރިއަށެވެ. ޝީންމެން ގެއާ ކައިރިއަށް ދެވެން އޮތް މަގަށް ނިކުމެ ދެކޮޅު ބަލާލުމުންވެސް މީހަކު ފެންނާކަށް ނެތެވެ. ފެންފުޅިއަށް ބަލާލުމަށްފަހު އެފުޅިން ފެންފޮދެއް ބޯލައިގެން ރާއިދު މިސްރާބުޖެހީ އޭނާގެ ރައްޓެއްސެއްގެ ގެއަށް ވަދެލާފަ ގެއާ ދިމާއަށް ދާށެވެ.

"އެއީ އެއްކަލަ ކުއްޖާ ދޯ.. އަޅެ އެމަންޖެ އުޅޭ ގެއެއް ވެސް ނޭނގޭ... ނަންބަރު އަހާލެވުނު ނަމައެއްނު..." ރާއިދް އޭނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ހިނިގަނޑެއް ޖަހާލިއެވެ. އަދިވެސް ރަށުތެރެއިން އެ ކުއްޖާއާ ބައްދަލު ވާނެކަމުގެ އުންމީދުގައެވެ.

ރާއިދު ބޭނުންވި ރަހްމަތްތެރިޔާގެ ގެއާ ހަމައަށް ދެވުމުން އެގޭގެ އޮޅިގަނޑު ގިރާ ކުރަމުން އޭނާ އެތެރެއަށް ވަނީ ސަލާމް ގޮވާލަމުންނެވެ. ގޭތެރެއިން ނިކުތީ ރާއިދު ބޭނުންވި ރަހްމަތްތެރިޔާ ސަޓޯއެވެ. "މިއަދު ކުޅެން ދާން ވާނެއްނު... މަގޭ ސައިކަލު ހަންފަޅައިގެން ގޮސްގެން މިއުޅެނީ... ސަޓޯގެ ސައިކަލު ލިބިދާނެތޯ ބަލާލަން މިއައީ..." ރާއިދު އެގެއަށް އައި ބޭނުން ހާމަކޮށްލުމުން އޭނާގެ ރަހްމަތްތެރިޔާ ދެއަތަށް ބޯ ހޫރާލިއެވެ.

"ހަމަ ދެންމެ މަގޭ ބޭބެ ސައިކުގަ އެ ދިޔައީ... މަޑުކޮށްލަން ވީނު.. މަ އޭނައަށް އެބަ ގުޅަން.." ޖީބަށް އަތްކޮށްޕާލަމުން ސަޓޯ ވާހަކަ ދެއްކީ އޭނާގެ ފޯނުން ބޭބެއަށް ގުޅަން މަސައްކަތް ކުރަމުންނެވެ. ރާއިދު މަޑުކޮށްލައިގެން ހުރީ ސަޓޯގެ ބޭބެއަށް ގުޅުމުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ސައިކަލު ލިބިއްޖިއްޔާ އެ އަންހެންކުއްޖާ ހޯދަން ހިސާބުގަނޑުގައި ބުރުޖަހަން އޭނާގެ ހިތަށް އެރިއެވެ. އެވަގުތު ރާއިދުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

*** *** *** *** *** ***

"މަންޝޫއަށް ކިހިނެއްވީ؟..." ޝީން ސުވާލުކުރުމުން އެތަނުން އެކަކުވެސް ޖަވާބެއް ނުދެއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބީއެވެ. މަންޝާގެ ކޮޓަރިއަށް އޭނާ ވެއްދުމަށްފަހު އެނދުގައި ބޭއްވިއެވެ. މޫނުގައި ފެންހާކާ ހެދުމުން މަންޝާ މަޑުމަޑުން އެސްފިޔަ ތަޅުވާލިއެވެ. އެނދު ކައިރީ ތިބި ތިން މީހުންގެ މޫނަށް ވަކިވަކިން މަންޝާ ބަލާލީ އޭނާގެ ފެނުމުގައި ފުސްގޮތެއް ހުރުމުންނެވެ. އޭގެތެރޭގައި އޭނާއަށް ބީރައްޓެހި މޫނެއް ހުރިކަން އިހްސާސް ވިއެވެ.

