"މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ ގާނޫނުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި މަސައްކަތް ކުރުމެވެ.
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީއެވެ.
މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. މި ގާނޫނުގައި ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އައްޔަނުކޮށް ވަކިކުރާނެ ގޮތާއި، ރަޖިސްޓްރާގެ ޝަރުތުތަކާއި، ރަޖިސްޓްރާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި، އޮފީހުގެ އިދާރީ މުވައްޒަފުންނާއި ގުޅޭ އުސޫލުތައް ތަފްސީލީ ގޮތެއްގައި ބަޔާންކުރައްވާފައިވެއެވެ.
މީގެ އިތުރުން، ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުތަކާއި، ގާނޫނުގެ ދަށުން ރަޖިސްޓްރާރނިންމާ ނިންމުންތަކާއި ގުޅިގެން އަމަލުކުރާނެ ގޮތް ބަޔާންކުރައްވާފައިވެއެވެ.
