ޝީން ގޭތެރެއަށް ވަނުމުން ހޫދު ބަލާލީ އެގޭ ކައިރީ މޫނު ބުރުގާ އަޅައިގެން ހުރި އަންހެން މީހާ އާ ދިމާއަށެވެ. އެ އަންހެން މީހާ އެގެއާ ދުރަށް ހިނގާފައި ދިޔައީ ބިރެއް ފެނިގެން ހެން ހީވިއެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން ދިޔައިރު ދޭތެރެއަކުން ފަސްއެނބުރި ބަލާލައެވެ. އެމީހާގެ އަމަލުތައް ހުރިގޮތުން މީ ރަނގަޅު ނިޔަތެއްގައި އެގޭ ދޮށަށް އަންނަ މީހެއް ނޫންކަން އިހްސާސްވުމުން އެ އަންހެން މީހާއާ ބެހޭ މައުލޫމާތު އޮޅުން ފިލުވުމުގެ ބޭނުމުގައި އޭނާގެ ފަހަތުން ދާން ހޫދު ނިންމިއެވެ.
ސައިކަލު ސްޓާރޓްކޮށްލި އަޑަށް ގޭތެރެއިން މީހަކު ގޮވާލި އަޑު އިވުމުން ހޫދު ފަހަތަށް ބަލާލިއެވެ. ގޭތެރެއިން ނިކުތް މަންޝާ ފެނުމުން ހޫދު މަޑުކޮށްލީ މޫނު މައްޗަށް ހިނިތުންވުމެއް ކުރުވަމުންނެވެ. "ކޮބާ ކިޝަން ބޭބެ؟.. ވަރަށް ލަސްވެއްޖެ ދޯ.. ޝާޔާ ދޫކޮށްލާ ވާހަކަ ބުނީމަ ހޮސްޕިޓަލުގަ މަޑުކުރީ..."
ދޮރުމައްޗަށް ހުއްޓެމުން މަންޝާ ހިނިތުންވެލިއެވެ. "ދެންމެ ކިޝަން އެ ދިޔައީ... ޝާޔާ ރަނގަޅުތަ؟ ކޮބާ ޝީން؟.." މަންޝާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ އުފާވެރިކަމެވެ. ހީވަނީ ކަމަކާ ވަރަށް ހިތްހަމަޖެހިފައި ހުރިހެންނެވެ.
"ހުންގަނޑު އޯކޭ މިހާރު.. ދެން ގަޑިންގަޑިއަށް ބޭސްދޭށޭ ބުނީ.. ހުން ގަދަ ވިޔަ ނުދީ ގައިގަ ފެންފޮތިލާށޯ... ޝީން ގޮވައިގެންނޭ މިއައީ.. އޭނަ ވަދެއްޖެ އެތެރެއަށް... ތާކަށްދާން ލަސްވެފަ މިހުރީ.. ދެން ދިޔައީއޭ..." މަންޝާ ކައިރިން ސަލާމަތްވެގެން ދާން ބޭނުންވެފައި އިން ހޫދު ބަލާލީ މޫނު ނިވާކޮށްގެން ހުރި އަންހެން މީހާ ދިޔަ ދިމާއަށެވެ. އޭރު އެމަގުން އެމީހާ ކޮންމެވެސް މަގަކަށް ލަނބާލައިފިއެވެ.
ޗޮކެއް ކަނޑާލަމުން ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ގޮސް އެ މަގުގައިވާ ކޮންމެ ހަތަރު އަނގޮޅިއަކާ ހަމަވުމުން ސައިކަލު މަޑުކޮށްލައި ދެފަރާތަށް ހޫދު ބަލާލައެވެ. އެ އަންހެން މީހާ ފެނޭތޯ ހޫދު ކުރި މަސައްކަތް ބޭކާރުވުމުން އަވަހަށް ގެއާ ދިމާއަށް ދާން މިސްރާބު ޖެހީ އޭނާގެ އިންތިޒާރުގައި ކިޝަން ހުންނާނެކަން ހަނދާންވުމުންނެވެ. މިރޭ ސައިކަލު ބޭނުންވާނެ ކަމަށް ކިޝަން ބުނެފައި އޮތުމުން އޭނާ ހުރި ހިސާބެއް ބަލާލަން ގުޅަންވީއޭ ހިތާ ހޫދު ސައިކަލު މަޑުކޮށްލިއެވެ.