މަންޝާގެ ބޮލުގައި ތޫނު ރިހުމެއް ހުރުމުން އޭނާއަށް ތެދުވެވޭ ގޮތެއް ނުވިއެވެ. "މަންޝޫ މިއަދު ސައިބުއިންތަ؟ އެއްވެސް އެއްޗެއް ނުކަން ދޯ؟.." މަންޝާގެ ބޮލުގައި ފިރުމަމުން ޝީން ވާހަކަ ދެއްކިއެވެ. ކައިރީ ދެއަތް ދެއަތާ މޮޑެން ހުރި އަންހެންމީހާގެ ހަރަކާތައް ހޫދު ބަލަން ހުރީ އޭނާގެ ހަގީގަތެއް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

"މަންޝާ ދައްތާ އޯކޭތަ؟.. ސަކަރާތިއްޔާ ހޮސްޕިޓަލަށް ދާން ހިނގާ..." ހޮސްޕިޓަލަށް ދާން ހޫދު އެދުމުން އެކަމަށް އިންކާރުކުރުމުގެ ގޮތުން މަންޝާ ދެއަތަށް ބޯ ހޫރުވާލިއެވެ. އެއީ އޭނާ އެންމެ ކުރާ ހިތް ނުވާ އެއް ކަންތަކެވެ. ކިރިޔާ ކަމެއް ވާއިރަށް ހޮސްޕިޓަލަށް ދާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ނުކައި ހުރީމަ އެއީ..." ބަލި ރާގަކަށް މަންޝާގެ ޖަވާބު ލިބުމާއެކީ ޝީން އެދުނީ ސައިތައްޓެއް ނަމަވެސް ބޯށެވެ. ސައި ހަދަން ޝީން ބޭރަށް ދާން ނިކުތުމުން އެ އަންހެންމީހާ ވެސް ޝީންގެ ފަހަތުން ނުކުތެވެ. "އަހަރެން ދަނީ... މަންޝާ ވެއްޓެނިކޮށް ފެނުނީމަ އަހަރެން ކައިރިވެލީ..." އިސްޖަހައިގެން ހުރެ އެއަންހެންމީހާ ވާހަކަ ދެއްކުމުން އެމީހާއާ ކުރިމަތިލާން ޝީން އެނބުރިލިއެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ... މަޑުކޮށްލާ.. ކޮންމެވެސް އެއްޗެއް ބޯލައިގެން ދާން ވާނީ..." އެ އަންހެންމީހާގެ އަތުގައި ހިފާލަމުން ޝީން ވާހަކަ ދެއްކިއިރު ހީވަނީ ގާތް މީހެއް ހެނެވެ. މިވަގުތު އޭނާއަށް މަޑުކުރެވެން ނެތްކަމަށް ބުނެ އެއަންހެންމީހާ އެތަނުން ދާން ހިނގައިގަތީ ފަހުން އަންނާނަން ކަމަށް ބުނަމުންނެވެ.

ޝީންއާ އެއަންހެންމީހާ ދެމެދު ދެކެވުނު ވާހަކަ ތައް ސިއްރުން އަޑުއަހަން ހުރި ހޫދު ވެސް ދާން ހިނގައިގަތީ ބޮޑު މަސައްކަތެއްގައި އަވަދިނެތި އުޅެނީކަމަށް ބުނަމުންނެވެ. ޝީން އާ ސަލާމްކޮށްލުމަށްފަހު ހޫދު ބޭރަށް ނިކުމެ ސައިކަލަށް އަރަން އަވަސްވެގަތީ މަގުގެ ދެކޮޅު ހޯދާ ބަލަމުންނެވެ. އެ އަންހެންމީހާ ހޯދަން އޭނާ ބޭނުންވިއެވެ. މަންޝާގެ ހަށިގަނޑަށް ބަލަން ހުރި އަންހެންމީހާގެ މޫނު ނުފެނުނު ކަމުގައި ވީ ނަމަވެސް އޭނާގެ ލޮލުން ފެނުނު ރިހުމާ ހިތާމަތައް ހޫދަށް ފާހަގަ ކުރެވުނެވެ. އެލޮލުން މަންޝާއަށްޓަކައި ދެވިފައިވާ ހާއްސަ މަގާމް ހޫދަށް ނަގައިގަނެވުނެވެ.

