ގިނަ ދިވެހިންނަކީ ލިބޭ ހުސް ވަގުތު އެކި ކަހަލަ މަސައްކަތްތައް ކުރުމަށް އާދަވެފައިވާ ބައެކެވެ. މި ގޮތުންް މީރުކޮށް ކެއްކުމާ، ފެހުމާ، ގޯތި ތެރޭގައި ގަސް ހެއްދުމަކީ އާންމުކޮށް އުޅޭ މަސައްކަތްތަކެވެ. ގިނަ ފަހަރަށް އަމިއްލަ ހިތްހަމަޖެހުމަށް ކުރާ މިފަދަ މަސައްކަތްތައް ވިޔަފާރިއަށް ބަދަލުވެގެން ދަނީ ނުވެސް އެނގި ހުއްޓައެވެ.

އައްޑޫ މީދޫ، ގްލޯރީ، މަރްޔަމް ޝަމާގެ މަސައްކަތް ވެސް ފެށިގެން އައީ މިފަދަ ގޮތަކަށެވެ. އޭރު އޭނާގެ ދިރިއުޅުމުގައި ހުސްވަގުތު ވަރަށް ގިނައެވެ. އަބަދު ގޭގައި ހުންނަޖެހުމުން ލިބޭ ހުސް ވަގުތު ގޯތި ތެރޭގައި ގަސް ހެއްދުމަކީ އޭނާ ވަރަށް ކުރާ ހިތުން ފެށި މަސައްކަތެކެވެ. ތަފާތު ކުލަ ކުލައިގެ މާ ގަސްތައް ހައްދަން ފެށީ އަމިއްލަ ހިތްހަމަޖެހުމަކަށް ނަމަވެސް އެކަން ވިޔަފާރިއަކަށް ބަދަލު ވެގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. "އެންމެ ފުރަތަމަ ގަސް ހައްދަން ފެށީ ހޯބީއަކަށް. އެކަމަކު ފަހުން މީހުން ގަސް ގަންނަން އަންނާތީ ހިތަށް އެރީ މީ ވެސް ވަރަށް ރަނގަޅު ވިޔަފާރިއެކޭ ގޭގައި ހުރެގެން ކުރެވޭނެ" ޝަމާގެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ބުންޏެވެ.

ޝަމާ ހައްދާފައިވާ ގަސްތައް

ގަސް ހެއްދުމަކީ ހަގީގަތުގައި ބުރަ މަސައްކަތެކެވެ. ގަހަށް ފެންދިނުމާ، ގަހަށް އަޅާލުމަށް ކޮންމެ ދުވަހަކުވެސް ވަގުތު ހުސްކުރަންޖެހެއެވެ. ގޭގައި އޮތް ހުސްތަންކޮޅުގައި ގަސް ހައްދާ ވިއްކަމުން އަންނަ ޝަމާ ބުނީ އާންމުކޮށް ގަސް ހައްދަން ބޭނުންވާ އޮށްތައް ގެންނަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި ގަސް ހައްދާއިރު އަބަދުވެސް ސަމާލުކަން ދެނީ އެ ގަހުގެ ފަސްގަނޑު ވިހާވެސް ރަނގަޅަށް ތައްޔާރުކުރުމަށް ކަމަށް ޝަމާ ބުންޏެވެ.

ގަސް ގަންނަން އަންނަ މީހުންނަށް ބޭސް ބޭނުންނުކޮށް ގަސް ހައްދާނެ ގޮތާ، ފަސްގަނޑު ތައްޔާރުކުރާނެ ގޮތް ކިޔައިދިނުމުގެ އިތުރުން ބައެއް ފަހަރު ޝަމާ އަމިއްލައަށް ފަސްގަނޑު ތައްޔާރުކޮށްދީފައިވެސް އެބަހުއްޓެވެ. އާންމުކޮށް ޕެޓޫނިއާ، ބޯގަންވިލާ އަދި ތަފާތު ކުލަކުލައިގެ މަލިކުރުވާ ހައްދަމުން އަންނަ ޝަމާ ބުނީ އޭނާ އަތުން ގަސް ގަންނަނީ އައްޑޫ މީހުން އެކަނި ނޫންކަމަށެވެ. ފުވައްމުލައް ސިޓީގެ އިތުރުން އެހެން ރަށްރަށުންވެސް ގަސް ގަންނަ މީހުން އަންނަކަން ފާހަގަކޮށް ޝަމާ ބުނީ އަބަދުވެސް ގަސް ވިއްކާއިރު، އެކަށީގެންވާ ހެޔޮ އެގަގެއްގައި ގަސް ވިއްކުމަށް އިސްކަން ދޭކަމަށެވެ.