*** *** *** *** *** ***
ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލަން އިން ލަތީފާގެ ހިތް އަވަސްވަމުން ދިޔައެވެ. ޟިރާރު ގަޑި ކިޔައިގެން އޭނާއާ ބައްދަލުކުރަން ދާން ބުނެފައިވާ ގަޑި ފާއިތުވެގެން ދިޔައިރުވެސް މިރޭ ލަތީފާގެ ގޮތުގައި އޭނާ އެހުރީ އެތަނަށް ދާން ބޭނުން ނުވާތީއެވެ. ޟީރާރުގެ އެދުންވެރިކަން ފުއްދައިދޭން ދާން ލަތީފާ ބޭނުމެއް ނޫނެވެ. ކުރިން ރޭ ޟިރާރުގެ އަމަލުތައް ހުރިގޮތުން އޭނާ އެހެރީ ނުބައި ނުލަފާކަމުން ހައްދުފަހަނަ އަޅާފައިކަން ލަތީފާ ދަނެއެވެ.
"ކީއްވެ މިރޭ ނުކެއީ... ހީވަނީ ކަމަކާ ހާސްވެފައި އިން ހެން..." ލަތީފާގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަވަރަށް ބަލަން ހުރި ޝާކިރު ވާހަކަދެއްކީ އެއްފަރާތެއްގައި ހުރި ތަށިނަގާ އެއަށް ހައްޕުނޑު ކަނޑާލަމުންނެވެ. މުންޑުގަނޑުގެ ދެފަރާތުގައި ހިފާ އުފުލާލަމުން އޭނާ އައިސް ލަތީފާގެ މަގަތުގައި އިށީންއިރު އެ ރޯނު އެނދަށް އެނގުންވެގެން ދިޔައެވެ.
"ކަމެއްނުވޭ..." ކުރު ޖަވާބަކާއެކީ ލަތީފާ ނޭފަތް ދަމާލިއެވެ.
"މި ދުވަސްވަރު ކާހިތް ނުވެވެސް ދާނެ ދޯ... މީ ބޮޑު ރެއެކޭ.. ޟިރާރުމެން މިރޭ ބުނި އެއްކޮށް މަސައްކަތް ނިންމާ ވާހަކަ... ކޮބާތަ ސީމާ؟.. އެމަންޖެ ނިދީތަ؟..." ގޭތެރެއަށް ނަޒަރު ހިންގާލަމުން ޝާކީރު ވާހަކަ ދެއްކީ ހުނިދަޅުގެ މަތިނަގާ އިނގިލި ކުރީގައި ލީ ހުނިކޮޅު ކޮލުތެރެއަށްލާ އިނގިލި ކުރި ބޯލަމުންނެވެ.
"ސީމާއަށް ނިދިފަ އޮތީ... އިރުއޮއްސުނީއް ސުރެ ބޮލެއްގަ ރިއްސާތީ އުޅުނީ..." ކޮޅަށް ތެދުވެ ހިންދެމިލަމުން ލަތީފާގެ ބޮލުގައި އަޅާފައިވާ ބުރުގާ ނަގަމުން ކޮޓަރިއާ ދިމާއަށް އޭނާ ހިނގައިގަތެވެ. ދަށްބަނޑުގައި ރިހުމެއް ހުރުމުން އޭނާ ބޭނުންވީ އަރާމްކޮށްލާށެވެ. "ސީމާ އޮތް ކޮޓަރިއަށް ދޭ... މަ އެބައަންނަން ބޭރަށް ގޮސްލާފަ.. ޟިރާރުމެން އަންނަން ވާއިރަށް އަންނާނަން..." ހުނިފުޅީގެ މަތިޖެހުމަށްފަހު ޝާކިރު ތެދުވެ މުންޑު ރީތިކޮށްލިއެވެ.