ސައިކަލު ދުއްވާލަމުން ޖެހިގެން އޮތް މަގަށް ލަނބާލި އިރު ހޫދަށް އެއަންހެންމީހާ ދާތަން ފެނުނެވެ. އޭނާއަށް ޝައްކު ނުވާނޭހެން ހޫދު ދިޔައީ ބަލައިގެން މަޑުމަޑުންނެވެ. އަވަސްފިޔަވަޅުތަކެއްގައި އެއަންހެން މީހާ ހިނގަމުން ދިޔައިރު އޭނާ ދޭތެރެއަކުން ފަހަތް ބަލާލައެވެ. ދެތިން ގޯޅިއަށް އެޅުމަށްފަހު އާދައިގެ ގޮތަކަށް ހަދާފައިވާ ކުޑަ ގެއެއްގެ ކުރިމައްޗަށް އޭނާ ގޮސް ހުއްޓުނެވެ.

އެގޭ ބޭރުގައި ހައްދާފައިވާ ގަސްތަކަށް ބަލާލުމަށްފަހު ގޭތެރެއަށް ވަންނަން އޭނާ ހިނގައިގަތުމުން ހޫދަށް ހައިރާންކަމެއް ލިބުނެވެ. ސަބަބަކީ އެއީ އޭނާއަށް އެނގޭ ގެއެކެވެ. ނަމަވެސް މިއިން އެއްވެސް ދުވަހަކު އެ އަންހެންމީހާއާ ބައްދަލުވެފައެއް ނެތެވެ. އެމީހެއްގެ ހަގީގަތް ބެލުމުގެ ބޭނުމުގައި ހޫދު އެގެއަށް ވަންނަން އަޒުމް ކަނޑައެޅިއެވެ.

އެގެއަށް ވަދެ ދައްކާނެ ވާހަކައާ ދޭތެރޭ ހޫދު ވިސްނާލަން މަޑުކޮށްލިއެވެ. ހަމަ އެވަގުތު ސައިކަލުން ފައިބެފައިބެ ހުއްޓާ މީހަކު ގޮވާލިއަޑަށް ހޫދު މަޑުޖެހި ފަހަތަށް ބަލާލިއެވެ.

"މިހިސާބުގަ ކީއްކުރަނީ؟... މަށަށް ޑްރޮޕެއް ދީފާނަންތަ؟... ސައިކަލު ހަންފަޅައިގެން ގޮސްގެން މިއުޅެނީ..." ރާއިދު އައިސް ހޫދުގެ ސައިކަލާ އަރާ ހަމަކުރަމުން ވާހަކަދެއްކިއެވެ.

ރާއިދުގެ އެދުމަށް ފުރަގަސްދޭކަށް ހޫދަކަށް ނުކެރުނެވެ. އެހެންކަމުން ހޫދު ހިނިތުންވަމުން އަންނާށޭ ބުނެ އެގެއާ ދިމާއަށް ފަހުފަހަރަށް ބަލާލިއެވެ. "މަ ހޯދަން ދޯ ތިއައީ..." ސައިކަލު ފަހަތު ސީޓުގައި އިށީންނަމުން ރާއިދް ސުވާލުކޮށްލިއެވެ. ރާއިދަށް ކަމެއް ޝައްކު ނުވާނެހެން ކަންކުރަން ބޭނުންވެފައިވާ ހޫދު އެ ވާހަކަ އޮޅުވާލަން ބޭނުންވިއެވެ.

"މިހިސާބަށް އާދެވުނީމަ ހިތަށް އެރީ ބަލާލަން... މިއަދު ހަވީރު ކުޅޭކަށް ނުދަންތަ؟.."

*** *** *** *** *** ***

ގެއަށް ވަނުމުގެ ކުރިން ޒޯއީގެ ހާލާ މެދު ވިސްނާލަމުން މެހެކްގެ ފިޔަވަޅު މަޑުކޮށްލިއެވެ. "ޒޯ... ކިހިނެއް މިހާރު؟..." ޒޯއީ ދެލޯ މަރާ ބާރުކޮށްގެން ހުރީ އެނާގެ ހަށިގަނޑަށް ވަމުންދިޔަ އުނދަގޫތަކަށް ކެތްނުކުރެވޭތީއެވެ. މަޑުމަޑުން އޭނާގެ ދިގު އެސްފިޔަތައް ހުޅުވާލަމުން މެހެކްއާ ދިމާއަށް ބަލާލިއެވެ. "އަސްލު ކިހިނެއް އެވީ؟.." މިހާރު ރިހުން މަޑުވާން ފަށައިފި... އެހެން ހުރެފަ ހަމަ ކުއްލިއަކަށް..."

