ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބުގައި މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން، ބަންގްލަދޭޝްގެ ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ހިމެނޭ ކޯލިޝަނަށް 209 ގޮނޑި ކާމިޔާބުކޮށްފައެވެ.

ބަންގްލަދޭޝްގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އިތުރުން، ބޫޓާންގެ ބޮޑުވަޒީރު ސެރިންގް ތޮބްގޭ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ޕާކިސްތާނުގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ އެ ގައުމުގެ ޕްލޭނިން މިނިސްޓަރު އަހްސަން އިގްބާލްއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ރައީސް އޯމް ބިރްލާ އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވެސް ވަޑައިގަންނަވާނެއެވެ. އަދި ނޭޕާލްގެ ފޮރިން މިނިސްޓަރު ބާލާ ނަންދާ ޝަރުމާ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ބަންގަލަދޭޝްގައި ބޭއްވި އިންތިހާބަކީ 2024 ވަނަ އަހަރު ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި ނެގި ފުރަތަމަ ވޯޓެވެ.