ސީމާގެ މަގަތުގައި އޮށޯވެގެން އޮތް ލަތީފާގެ ލޮލަށް ނިންޖެއް ނާދެއެވެ. ލަތީފާއަށް އެހެން އޮވެ ވިސްނެނީއެވެ. ކަންތައް ވެދާނެ ގޮތެއް ނޭނގޭތީ ހިތް ބިރުގަންނަނީއެވެ. ޟިރާރު ކިތަންމެ ބޭނުން ވިޔަސް އޭނާ ބޭނުންވާ އެ ހުރިހާ ކަމެއް ކޮށްދެވޭނެހާ ހިތްވަރެއް ލަތީފާގެ ހަށިގަނޑަކު ނެތެވެ. މިރޭ ޟިރާރާ ބައްދަލުކުރަން ނުދިއުމުން އެކަމުގެ ރޯޅި އައިސްދާނެތީ ލަތީފާ ކޮންމެވެސް ވަރަކަށް ޖެހިލުން ވިއެވެ.
*** *** *** *** *** ***
ޝީންގެ ކޮޓަރީގައި ޝާޔާ ނިދާފައި އޮތުމުން ނައުރީން އެކޮޓަރިއަށް ވަދެ ޝާޔާ ކައިރީ އިށީނެވެ. ނައުރީން އެކުއްޖާގެ ގައިގާ ފިރުމާލިއެވެ. ނިތްކުރީގައި އަތް ޖައްސާލީ އޭނާގެ ހަށިގަނޑުގައި ހޫނުކަމެއް ހުރިތޯ ޔަގީން ކޮށްލާށެވެ. ފާހާނާއިން ނިކުތް ޝީންއަށް އޭނާގެ މަންމަ ކަންބޮޑުވެފައި އިންތަން ފެނުމުން މަންމަ ހިތްހަމަޖައްސައިދޭން ވާހަކަ ދެއްކިއެވެ. "މަންމާ... ދެން ދޭ ނިދާލަން... އަހަރެން ޝާޔާ ކައިރީ އޮވެ ނިދާލަން މިއުޅެނީ.. ދެން ބޭސް ދޭން ޖެހޭނީ ކިހާއިރަކު... ފޯނު އެލާމް ކޮށްގެންނު އޮންނަންވާނީ..."
އެނދުމަތިން ތެދުވަމުން ނައުރީން ހަށަން ބަނދެލިއެވެ. "ދެން ބޭސް ދޭން ޖެހޭނީ 4 ޖަހާއިރު... ޝީން ބޭސް ދޭނަން ދޯ... ބޭސްތައް މިކޮޓަރީގަ ބަހައްޓާފަ މަންމަވެސް މިދަނީ ނިދާލަން..." އެކޮޓަރީ މޭޒުމަތީ ހުރި ބޭސްކޮތަޅަށް ބަލާލަމުން ނައުރީން ބޭރަށް ނިކުންނަން ހިނގައިގަތެވެ.
