ދިވެހީންނަކީ މޮޅު، އަދި ހުނަރުން ފުރިފައިވާ އިޖާދީ ވިސްނުމެއްގެ ބައެއް ކަން އެންމް ބޮޑަށް އެގިގެންދަނީ، ދިވެހިންގެ އަތްތެރި މަސައްކަތްތަކުގެ އުފެއްދުންތަކުންނެވެ. ލަކުޑީގެ އުފެއްދުމާ، ކުރެހުމާ، ވިޔެފައިވާ ތަކެއްޗާ، ކަންވާރުފަދަ ތަކެތި ހިމެނޭ ގޮތުން، އެކިއެކި އާލާތް ބޭނުންކޮށްގެން އަތުން އުފައްދާ ފަންނުވެރި އުފެއްދުންތަކަކީ ދިވެހިންގެ ފަންނުވެރިކަން ފެނިގެންދާ މަސައްކަތްތެވެ.

މި ކަވި މަސައްކަތަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނު ނަމަވެސް، މި މަސައްކަތް ފަށައިފި ނަމަ މިއީ ހުއްޓުމެއް ނެތް މަސައްކަތެކެވެ. މި މަސައްކަތް ކުރާ މީހުންނަށް ކޮންމެ އެއްޗެއް ފެނުނަސް، އެމީހުންގެ ސިކުނޑީގައި މޮޅު އުފެއްދުމެއް ކުރަހަލާ، އެ ކުރެހުމުގައި ހަގީގީ ކުލަ ޖައްސައެވެ.

ެއާމިނަތު ވަސީމާ

އައްޑޫ ސިޓީ މީދޫ އަށް އުފަން އާމިނަތު ވަސީމާ (އާމިންނާ) އަކީވެސް މި ފަދަ މަސައްކަތްތެރިއެކެވެ. ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއެކު، އަމިއްލަ ހިތްހަމަޖެހުމަށްޓަކައި އަބަދުވެސް ކޮންމެވެސް މަސައްކަތެއްކޮށްލުމަކީ އޭނާގެ އުފަލެކެވެ. އެގޮތުން އަތްތެރި މަސައްކަތުގެ ތެރެއަށް އޭނާއަށް އެންމެ ފުރަތަމަ ވަދެވުނީ އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނުން ބޭއްވި އަތްތެރި މަސައްކަތުގެ ކޯހުންނެވެ.

އެ ކޯހުގައި އޭނާ ބައިވެރިވީ މި މަސައްކަތް ދަސްކުރުމަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ. އެހެންނަމަވެސް މިއީ ދުވަހަކުވެސް ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ މަސައްކަތެއްކަމެއް އޭރު އޭނާ ގަބޫލެއް ނުކުރެއެވެ. އާމިންނާއަށް އަތްތެރި މަސައްކަތުގެ ކޯހުން ދަސްވި ކޮންމެ ފިލާވަޅަކާއެކު، މި މަސައްކަތަށް އުފެދުނު ޝައުގުވެރިކަން ދިޔައީ އިތުރުވަމުންނެވެ.

އައްޑޫގައި ބޭއްވި އަފިރިންގެ އެކްސްޕޯ ގެ ތެރެއިން / ފޮޓޯ: ޑަބްލިއުޑީސީ

އެންމެ ފަހުން އެ ކޯސް ނިމި އަމިއްލައަށް ގޭގައި އެކަން ކުރަން ފެށި ހިސާބުން، އަބަދުވެސް ތަފާތު އެއްޗެހި ހެދުމުގެ ޝައުގުވެރިކަން ދިޔައީ ބޮޑުވަމުންނެވެ. ރާބަނދު، ކަންފަތުލާ އެއްޗެހި، ކީޗެއިން ފަދަ ތަކެތި އަމިއްލައަށް ޑިޒައިންކޮށް އުފެއްދުމަކީ މިހާރު އާމިންނާއަށް މާ އުދަގޫ މަސައްކަތެއް ނޫނެވެ.

އާމިންނާ ބުނީ މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮން ޖެހުމަކީ މަސައްކަތަށް ބޭނުންވާ ސާމާންތައް ހޯދުން ކަމަށެވެ. މީދޫ އިން މި ސާމާންތައް ހޯދުމުގައި ގިނަ ދަތިތައް ހުރިކަން ފާހަގަކޮށް އާމިންނާ ބުނީ ރަށުން ލިބޭ މަދު ވަސީލަތްތަކާއެކު މި މަސައްކަތަށް ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން މަސައްކަތަށް ބޭނުންވާ ސާމާންތަކުގެ އަގު ބޮޑުވުމާއި ގުޅިގެންވެސް ގިނަ ގޮންޖެހުންތައް ދިމާވާކަމަށް އާމިންނާ ބުންޏެވެ.