ޝަމާ ތައްޔާރުކޮށްފައިވާ ސައިބޯނިތައް

މީގެ އިތުރުން ޝަމާ އަކީ ރަށުގައި ހުރެގެން ވަރަށް ތަފާތު މަސައްކަތެއް ކުރާ ފަރާތެކެވެ. އަމިއްލައަށް ސައިބޯނި ހަދައިގެން އެ ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ޝަމާ ބުނީ އެންމެ ފުރަތަމަ ސައިބޯނި ހަދާ ވޯކްޝޮޕެއްގައި ބައިވެރިވެ އެކަން ދަސްވުމުން މިއީ ވަރަށް ތަފާތު މަސައްކަތެއްކަން އަމިއްލައަށް ގަބޫލުކުރެވުނު ކަމަށެވެ. އެހެންކަމުން މިކަމަށް އުފެދުނު ޝައުގާއެކު އަމިއްލައަށް މި މަސައްކަތާ ގުޅޭ ކަންކަން ހޯދާ، ދިރާސާކޮށް އޮންލައިން ޓްރެއިނިންތައްވެސް ހަދާ މި މަސައްކަތް ފެށީކަމަށް ޝަމާ ބުންޏެވެ.

" ޗޭނު ޖަމިއްޔާއިން ލިބުނު ފުރުސަތެއްގައި ސައިބޯނި ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއްގައި ބައިވެރިވީ. އެ ދުވަހު އެ ވޯކްޝޮޕަށް ވަން ވަގުތު މަރިޔަމް ޒުހެއިރު ބުނީ މި ވޯކްޝޮޕްގެ ބައިވެރި މި ކުރަނީ މި ރަށުގައި ސައިބޯނި ފެކްޓްރީއެއް އަޅާނެކަމުގެ އުއްމީދުގައޭ. މި ފެކްޓްރީ އަޅަންވާނެއޭ. އެއީ މިކަމުގައި ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު. އެ ދުވަހު އެ އަޒުމުގައި ފެށި މަސައްކަތް މިއަދު ކާމިޔާބު މިވީ" ޝަމާ ބުންޏެވެ.

މިއީ ޝަމާގެ މުޅި ހަޔާތް ބަދަލުވެގެން ދިޔަ މަސައްކަތެކެވެ. އަތްމަތި ދަތިކަމާއެކު މީހުންނަށް ކުރިމަތިލާން ޖެހިލުންވެ ގޭގެ ހަތަރު ފާރު ތެރޭގައި ހުރި ޝަމާ އަށް އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ފުރުސަތު ލިބުނު މަސައްކަތެވެ. އަމިއްލަ ހާލަތުގެ ސަބަބުން 'ފިލައިގެން' އުޅުނު ޝަމާ އަކީ އަމިއްލަ ހިތްވަރުން ވިޔަފާރިއަށް ނުކުމެ، ދިރުއުޅުމުގެ މިސްރާބު ބަދަލުކޮށްލި ހިތްވަރުގަދަ އަންހެނެކެވެ. މިހާރު އިޖްތިމާއީ އަދި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ޝަމާއަށް މި ހިތްވަރު ލިބިގެން ދިޔައީ އޭނާގެ އަތުގައި ހިފައިގެން ތިބި ރަނގަޅު އެކުވެރިންގެ ސަބަބުންކަން ޝަމާ ފާހަގަކުރިއެވެ.

ޝަމާ ތައްޔާރުކޮށްފައިވާ ސައިބޯނިތައް

މިހާރު ޝަމާ އުފައްދާ ސައިބޯންޏަކީ އައިއެސްއޯ ސެޓިފައިޑް ސައިބޯންޏެކެވެ. އޭނާގެ ސައިބޯންޏަކީ އޭނާގެ އަމިއްލަ ރެސިޕީތަކެވެ. މީހާގެ ހަންގަނޑަށް ބަލައިގެން އެ ހަންގަނޑާ ގުޅޭ ގޮތަށް ސައިބޯނި ތައްޔާރުކުރުމަކީ އޭނާގެ ކުޅަދާނަކެމެވެ. މިހާރު ކޮންމެ ގަހެއްގެ، ކޮންމެ މޭވާއެއް، ތަރުކާރީއެއް ބޭނުންކޮށްގެންވެސް ސައިބޯނި ހަދާލުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. "ވަރަށް ގިނަ މީހުން ހަންގަނޑަށް ދިމާވާ މައްސަލަތައް ކިޔައިދިނުމުން، ކަސްޓަމައިޒްކޮށްވެސް ސައިބޯނި ހަދައިދެން. ވަރަށް ގިނަ ރެގިއުލާ ކަސްޓަމަރުން އެބަތިބި. އަދި ސައިބޯނި ގަންނަ އެންމެންގެ ފަރާތުންވެސް ވަރަށް ޕޮޒިޓިވް ކޮމެންޓްސް ލިބޭ." ސައިބޯނި ހަދާއިރު އަބަދުވެސް ރަށުގެ މާހައުލުން ލިބެން ހުންނަ ތާޒާ މާއްދާތައް ބޭނުންކުރުމަށް އިސްކަން ދެމުން އަންނަ ޝަމާ ބުންޏެވެ.

