ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސް ކޭސް ބެހުމުގެ މަސައްކަތް ރޭ ނިންމާލި ކަމުގައި ވީ ނަމަވެސް، މުލަ ރޯދަ ދުވަހާ ހަމައަށް މަސްދަޅު ކޭސް މިފްކޯ މަރުކަޒުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ސަރުކާރުން މާލެ ސަރަހައްދުގައި މަސްދަޅު ކާސް ބަހަން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެގޮތުން މާލޭގެ 4 ތަނަކާއި ވިލިމާލޭ ވެމްކޯ ސައިޓާއި ހުޅުމާލޭގެ ޖުމްލަ 6 ތަނަކުން ވަނީ މަސް ދަޅު ދޫކޮށްފައެވެ. ނަމަވެސް މި ތަންތަނުން މަސްދަޅު ދޫކުރުން މިހާރު ވަނީ މެދުކަނޑާލާފައެވެ.
ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރޭގެ ނިޔަލަށް މަސް ކޭސް ދޫކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ނިންމާލާފައިވީ ނަމަވެސް މުލަ ރޯދަ ދުވަހާ ހަމައަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ. މަސް ދަޅު ކޭސް ދެން ދޫކުރާނީ މިފްކޯގެ މަރުކަޒުން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިފްކޯ މަރުކަޒުން މަސް ކޭސް ދޫކުރާނީ، ރޭގަނޑު 08:30 އިން 11:00އާ ދެމެދު އެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީއެވެ. ނަމަވެސް އަދި މިހާތަނަށް މަސްދަޅު ކޭސް ދޫކުރި އަދަދު ސާފު ވާ ގޮތެއް ނުވެއެވެ.