މެހެކްގެ ނަޒަރު ގޮސް ހުސްކޮށްލެވުނީ ޒޯއީގެ ކަރުގައި އަޅާފައިވާ ފަށަށެވެ. އޭގައިވާ ބެރެބެދިމާ ރަތްކުލައިން ދިއްލިފައިވާކަން މެހެކްއަށް ފާހަގަ ވިއެވެ. "ކިހިނެއް މި ވަނީ؟..." ޒޯއީގެ ކަރުގައި އަޅާފައިވާ ފުލުގައި ހިފަމުން މެހެކް އަހާލިއެވެ. ހައިރާންވެފައި އެފަށާ ދިމާއަށް ބަލަން ދެމީހުން ތިބީ މިވަނީ ކިހާވަރެއްގެ ކަމެއްކަން ވެސް ނޭނގޭ ހާލުގައެވެ.

ގޭތެރެއަށް ވަދެ އެމީހުންގެ ކޮޓަރިއަށް ދިޔައީ ސިއްރުސިއްރުން ގޭތެރޭގައި އުޅޭ އެއްވެސް މީހަކަށް ނޭނގޭނެހެން މަޑުމަޑުންނެވެ. ކޮޓަރިއަށް ދެވުމާ އެކީ ޒޯއީގެ އަތުގައި މެހެކް ހިފާލަމުން ހިނިތުންވެލިއެވެ. "އަހަރެންގެ ހިތަށް އަރާ އެއްޗެއް ބުނަންތަ؟.." މެހެކްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

"ޒޯއީގެ މަންމައާ ގާތްވާތީ ވީ ގޮތެއް ކަންނޭނގެ..." މެހެކްގެ ޅަ ސިކުނޑިއަށް ވިސްނުނު ގޮތް ހާމަކުރުމުން ޒޯއީ ވިސްނާލިއެވެ. މީގެ ކުރިން އެފަދަ އުނދަގުލެއް އޭނާއަކަށް ނުވެއެވެ. އެހެންކަމުން އެއީ ވެދާނެ ގޮތެކޭ އޭނާގެ ހިތް ވެސް ބުންޏެވެ.

"މަންޝާ... އަހަރެންގެ މަންމަ... މަންމަ ވީ އައްޑޫގަ ދޯ..."

ކޮޓަރިއަށް ވަދެ ހަށިގަނޑުގައި ދިލަ ތަދެއް ހުރުމުން ހެދުން ތިރިކޮށްލަމުން ކޮނޑުމައްޗާއި މޭމައްޗަށް ޒޯއީ ބަލާލިއެވެ. ހަންގަނޑުގެ މަތިން ގަދަ ކަޅުކުލައަކަށް ދާނެހެން ނާރުތައް ފުއްޕާފައި ހުރުމުން އެތަނުގައި އަތް ކާއްތާލިއެވެ.

"ޒޯ.. ބޮޑު ދައިތައަށް ގޮވަންތަ؟..." މެހެކްއަށް އެތަންތަން ފެނުމުން ލިބުނު ހައިރާންކަމާއި އެއްވަރަށް ބިރުގަތެވެ. ޒޯއީއަށް ގެއްލުމެއް ވާތަން ދެކޭކަށް މެހެކްއަކަށް ކުޅަދާނައެއް ނޫނެވެ. ބޮޑުދައިތައަށް އެތަން ދައްކަން ޒޯއީ ޖެހިލުންވީ އެމީހުން ދުނިޔެއަށް ފައިބާކަން އާއިލާގެ އިސް މެންބަރުންނަށް އަންގަން ބޭނުން ނުވާތީއެވެ.

