ދަރިން ނަމާދަށް އަހުލުވެރިނުކުރުވާނަމަ މައިންބަފައިން ފާފަވެރިވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުން" މި މައުޟޫއަށެވެ. ނަމާދަކީ ގިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭ އަޅުކަން ކަމާއި އެއީ ދީނުގެ ތަނބުކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެެވެ.

ހުތުބާގައި ބުނީ ނަމާދަށް ދަރީން ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިޔަތުކުރާންޖެހޭ ކަމަށެވެ. އަދި އެ ކަމުގައި އިހުމާލުވެއްޖެ ނަމަ، ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާހިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް އިހުމާލުވެއްޖެނަމަ، ދެމަފިރިން ފާފަވެރިވާނެކަން ފާހަގަކޮށް ހުތުބާގައި ބުނީ ދަރީންނަށް ނަމާދަށް ލޯބިކުރާ ދަރީންތަކެއްކަމުގައި ހެދުމަށް ޓަކައި އަޅާން ޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަގުވާވެރި މައިން އިހުތިޔާރުކުރުން ކަމަށެވެ. ކައިވެނި ކުރާއިރު ދީންވެރި އަންހެނަކު އިހްތިޔާރުކުރުމަށް ރަސޫލާ އަންގަވާފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހެޔޮލަފާ ސޯލިހު ތަގުވާވެރި ދަރީން ދެއްވުން އެދި މާތް ﷲއަށް ދުއާކުރުން މަތީ ދެމިހުރުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ދަރީންނަށް ރިވެތި ގޮތުގައި ނަސޭހަތްތެރިވުމަށާއި ނަމާދުގެ ދަރުމަޔާއި ޘަވާބުގެ ވާހަކަތައް ކިޔައިދީ އެ ކުދީންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.

މާތް ﷲގެ އަރުޝިކޮޅުގެ ހިޔާވަހިކަން ފިޔަވައި އެހެން އެއްވެސް ހިޔާވަހިކަމެއްނުވާ ގިޔާމަތް ދުވަހު އެކަލާނގެ އަރުޝިކޮޅުގެ ހިޔާ ނަމާދުތަކަށް އިންތިޒާރުކޮށް އެއަށް ރައްކާތެރިވާ މީހުންނަށް ލިބިގެންދާނެކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މިއަދު ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި ތަފާތު ޕުރޮގުރާމުތައް އެކިއެކި މުއައްސަސާތަކުން ރާވައި ނަމާދު ވަގުތު ފާއިތުވެދާ އިރުވެސް ދަރީންނާއި ޒުވާނުން އެ ކަމުގެ ތެރޭގައި މަޝްއޫލުކުރުވާކަން ފާހަގަކޮށް ހުތުބާގައި ވަނީ ނަމާދަށް ރައްކާތެރިވުމަށް ގޮވާލާފައެވެ.

ހުތުބާގައި އިތުރަށް ބުނީ ސަވާބާއި ދަރުމަ ހޯދުމަށްޓަކައި މި މަހުގައި (ރަޖަބު މަހުގައި) ހެޔޮކަންތައްތައް އިތުރުކޮށް ނުބައިކަންތަކުން ދުރުވެގަތުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އެހެންނަމަވެސް މި މަހުގެ ވަކި ދުވަހެއްގައި ހާއްސަ ރޯދައެއް ނުވަތަ ހާއްސަ ނަމާދެއްކުރުމެއް ނެތްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.