އުރީދޫ ސުޕައެޕް މެދުވެރިކޮށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް ޓީމޫ އިން ވިޔަފާރި ކުރެވޭ 100 ޑޮލަރުގެ ޑިސްކައުންޓް ބަންޑްލް އެއް ލިބޭ އޮފާއެއް ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، ޓިމޫ އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޓީމޫ އިން ވިޔަފާރި ކުރާ އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފްކޮށްފައިވާ ކަމަށެވެ. މިއީ ރޯދަމަހަށް ހާއްސާކޮށް ހުޅުވާލި އޮފާއެއް ކަމަށާއި މި އޮފާގައި ބައިވެރިވެވޭނީ އުރީދޫ ސުޕައެޕް މެދުވެރިކޮށް ކުރާ ޓްރާންސެކްޝަންތަކުގެ ތެރެއިން ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

އެގޮތުން އުރީދޫ ސުޕައެޕް މެދުވެރިކޮށް ބިލް ޕޭ ކޮށްލައިގެން ނުވަތަ އެޑް އޮން ހިޔާރުކޮށްގެން ނުވަތަ ރީޗާޖްކޮށްގެން ދައްކާ ކޮންމެ 100 ރުފިޔާއަކަށް 100 ޑޮލަރުގެ ޑިސްކައުންޓް ބަންޑްލްއެއް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ. އަދި މި އޮފާ ލިބޭނީ އެންމެ ފުރަތަމަ ސުޕަ އެޕް މެދުވެރިކޮށް މި އޮފާ ހޯދާ 50،000 ކަސްޓަމަރުންނަށް ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އުރީދޫން މި އޮފާ ހާއްސަކޮށްފައި މި ވަނީ ރޯދަމަހަށް ހާއްސަކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ކަމަށް އުރީދޫ އިން ބުނެއެވެ. އަދި މިއީ ޑިޖިޓަލް ވެފައިވާ މި ދުނިޔޭގައި ޑިޖިޓަލް ލައިފްސްޓައިލް ފަސޭހަ ކޮށް ދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ އޮފާއެއް ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.