ޝާޔާގެ ގައިމަތީ އޮތް ފޮތިގަނޑު ނަގަމުން ޝީން އެނދުގައި އިށީނެވެ. އަދި ފޯނު ނަގާ ހޫދުގެ ނަންބަރަށް މެސެޖެއް ފޮނުވާލިއެވެ. "ތެންކިއު ފޯރ ބިއިންގް ދެއަ ވިތު މީ..." ހޮސްޕިޓަލުގައި ޝީން އާ އެކީ ހޫދު އުޅެދިނީތީ އެކަމަށް ޝުކުރު އަދާކުރުމަށްފަހު ފޯނުގެ އެލާމްވާ ގަޑި 4 ޖަހާއިރަށް ސެޓްކޮށްލިއެވެ. އެއަށްފަހު އެނދުގައި ހަޖެހިލައިގެން އޮށޯވެ ނިދޭތޯ މަސައްކަތްކުރަން ދެލޯ މަރާލީ ޝާޔާއާ ދިމާއަށް އެނބުރި، އޭނާގެ ގައިމަތީ އެއްއަތް ބާއްވާލަމުންނެވެ.
ކޮޓަރިއަށް ވަދެ ބަލާލިއިރު އަޒީމް ފެންނަން ނެތުމުން އޭނާ މިރޭވެސް ބޭރަށް ދިޔައީކަން ނައުރީނަށް އެނގުނެވެ. އެނދުގައި އިށީނދެ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ހަމައެވަގުތު ފޯނު ވައިބްރޭޓްވާ އަޑު އިވުމުން ރީތިވާ މޭޒާ ދިމާއަށް ނައުރީން ބަލާލީ އެއީ އޭނާގެ ފޯނު ބޭއްވުނު ތަން ކަމަށް ވާތީއެވެ. އެ ގުޅަނީ އިބްޒީމާއެވެ. ނައުރީން ހިންދިރުވާލަމުން ފޯނު ނަގާ އިބްޒީމާއާ ވާހަކަ ދެއްކުމުގެ ކުރިން މީހާ ހަމަޖެހިލަން ފުން ނޭވާއެއް އެތެރެކޮށްލިއެވެ.
"ކީއްވެ މަގޭ ކައިރީ ނުބުނީ... ކޮބާތަ ޝާޔާ؟.. މިހާރު އެމަންޖެ ރަނގަޅުތަ؟.." އިބްޒީމާގެ ވާހަކަ ދެއްކުމުގެ ރާގުގަނޑު ހުރިގޮތުން އޭނާ އެހުރީ ހިތްހަމަނުޖެހިފައިކަން ނައުރީނަށް އެނގުނެވެ.
"އަސްލު ވަރަށް ހާސްވެގެން އުޅުނީމަ ގުޅަން ހަނދާން ނެތުނީ.. އަހަރެން ހީކުރީ އަޒީމް ގުޅާފަ މަންމައަށް އަންގާނެ ކަމަށް...." ދުލު ކުރީގައި ދަތްއަޅާލަމުން ނައުރީން ޖަވާބު ދިނީ އެހުރިހާ ކަމެއް އަޒީމްގެ ބޮލަށް ކަނޑާލަމުންނެވެ.
"ހޫން.... ދެން އެވާހަކަ ބާއްވާ.... މި ގުޅީ އެހެން ވާހަކައެއް އަހާލަންވެގެންނޭ... މަބުނި ކަންތައް އެކީ ފުރިހަމަ ކޮށްފިންތޯ ބަލަން މި ގުޅީ..." އިބްޒީމާގެ އަޑުގައިވާ އަބުއިކަން ފާހަގަވުމުން ނައުރީންގެ ހަށިގަނޑަށް އުނދަގޫކަމެއް އިހްސާސް ވިއެވެ. މަޑުމަޑުން ކަނދުރާގައި އަތް ހާކާލަމުން ފޯނު ހިފައިގެން ގޮސް އެނދުމަތީ އިށީންނަމުން ނައުރީން ބުނެލީ އޭނާއަށް އެއްވެސް އުނދަގުލެއް ނުވާކަމަށެވެ.
