މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ހުސްވެފައިވާ ޗެއާމަންގެ މަގާމަށް ހުސައިން އަފީފް (ޗަމްޕާ އަފީފް) އައްޔަންކޮށްފި އެވެ.
އަފީފު އެ މަގާމަށް އައްޔަން ކުރެއްވީ މަޓީގެ ފައުންޑިން މެންބަރު އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބާނީ އެމްޔޫ މަނިކު މިދިޔަ އަހަރު އަވަހާރަވުމަށްފަހު އެ މަގާމު ހުސްވެފައި ވުމާއެކުއެވެ.
އޭނާ މީގެ ކުރިން ހުންނެވީ އެ ޖަމިއްޔާގެ ވައިސް ޗެއާޕާސަންގެ މަގާމުގައި ނަމަވެސް މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގައި ވަނީ މަޓީގެ ޗެއާޕާސަނަކަށް އައްޔަންކޮށްފައެވެ.
އެމްޔޫމަނިކު އަވަހާރަވެފައި ވަނީ ހާލު ދެރަވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާތާ މަހެއްހާ ދުވަސްް ފަހުންނެވެ.
ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގެ މަގްސަދުގައި މަޓީ އުފެއްދީ 1982 ވަނަ އަހަރު އެވެ. މަޓީ އަކީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތުގެ އަޑެއް ނޫނެވެ. އެއީ މުޅި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، އިޤްތިސާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ހެޔޮ ބަދަލުތަކެއް ގެނެސްދިނުމުގައި މުހިންމު ރޯލެއް އަދާކުރާ ޖަމިއްޔާއެކެވެ.
