ބައިސްކޯފުން ގެނެސްދިން އަދި ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ ދިވެހި ޑްރާމާ ސީރީޒް "ހުވާ" ގެ ދެވަނަ ސީޒަންގެ ޝޫޓިންގެ ތެރެއިން ފިލްމީ ތަރި މަރިޔަމް އައްޒަ ބިންމައްޗަށް ވެއްޓި އަނގަމަތި ފަޅައިގެން ހިނގައްޖެއެވެ.

"ހުވާ"ގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ ވަނީ ކްރިސްޓަލް އެންޓަޓެއިންމަންޓް ޓިކްޓޮކް އެކައުންޓުން ރޭ ކުރިއަށް ގެންދިޔަ ލައިވްއެއްގައި އައްޒައަށް އަނިޔާވީ ޑްރާމާގެ މަންޒަރެއް ނަގަމުން ދަނިކޮށް ހިނގި އިންސިޑެންޓެއްގައި ކަމަށް ބުނެފައެވެ.

އެ މަންޒަރު ނަގަން އަހުމަދު އީސާ (އާނަންދު) އައްޒަ ކޮށްޕާލި ގަޑީގައި އޭނާ ވެއްޓި، އަނގަމަތި ފަޅައިގެން ދިޔައީ ކަމަށް ނަހުލާ ބުނެއެވެ. ނަހުލާ ބުނީ އައްޒައަށް ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށާއި އައްޒަގެ ތުންފަތް ފަޅައިގެން ގޮސް، ދެ ދަތަކަށް ވެސް އަނިޔާވެފައިވާ ކަމަށް ނަހުލާ ބުނެއެވެ.

އައްޒަގެ އަނގަ ފަޅައިގެން ގޮސްގެން އުޅުނު ވަގުތުގެ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެ ވީޑިއޯ އިން ފެންނަ ގޮތުގައި އައްޒަގެ މަތީ މެދު ދެ ދަތް ވަނީ ހަލާކުވެފައެވެ. ހަމައެއާއެކު އަނގަ ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔަ މަންޒަރު ވެސް ފެނެއެެވެ.

https://web.facebook.com/muaa.abdullaa/posts/pfbid0bt7jjXrDYnK2tKYwEZd5C4TmW4FKWusKwKYbPNjLiFSAHjCU7mtE4yCpFz99BsD9l

އައްޒައަށް އަނިޔާވެފައިވާ ވިޑީއޯ ހިއްސާ ކުރަމުން އޭނާގެ ފިރިމީހާ އަދި އެކްޓަރު އަބްދުﷲ މުއާޒް ވަނީ ފޭސްބުކްގައި ޕޯސްޓެއް ވެސް ކޮށްފައެވެ. އައްޒައަށް އަނިޔާވުމުން ވަރަށް ބޮޑަށް ދެރަވި ކަމަށާއި އަވަސް ޝިފާއަކަށް އެދިފައި ވެއެވެ. ހަމައެއާއެކު ގިނަ އަދަދެއްގެ އާންމުން ވެސް އަންނަނީ އައްޒައަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ހެޔޮ ދުއާ ކުރަމުންނެވެ. އަދި ހުވާގެ ދެވަނަ ސީޒަން ބަލާލަން ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފަިއވާ ހުވާގެ ދެވަނަ ސީޒަންގެ ޝޫޓިން ފެށީ ވަރަށް ބޮޑު ބްރޭކަކަށް ފަހުއެެވެ. ޝޫޓީން މިހާރު ފަށައިގެން ކުރިއަށް ދިޔަ ނަމަވެސް އެ ސީޒަން ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.