"އެހެންތަ... އެކަމަކު... ކޮންމެވެސް ނުބައެއް އެބަ އުޅޭ... އަހަރެން ކުރާ މަސައްކަތެއް ރަނގަޅަށް ނުދަންޏާ މަށަށް އެކަމުގެ އިހްސާސް ވާނެ... ތިން ރޭވެސް މަބުނިހެން އެއްދާންކުރިންތަ؟... ކޮން އިރަކު ހުޅި ނެއްޓީ؟..." ޔަގީންކުރަން ބޭނުންވެފައި ހުރުމުން އިބްޒީމާ ސީދާ ސުވާލުތަކެއް ކުރަމުން ދިޔައީ ނައުރީންގެ ފަރާތުން ސީދާ ޖަވާބުތަކެއް ހޯދުމުގެ ބޭނުމުގައެވެ.
"އާން މަންމަ ބުނިހެން ހުރިހާ ކަމެއް ކޮށްފިން... އަޒީމްވެސް މިހާރު ވަރަށް ރަނގަޅު..." ނައުރީން ޖަވާބުދެމުން ދިޔައީ ދޮގު ހަދަމުންނެވެ. ތިންވަނަ ދުވަސް ވުމުގެ ކުރިން ނައުރީންގެ ބޮލުން އެ ހުޅި ވަކިވިއެވެ. ނަމަވެސް އަޒީމްގެ އުޅުމަށް ބަދަލެއް ނާންނާތީ އެއީ މައްސަލައެއް ނޫންކަމަށް ނިންމާ ވެދިޔަ ކަންތައް ހަނދާން ނައްތާލަން އޭނާ ބޭނުން ވިއެވެ. އިބްޒީމާއަށް އެފަދަ އުނދަގުލެއް މެދުވެރިވާން ޖެހޭ ސަބަބަކާ ދޭތެރޭ އޭނާއަށް ވިސްނާލެވުމުން އޭނާގެ ހަނދާނަށް އައީ ކުރިން ދުވަހަކު މަންޝާއަށް ދިމާވި ކަންތަކެވެ.
"މަންމާ... މަޑުކޮށްބަލަ.. މަންމައަށް ތިޔަ އުނދަގޫތަކެއް ވަނީ ކީއްވެކަން މަށަށް އެނގޭ ކަންނޭނގެ... މަންމަ މަންޝާއަށް އެއްވެސް ކަހަލަ ފަންޑިތައެއް ހެދިންތަ؟... މަންޝާ އެހުރީ އެއްވެސް ކަމެއް ހަނދާންނެތިފަތަ؟.." ވާހަކަ ބުނުމުގެ ކުރިން ނައުރީން ބޭނުންވީ މަންޝާ އެދުވަހު ދެއްކި ވާހަކަތަކަކީ ހަގީގަތެއްތޯ ބަލާށެވެ. ނަމަވެސް އެފަދަ ވާހަކައެއް އިބްޒީމާގެ އަނގައިން ހޯދުމަކީ ނާދިރު ކަމެކެވެ.
"މާ ސުވާލު ގިނަނުކޮށް ވީގޮތް ކިޔައިދީ... ކަލެއަށް އިނގޭނެ މަށަކީ މަންޝާއަށް މާ ގަޔާވާ މީހެއް ނޫންކަން..." އިބްޒީމާ އަނގައިން އެ ވާހަކަތައް ބޭރު ކުރުވަން މަސައްކަތް ކުރުމަކީ ބޭކާރުކަމެއްކަން ނައުރީނަށް ވިސްނުނެވެ.
"ހޫން.. ވީގޮތަކީ... ކުރިން ދުވަހަކު ދަންވަރު ރޮމުން އޭނާ ވާހަކަ ދެއްކީ... އޭނާގެ ދަރިންކޮޅު ގެންދިޔައީއޯ.. އެކުދިން ގެނެސްދޭށޯ... ކޮންމެސް ތާކު ބަޔަކު ކިޔެވެލި ކިޔެވީއޯ.... މަށަކަށް ނޭނގެ އޭނަ ކީ ހުރިހާ އެއްޗެއް ކިޔާކަށްވެސް..."
