ހުޅުމާލޭގައި 1،000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ހުޅުމާލެ 3 ގައި އިމާރާތްކުރާ "އެފޯޑަބަލް ހޯމް އޯނަޝިޕް" ގެ ހައުސިން ޔުނިޓުތައް ޑިޒައިންކުރުމާއި އެ ތަން އިމާރާތްކުރަން ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން މި މަހުގެ 8 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން މަސައްކަތުގެ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މާޗު 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ

މިނިސްޓްރީން ބުނީ މި މަޝްރޫއަކީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ، އުމްރާނީ ތަރައްގީ އަށް އެހީތެރިވުމާ، ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެ މީހުންގެ ގާބިލްކަން އިތުރުކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.