ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި އިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި ރޭ ބޭއްވި ބައްދަލުވުމުގައި، ރައީސް ވިދާޅުވީ ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން ދިހަބުރިއަށް އިމާރާތް ނަގާކަމުގައި ވީ ނަމަވެސް، ތިރީފްލޯގައި ޕާކިން ގާއިމުކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ހައްދަވާނެ ކަމަށެވެ.
އެގޮތުން އެގޭގައި ދިރިއުޅޭ ރައްޔިތުންގެ ޕާކިންއަށް އެންމެ ތިރީފްލޯ ހާއްސަކުރެވި، މީގެއިތުރުން އެއް ފްލޯ ނޮން-ރެޒިޑެންޝަލް ޔޫސްއަށް ބޭނުންކުރަން ޝަރުތުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ކޮމާޝަލް ވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަންޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ގޯތިތަކުގައި ދިހަބުރިއަށް އިމާރާތް ކުރެވޭގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު ގެނެސް އެ ފުރުސަތު ދެ ފިޔަވަހީގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގެ ފޭސް 1 ގައި ސޯޝަލް ކެޓަގަރީން ފައިސާ ދައްކައިގެން އަމިއްލަކުރާ ގޮތަށް، ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް އެއްވެސް މާލީ ލުޔެއް ލިބިފައިނެތްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ގޯތިތަކުގެ އެގްރީމަންޓުގައިވާ ޖުމްލަ އަގުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައި ވާކަމަށެވެ. އަދި އެގޮތުން އެ ގޯތިތަކުގެ ބާކީ ދައްކަން އޮތް އަދަދުން އެބައި ކެނޑިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މާލޭގެ އަވަށްތަކާއެކު ބައްދަލުކުރައްވަން ފެއްޓެވި ހިސާބުން ފެށިގެން ލިބެމުން ދިޔަ ޝަކުވާތަކާއި އެމަނިކުފާނާއި ސަރުކާރުގެ ކިބައިން އެދެމުން ދިޔަ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ފެށިފައިވާކަން ރައީސް ހާމަކުރައްވާފައެވެ. މީގެތެރެއިން ބައެއް ކަންކަމުގައި ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތުގެ ބައެއް ތަފްސީލުތައް ރައީސް ހިއްސާކޮށްދެއްވާފައި ވެއެވެ.
އެގޮތުން ރައީސް ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ސެލޫންތަކުގެ ނަމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ދީނީ މިންގަނޑަށްވެސް ނުފެތޭގޮތަށް ހިންގަމުންދިޔަ 83 މަސާޖުޕާލާއެއް އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން އުފެއްދި ޓާސްކްފޯހުން 9 ޑިސްންބަރުން ފެށިގެން 21 ޑިސެންބަރާ ދެމެދު މިހިނގި ދުވަސްކޮޅުގެތެރޭގައި ބަންދުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ބިދޭސީން ގަވައިދާ ހިލާފަށް ހިންގަމުންދިޔަ 56 ވިޔަފާރިއެއް، މިދިޔަ ތިން ހަފުތާތެރޭގައި އެކަނިވެސް ބަންދުކުރެވިފައި ވާކަން ރައީސް ފާހަގކުރެއްވިއެވެ.