އާމިނަތު ވަސީމާ ހަދާފައިވާ ބައެއް ތަކެތި
"މަސައްކަތަށް ބޭނުންވާ ސާމާންތައް ގަންނަން ލިބެނީ އެހާ އަގު ބޮޑުކޮށް، ގިނަ އެއްޗެހި ރަށުން ނުލިބޭ. އެހެންވުމުގެ ސަބަބުން އެއްޗެއް ހެދިޔަސް ވިއްކަން ވަރަށް އުދަގޫ. މި މަސައްކަތަށް ބޭނުންވާ ތަކެތި އަގު ހެޔޮކޮށް ފަސޭހައިން ލިބުމަކީ މަސައްކަތަށް ލިބޭނެ ބޮޑު ފަސޭހައެއް" އާމިންނާ ބުންޏެވެ

އާމިންނާ، މިހާރު ގަބޫލުކުރާ ގޮތުން މިއީ އާމްދަނީ ހޯދުމަށްވެސް ކުރެވިދާނެ މަސައްކަތެކެވެ. ރަށުގައި ބާއްވާ އެކި އެކި ހަފްލާތަކަށް މާބޮޑި އާއި މިފަދަ އެހެން ސާމާންތައް ފޯރުކޮށްދެމުން އަންނަ އާމިންނާ ބުނީ ރަށުގައި ފަތުރުވެރިކަން ފުޅާވަމުން އަންނައިރު، އޭނާ ފަދަ މަސައްކަތްތެރިންނަށް ވިޔަފާރިވެރިންގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށެވެ.

އާމިނަތު ވަސީމާ ހަދާފައިވާ ބައެއް ތަކެތި

އެގޮތުން ގެސްޓް ޝޮޕްތަކަށް ބޭނުންވާ ސާމާންތައް ރާއްޖެއިން ބޭރުން ގަނެގެން ގެނައުމުގެ ބަދަލުގައި އެ ފަދަ މަސައްކަތްކުރާ ފަރާތްތަކުގެ އަތުން ތަކެތި ގަތުމަކީ ކުރިއަށް ދިއުމަށް ލިބޭނެ އިތުރު ހިތްވަރެއްކަމަށް އާމިންނާ ބުންޏެވެ. "މި ގޮތަށް އެއްޗެހި ހަދާފަ ހުއްޓަސް، ވަރަށް ނުވިކޭ. މިތަކެތި ގަންނަން މިތެބެނީ ގެސްޓް ޝޮޕްތައް ހިންގާ ފަރާތްތައް. މިކަމުގައި ކުރިއަށް ދާނަމަ، މަސައްކަތްތެރިންނާ ވިޔަފާރިވެރިން ގުޅިގެން ރަނގަޅު ނަތީޖާއަކާއި ހަމައަށް ދެވޭނީ" އާމިންނާ ބުންޏެވެ.

މިހާތަނަށް އައްޑު ސިޓީގައި ބޭއްވި 2 ފެއާއެއްގައި އާމިންނާގެ އުފެއްދުންތައް ބައިވެރިކޮށްފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ބޭއްވި ފެއާގައި އޭނާ ބައިވެރިކުރި ތަކެއްޗަށް ގިނަ ބައެއްގެ ތައުރީފާއި ތަރުހީބު ލިބިގެން ދިޔައެވެ. އަދި އެ ފެއާގެ ސަބަބުން މަސައްކަތްތެރިންނަށް އިތުރު ތަޖުރިބާ ހޯދައިދިނުމަށް އިންޑިއާގައި ކުރިއަށް ދިޔަ ފެއާއެއްގައި ބައިވެރިވުމުގެ ފުރުސަތު އާމިންނާއަށް ލިބިގެން ދިޔައެވެ. މިއީ އޭނާއަށް ވަރަށް ގިނަ ތަޖުރިބާ ލިބުނު ދަތުރެއްކަން ފާހަގަކޮށް އާމިންނާ ބުނީ އެ ދަތުރުން ދަސްވި ތަކެތީގެ ބޭނުންވެސް މި މަސައްކަތުގައި މިހާރު ކުރަމުން އަންނަކަމަށެވެ.

އާމިނަތު ވަސީމާ، ޑަބްލިއުޑީސީ އާއި އެކު އިންކުރި ތަޖުރިބާ ދަތުރުގެ ތެރެއިން

މި މަސައްކަތުގައި ކުރިއަށް ދިއުމަށް ފިރިމީހާ އާއި އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް އާމިންނާ ވަނީ ޗޭނު ޖަމިއްޔާއިން މި ލިބުނު ފުރުސަތަށްވެސް ޝުކުރު އަދާކޮށްފައެވެ. އަދި މަސައްކަތްތެރިންގެ އަގު ވަޒަންކޮށް، މިފަދަ ކަވި މަސައްކަތްތައް ކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމަށް ގިނަ ތަމްރީނުތަކާއި ފެއާތައް ބޭއްވުމަކީ މުހިއްމު ކަމެއްކަމުގައި އާމިންނާ ވަނީ ބުނެފައެވެ.

މި މަސައްކަތުގައި އާމިންނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ، ގޭގައި ތިބެގެން މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ރަނގަޅު މާކެޓެއް ލިބި، މިފަދަ މަސައްކަތްކުރާ މީހުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދިއުމެވެ.