ފިލްމް އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް މޫނު ކަމުގައިވާ އަހުމަދު ނިމާލަށް ރޭ ސްތްރޯކެއް ޖެހިގެން އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ދާދި ދެންމެ އައިޖީއެމްއެޗް ގެ ސްޓްރޯކް ސެންޓަރަށް ބަދަލު ކޮށްފިއެވެ.

މިހާރު އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހުނީ ސައިކަލު ދުއްވާފައި ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ސްޓްރޯކް ޖެހި އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ރެއިން ފެށިގެން ނިމާލަށް ފަރުވާދެމުން ދިޔައިރު، އޭނާގެ ހާލު ސީރިއަށް ކަމުން ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

ނިމާލް އެންމެ ފުރަތަމަ ފިލްމީ މަސައްކަތާ ގުޅުނީ 1984 ގައި "ނުފޫޒު" ފިލްމްގެ އެކްޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ނިމާލް ވަނީ އާންމުގެ މަގުބޫލުކަން ލިބުނު އެތައް ފިލްމެއް ކުޅެފައެވެ.

އޭގެތެރޭގައި ޔޫސުފް، ނިއުމާ، ޒަލްޒަލާ، ސަބަބު، އުދާސް، މިހަށިން ފުރާނަ ދަންދެން ފަދަ ފިލްމްތައް ފާހަގަ ކުރެވެއެވެ. މިފަހުން އޮލިމްޕަހުގައި އެޅުވި ކަނބުލޮ، ލިލީ، ކޮސް ގިނަ މިސްޓޭކްސްގައި ނިމާލް ފެނިގެންގޮސްފައި ވެއެެވެ.

އެކްޓްކުރުމުގެ އިތުރުން ނިމާލްއަކީ ކުޅަދާނަ ޑައިރެކްޓަރެއްވެސް މެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އޭނާއަށް އަމިއްލައަށް ލިޔެ ޑައިރެކްޓްކުރި ފިލްމް "ސިޓީ"އެވެ. މި ފިލްމްގައި ނިމާލްގެ މިހާރުގެ އަންހެނުން ފާތިމަތު ރަމީޒާވެސް ފެނިގެން ގޮސްފައިވެއެވެ.

ފިލްމީ ދާއިރާއަށް ނިމާލް ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ އޭނާއަށް ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ދީފައެވެ.

ނިމާލް 3 މީހުނާ ކައިވެނި ކޮށްފައި ވާއިރު 4 ދަރިން އެބަތިއްބެއެވެ.