މިކަމުގެ ތެރެއަށް ވަނުމުން ޝަމާއަށް އެންމެ ބޮޑަށް ދަސްވިކަމަކީ ހާބަލް އޮއިލް، ހާބަލް ތެރަޕީ، ބާމް ހެއާ ޕެކް ފަދަ ތަކެތި ދިރިއުޅޭ މާހައުލުން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެންވެސް ތައްޔާރުކުރެވޭނެ ކަމެކެވެ. މިހާރުވެސް އެކި ބަލިތަކަށް ޓީ ބްލެންޑް ހަދަމުން އަންނަ ޝަމާ ބުނީ އެންޓި ކެންސާ، ޕީސީއޯއެސް، ޑައިބެޓިކް އަދި ކޮލެސްޓްރޯލާ، ރާއްޖެބަލި އަދި ރޯނގާއަށް ހާއްސަ ހާބަލް އެއްޗެހިތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ މި ތަކެތި ޓެސްޓުކުރުމުގެ މަސައްކަތްކަން ފާހަގަކޮށް ޝަމާ ބުނީ 10 އޯތެންޓިކް ޕްރޮޑެކްޓެއް އުފެެއްދުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި މިއީ ރަނގަޅު މާކެޓެއްވެސް ލިބޭނެ އުފެއްދުންތައް ކަން ފާހަގަކޮށް ޝަމާވަނީ އޭނާގެ މި މަސައްކަތް އިތުރަށް ފުޅާކުރުމަށް އަބަދުވެސް މަސައްކަތްކުރާކަން ހާމަކޮށްފައެވެ.

ސައިބޯނި ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން

ޝަމާ އުފެއްދި ސައިބޯނި މާކެޓް ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރީ ޗޭނު ޖަމިއްޔާއިންނެވެ. އައިލެންޑް އެޕޮތެކަރީއާ އެކު މިހާރު މަސައްކަތްކުރަމުން އަންނަ ޝަމާ ބުނީ އޮތަންޓިކް މޯލްޑިވްސް އައިލެންޑް ބާޒާރުގައި މިހާރު ޝަމާގެ ސައިބޯނިތައް ލިބޭނެ ކަމަށެވެ. އަދި ރިސޯޓުތަކުންވެސް އޯޑަރު ލިބިފައިވާކަން ފާހަގަކޮށް ޝަމާ ބުނީ އެ އޯޑަރުތަކަށްވެސް މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ޝަމާ އުފައްދާ ސައިބޯނި މިހާރު މީދޫގެ އަސްދަނޑިން ބޭރުވެ ރާއްޖޭގެ އެހެން ހިސާބުތަކުންވެސް ލިބެން ހުރި އިރު ޝަމާ ބުނީ މީދޫގައި އޭނާ ހިންގާ ފެކްޓަރީންވެސް ސައިބޯނި ލިބެން ހުންނާނެކަމަށެވެ.

މިހާރު އަމިއްލަ އުފެއްދުންތައް ވިއްކަން ބޭނުންކުރާ އުކުޅުތަކާއެކު އެހެން މީހުންނަށް އޭނާގެ އުފެއްދުންތައް ތައާރަފުކޮށް ދިނުމަކީ ޝަމާއަށް ވަރަށް ފަސޭހަކަމެކެވެ. މީހުންގެ ތެރެއަށް ނިކުމެ ޕޯޑިއަމްއެއްގައި ވާހަކަ ދައްކާލުމަކީވެސް މިހާރު އޭނާ އަށް މާ ބޮޑު ކަމެއް ނޫނެވެ. ޝަމާ ގަބޫލުކުރާ ގޮތުގައި އޭނާއަށް މި ހިތްވަރު ލިބިގެން ދިޔައީ އަމިއްލަ ފައިމައްޗަށް ތެދުވާން ލިބުނު ފުރުސަތުންނެވެ. ޝަމާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވަޒީފާއެއް ހޯދުމަށް އެއްވެސް ބަޔަކަށް އާދޭސްކުރަން ނުޖެހި އަމިއްލަ ގޭގައި ކުދިން ކައިރީގައި ހުރެގެން ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރުމުގެ ފުރުސަތު ލިބުމެވެ. މިއީ ފާއިތުވި 6 އަހަރު ދުވަހުގެ މަސައްކަތެވެ.