*** *** *** *** *** ***

ސީމާގެ ފަރާތުން ތަފާތުކަމެއް ފާހަގަވަމުންދާތީ ސީމާގެ ހަރަކާތްތަކަށް ލަތީފާއަށް ބެލެމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ގޯތިތެރޭގައި ދަމާފައިވާ ރޯނުގައި ހެދުންތައް ހިއްކަން އަޅުވަން ހުރި ލަތީފާއަށް ޖޯލި ފައްޗާ ދިމާއަށް ބަލާލެވުނެވެ. ޖޯލީގައި އޮށޯވެގެން އޮތް ސީމާ ބަލަމުން ދިޔައީ ހިރުނދުގަހުގެ ގޮފިތަކާ ދިމާއަށެވެ. ދޭތެރެއަކުން ހިނިތުންވެލަމުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކާލައެވެ. އޭނާގެ އަމަލުތައް ހުރި ގޮތުން ލަތީފާއަށް އެ ގަހުގެ ގޮފިތަކާ ދިމާއަށް ބަލާލެވުނެވެ. އެވަގުތު ވަޔާ އެކީ ގަހުގެ ފަތްތައް ހެލިލިއެވެ.

ސީމާގެ ހަރަކާތްތައް ހުރިގޮތުން ލަތީފާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް ވެރިވެގެން ދިޔައެވެ. ހުސް ބާލިދީ ގެންގޮސް ގިފިލީގެ ބޭރުގައިވާ އަށިމަތީ ބެހެއްޓުމަށްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ރޯނު އެނދުގައި ނިދިފައި އޮތް ޝާކިރުގެ މޫނަށް ބަލާލުމަށްފަހު ލަތީފާގެ ނަޒަރު ވަށައިގެން ހިންގާލިއެވެ. އެއްފަރާތެއްގައި ހުރި މޭޒުމަތީ އޮތް ބައްތި ފޯނު، އޭނާގެ ލޮލުގައި އަޅައިގަތުމުން ވަގުވަގަށް ޝާކިރާ ދިމާއަށް ބަލާލީ އޭނާ ހޭލަފާނެތީއެވެ.

މަޑު ހިނގުމެއްގައި ގޮސް ފޯނު ނަގަން އަތް ހަރަކާތްކޮށްލި އިރުވެސް ލަތީފާއަށް ބެލެމުން ދިޔައީ ރޯނު އެނދުގައި ގަދަޔަށް ނިދާފައި އޮތް ޝާކިރުގެ މޫނަށެވެ. ލައިގެން ހުރި ދިގު ހެދުމުގެ ޖީބަށް ފޯނު ކޮށްޕާލުމަށްފަހު ލަތީފާ އަވަސްވެގަތީ ގޯތިތެރެއަށް ނުކުންނާށެވެ. ހިރުނދުގަހަށް ބަލަން އޮތް ސީމާއާ ދިމާއަށް ބަލާލުމަށްފަހު ލަތީފާ މިސްރާބުޖެހީ އެގެއިން ބޭރަށެވެ. މަގުމައްޗަށް ނިތުމަށްފަހު ފޯނު ނަގާ އޭގެ ފިއްތަކަށް ފިއްތާލަމުން ޟިރާރު ދީފައިވާ ނަންބަރު ޖަހާލަމުން އޭނާއަށް ގުޅާލިއެވެ. ކަންފަތުގައި ފޯނު ޖަހައިގެން ހުރި ލަތީފާއަށް ބެލެމުން ދިޔައީ އެގޭ ގޯތި ތެރެއަށެވެ. ޝާކިރު ނިކުމެދާނެތީ އެކަމާ ހާސްވެ އޭނާގެ ހިތް ތެޅިފޮޅެމުން ދިޔައީ އިންތިހާއަށެވެ.

އެކޮޅުން ފޯނު ނެގުމާ އެކީ ލަތީފާ ވާހަކަ ދެއްކުމަށް އަވަސްވެގަތެވެ. "ޟިރާރޫ... މީ އަހަރެން... ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން..." ބިރުން ހުރުމުގެ ސަބަބުން ލަތީފާގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައިވިއެވެ.

"ކާކު.." ލަތީފާގެ އަޑު ޟިރާރަށް ދެނެގަންނާކަށް ނޭނގުނެވެ.

(ނުނިމޭ)