*** *** *** *** *** ***
ފަނޑު ބައްތިއެއްގެ އަލިކަން ހުރި ކޮޓަރި ތެރޭގައި ފޯނު ކަންފަތުގައި ޖަހައިގެން ވާހަކަ ދައްކަން އިން އިބްޒީމާ ކޮޅަށް ތެދުވެ މީހާ ހިންދެމިލިއެވެ. "އެއީ ކޮން ދުވަހަކު ވީކަމެއް...." ނައުރީންގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި ހުރި އިބްޒީމާގެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ.
ނައުރީން ޖަވާބުދިނުމާއި އެކީ އިބްޒީމާ އަވަސްވެގަތީ ކަލަންޑަރުން އެބުނާ ދުވަހުގެ ހިޖްރީ ތާރީޚް ބަލާށެވެ. "ހޫން.. ތިގޭތެރޭ އެތައްކަމެއް ހިނގައިގެން ދިޔަ އިރު މަށަށް ކަމެއް އަންގާލާކަށް ނުކެރުނު ވިއްޔާ... ޝާޔާ ހުންއައިސް މަންޝާ މޮޔަގޮވި އިރުވެސް މަށަށް ކަމެއް އަންގާނެ މީހަކު ނުވި... ދެންވެސް ކަމެއްވަންޏާ މަށަށް އަންގާތި... މަންޝާގެ ފާރާތުން އާދަޔާ ޚިލާފް ކަންތައްތައް ފެންނަންޏާ... މަށަށް ނުގުޅާ ނުހުންނާތި..."
އެއީ މީގެ ވިހި އަހަރު ކުރިން މަންޝާ މޮޔަވެގެން އެޓެރަސްގައި ކިޔެވެލި ކިޔެވި ދުވަސްކަން އިބްޒީމާ ކަށަވަރު ވިއެވެ. އެހާ މުހިއްމު ދުވަހެއް އޭނާގެ ހަނދާނުން ކައްސާލީ ކީއްވެ ހެއްޔެވެ؟ ނައުރީންގެ އެދުމަށް ވަރުގަދަ ފަންޑިތައެއް ހަދަން އޭނާ މަސައްކަތް ކުރަން ޖެހުމުން މަންޝާއަށް ހަދާފައިވާ ފަންޑިތަ އާކުރަންޖެހޭ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އިބްޒީމާއަށް އެކަން ނޭނގުނީއެވެ.
މޭޒުމަތީ ހުރި ފޮތްތަކުން ބޮޑު ލޮގުފޮތެއް ނަގާ ހުޅުވާލިއެވެ. އިބްޒީމާއަށް އިހްސާސްކުރެވޭ ކަންތައްތަކަކީ މަންޝާގެ އެ ހަނދާންތައް އެނބުރި އަޔަ ނުދޭން ހަދާފައިވާ ފަންޑިތަ އާ ނުކުރުމުގެ ސަބަބުން ވީ ކަމެއްކަމަށް އިބްޒީމާގެ ޒަމީރު ގަބޫލު ކުރިއެވެ. މޭޒުމަތީ އިން ބައްތީގެ ހުޅުކޮޅު ރޯކޮށްލަން އިބްޒީމާ ލައިޓަރު ކަނޑާލިއެވެ. އުއްބައްތި ރޯކޮށްލުމަށްފަހު ހުޅުވާފައިވާ ފޮތަށް ބަލަން ހުރެ މޭޒުގެ ވަތްގަނޑު ހުޅުވާލަމުން އޭގައިވާ ކުޑަ ފިޔޮހި ނަގާ އަތް ތިލައިގާ ޖައްސާ ހުރަހަށް ވާނެހެން އަތްތިލަމަތީ ފިޔޮހި ދަމާލި އިރު އޭނާއަށް ތަދުވެސް އިހްސާސް ނުވާ ކަހަލައެވެ. އަތްތިލަ މެދުން ކަނޑައިގެން ގޮސް ލޭ އަންނަން ފެށުމާއެކީ އެއަތް މުށްކަވާލަމުން އުއްބައްތިއާ ދިމާކޮށްގެން ހުރެ ދެލޯ މަރާލަމުން އޭނާ ތުންތަޅުވަމުން ދިޔައެވެ. އުއްބައްތި ކައިރިއަށް އޭނާގެ އަތުން ފައިބަމުން ދިޔަ ލޭ ތިކިތައް ޖަހަމުން ދިޔައެވެ. ހަލުވިކޮށް ކިޔަމުން ދިޔަ ކިޔެވެއްޔަށްފަހު އޭނާ ދެން ގޮވަން ފެށީ ރޫފަސްގެ ނަމުންނެވެ."