ޝަމާ ތައްޔާރުކޮށްފައިވާ ތަކެތި

މިއަދު މީދޫގައި ސައިބޯނި ހަދާ ކުޑަ ފެކްޓްރީއެއް ހިންގަމުން އަންނަ ޝަމާގެ އުއްމީދަކީ މި މަސައްކަތުގައި މީދޫއަކީ ފާހަނގަކޮށްލެވޭ ފަދަ ރަށަކަށް ވެގެން ދިއުމެވެ. އަދި އޭނާ ފަދަ އެހެން އަންހެނުންނަށްވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށް ދިނުމަށް މި ވިޔަފާރި އިތުރަށް ފުޅާކޮށް މީދޫއަށް ޒިޔާރަތްކުރާ ކޮންމެ މީހަކީ އެ ފެކްޓްރީގެ އުފެއްދުމެއް ގަނެގެން ދާ މީހަކަށް ވުމަކީ ޝަމާގެ އުއްމީދެވެ.

މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަމުން އަންނަ ޝަމާ ބުނީ އޭނާ ފަދަ އެހެން އަންހެނުންނަށް ވެސް ކުރިއަށް ދާނެ ފުރުސަތުތަކެއް ހޯދައިދިނުމަކީ އަބަދުވެސް އުއްމީދެއް ކަމަށެވެ. މި ކޮމިޓީއަށް ކުރިމަތިލުމުގެ އެންމެ ބޮޑު މަގްސަދަކީ ވެސް އޭނާގެ މަސައްކަތަށް ކުރިމަތިވި ގޮންޖެހުންތަކުން ފިލާވަޅު ލިބި، މިފަދަ މަސައްކަތްކުރާ އެހެން ފަރާތްތަކަށް މި ގޮންޖެހުންތަކުން އަރައިގަނެ އަލަށް މަސައްކަތަށް ނިކުންނަ ފަރާތްތަކަށް ތަމްރީނުދީ، މާކެޓް ހޯދައިދިނުމުގެ އިތުރުން ގިނަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް ޝަމާ ބުންޏެވެ.

ޝަމާ އާއި ރަޝީދާ ސައިބޯނި ތައްޔާރުކުރުމުގެ މަސައްކަތުގައި

ސައިބޯނި ހެދުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރޯމެޓީރިއަލް ހޯދުންކަން ފާހަގަކޮށް ޝަމާ ބުނީ މިއީ ކޮސްމެޓިކްސް ބާވަތެއް ކަމުން ސައިބޯނި ތައްޔާރުކުރުމަށް ބޭނުންވާ ބައެއް ސާމާން ރާއްޖެއިން ބޭރުންވެސް ގެންނަން ޖެހޭ ކަމަށެވެ. ގިނަ އަދަދަކަށް ސައިބޯނި ތައްޔާރުކުރުންޖެހޭ ހާލަތްތަކުގައި ކާށި، މާ، މުރަނގަ ފަތް ފަދަ ބައެއް އެއްޗެހި ހޯދުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ޝަމާ ވަނީ ފާހަގަކޮށްފައެވެ.

ޝަމާގެ މި ދަތުރުގެ އެންމެ ބޮޑު ހިތްވަރަކީ ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމަށް ހިތްވަރުދީ މުޖްތަމައަށް ބޭނުންތެރި މީހަކަށްވުމަށް އޭނާގެ އެންމެ ގާތް އެކުވެރިޔާ ރަޝީދާ ދިން ހިތްވަރިކަން އޭނާ ފާހަގަކުރިއެވެ. އޭނާ މީހުންގެ ތެރެއަށް ނެރެދީ، ސިޔާސީ ދާއިރާގައި މަސައްކަތްކުރުމުގެ ހިތްވަރުދީ އެހީވެދިނީ ރަޝީދާއެވެ. މީގެ އިތުރުން ސައިބޯނި ހެދުމާ، މާކެޓިން މަސައްކަތުގައި ޗޭނު ޖަމިއްޔާގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ޝަމާ ފާހަގަކުރިއެވެ. މި މަސައްކަތުގައި ކުރިއަށް ދިއުމަށް އާއިލާ އާއި ރައްޓެހިންގެ އިތުރުން އޭނާގެ ކަސްޓަމަރުންގެ ހިއްސާވެސް ބޮޑުކަން ޝަމާ ފާހަގަކުރިއެވެ.