ރޫފަސް... ރޫފަސް.... ރޫފަސް..." ތިންވަނަ ފަހަރަށް ރޫފަސްއަށް ގޮވާލުމަށްފަހު އޭނާ ހިމޭނުން ހުރީ ރޫފަސް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ ދެން އިވެން ފެށީ ދޯނީގެ ރިޔަލެއް ގައި ވައިއެޅުމުން ގޮވާކަހަލަ އަޑެކެވެ. އޭތީގެ ފިޔަގަނޑުގައި ވައި އެޅެމުންދިޔަ އަޑެވެ. އެ އަޑު ފަހަރެއް ފަހަރެއް ގަދަވަމުން އައިރު އިބްޒީމާ ހުރި ކޮޓަރިތެރޭގައި ވައިގަދަވެއްޖެ ކަމުގެ އިހްސާސްވިއެވެ. މޭޒުމަތީ ހުޅުވާފައި އޮތް ފޮތުގެ ގަނޑުތައް ވަޔާ އުކެމުން ދިޔައެވެ. މޭޒުމަތީ ދިއްލާފައި ހުރި އުއްބައްތީގެ ހުޅުކޮޅު ވަޔާ ވިހުރެމުން ގޮސް އޭގެ ހުޅުކޮޅު ނިވުނެވެ. މުޅި ކޮޓަރި ތެރެއަށް އަނދިރިކަން ފެތުރިފައި ވީއިރު އެ އަނދިރިކަމުގެ ތެރެއަށް ލޯ ހާނުވަމުން އިބްޒީމާ އަނގަހުޅުވާލިއެވެ.
"ރޫފަސް... ކަލޭ މިތަނަށް ހާޒިރުވެއްޖެ ނަމަ މަގޭ ލޯ ކުރިމައްޗަށް ފާޅުވޭ..." މޭޒުމަތީ އަތް ހަރަކާތް ކޮށްލީ އަތުގައި ލައިޓަރު ޖެހޭތޯއެވެ. ލައިޓަރު އަތު ޖެހުމާއެކީ އިބްޒީމާ އެ އަޅާލަމުން ވަށައިގެން ކޮޓަރިތެރެއަށް ބަލާލިއެވެ. ވަލުފަރާތުގައިވާ ގަސްތަކާ ދިމާއަށް ހުންނަ ކުޑަދޮރު ހުޅުވުމާއެކީ ކޮޓަރިތެރެއަށް ފިނި ވައިރޯޅި ވަދެއްޖެއެވެ. އެދިމާއަށް އިބްޒީމާ ބަލާލިއިރު އޭނާގެ އަތުގައިވާ ލައިޓަރުގެ ހުޅުކޮޅުވެސް ނިވިއްޖެއެވެ. ގަސްތަކުގެ ތެރެއިން ރަތްދެލޯ ފެނުމުން އިބްޒީމާ އެ ކޮޓަރިން ބޭރަށް ނިކުމެވެން ހުރި ދޮރާ ދިމާއަށް ހިނގައިގަތެވެ.
ގަސްތަކުގެ ތެރެއަށް ނަޒަރު ހުސްކޮށްލައިގެން ހުރި އިބްޒީމާއަށް ރަތްކުލައިން ދިއްލިފައިވާ ދެލޯ ފެނުމުން އެތަނަށް ދާން ފިޔަވަޅު އަވަސްކޮށްލީ އޭނާ ލައިގެން ހުރި ހައުސްކޯޓު ގަނޑު އަރުވާ ޖަހަމުންނެވެ. ގަސްތަކާ އަރާ ހަމަވުމުން އިބްޒީމާގެ ފިޔަވަޅު މަޑުކޮށްލިއެވެ. އަދި އޭނާ މަޑުމަޑުން ގޮވާލިއެވެ.
"ރޫފަސް.... ކަލޭ ފިލާ ތިއޮތީއްޔޯ... އަހަރެން ބޭނުންވާ ކަންތައް ކޮށްދޭ މަތިން އަހަރެންވެސް ކަލޭ ބޭނުންވާ ކަންތައްތައް ކޮށްދޭނަން... ރޫފަސް.. ފިލާ ނުހުރެ ބޭރަށް ނިކުމޭ..."
ގަސްތަކުގެ ތެރެއިން ހިޔަންޏެއްވުމުން އިބްޒީމާއާ ފަހަތަށް ޖެހެވުނެވެ. އެހެން ފަހަރުތަކުގައި ރޫފަސް އައިސްފައި ވަނީ ބިރުވެރި ސޫރައެއްގައެވެ. ނަމަވެސް މިރޭ އޭނާ އައިސް އިބްޒީމާ ކުރިމައްޗަށް ހުއްޓިފައިވަނީ ރީތި އިންސާނެއްގެ ސޫރައިގައެވެ. އޭނާގެ ރީތިކަމަށް ބަލަން ހުރި އިބްޒީމާއަށް ދައްކަން އުޅުނު ވާހަކަވެސް ހަނދާން ނެތި ބަހެއް ނުބުނެ މަޑުކޮށްލެވުނެވެ.
"ކިހިނެއްވީ... މާ ޒާތަކަށް ތިބަލަނީ... މަ ބުނެފަ އޮންނާނީ ބޭކާރު ގޮތްގޮތަށް މަށަށް ގޮވައިގެން ނުވާނޭ..." އެހެން ރޭތަކާ ހިލާފަށް ރޫފަސްގެ ވާހަކަ ދެއްކުމުގައި ހުންނަ ބިރުވެރިކަމެއް ވެސް ނެތެވެ. އިންސާނުންގެ އަޑުތަކާއި ވައްތަރު ފިރިހެންވަންތަ ރީތި އަޑަކުން ވާހަކަދައްކަމުން ދިޔަ ރޫފަސްގެ ހަށިގަނޑަށް އިބްޒީމާ ބަލާލީ ދަހިވެތި ނަޒަރަކުންނެވެ.
"މަސައްކަތެއް ހަވާލުކުރަން މިގޮވީ... މީ... މަންޝާއާ ގުޅުންހުރި ކަމެއް... ކަލެއަށް ވާނެތަ؟..." ކަޅު ފޭރާމުގައި ހުރި ރޫފަސް، އިބްޒީމާ ގާތަށް ޖެހިލަމުން އިބްޒީމާގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލާލީ ދެބުމަ ގޮށްޖަހާލަމުންނެވެ. އިބްޒީމާ ކަމަކު ބުނާއިރު އޭގެފަހަތުގައި އޭނާގެ އަމިއްލަ އެދުމެއް އޮންނާނެ ކަމަކީ ޝައްކެއް ވެސް ވާނެކަމެއް ނޫނެވެ. އިބްޒީމާ އެދޭ ކަމަކަށް އެއްބަސްވުމުގެ ކުރިން އޭނާގެ މި ކުޅިވަރަށް ވުރެ މޮޅު ކުޅިވަރަކަށް ތައްޔާރުވެގެން ހުރި ރޫފަސްގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
(ނުނިމޭ)
