ސްތޭލްކޯއިން ދޭ ހިދުމްތަ ްރަނގަޅު ކުރުމަށާއި މިހާރު ދެމުންދާ ހިދުމަތާ މެދު ރައްޔިތުން ހިޔާލު ހޯދުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ ހިދުމަތްތަކާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ބޭނުންވާ ކަމަށެވެ. އެ ގޮތުން އޮންލައިން ފީޑްބެކް ފޯމު މެދުވެރިކޮށް ހިޔާލު ދިނުމަށް އެ ކުންފުނިން އެދިފައި ވެއެވެ.

މި ފީޑްބެކް ފޯމުގައި ސްޓެލްކޯއިން ދެމުންދާ ހިދުމަތާ މެދު ހިތްހަމަޖެހޭ މިންވަރު ބަޔާންކޮށް ރޭޓް ކުރަން 6 ސުވާލެއް ހިމަނާފައި ވެއެވެ. ހަމައެއާއެކު ސްޓެލްކޯ އިން ހިދުމަތް ދިނުމާ ގުޅޭ ގޮތުން ރަނގަޅު ކުރަންޖެހޭ ނަމަ ފާހަގަކުރެވޭ ކަންކަން ހިމެނުމަށާއި ސްޓެލްކޯ އިން ހިދުމަތް ލިބިގަތުމުގައި ކުރެވިފައިވާ ރަނގަޅު ނުވަތަ ނުރަނގަޅު ތަޖުރިބާއެއް ހިއްސާކުރަން އެ ފޯމުގައި ހިމަނާފައި ވެއެވެ.

އާންމުކޮށް ސްޓެލްކޯއިން ދެމުން އަންނަ ހިދުމަތުގެ ތެރެއިން ރައްޔިތުންގެ ކަންބޮޑުވުން އެންމެ ގިނައިން ފެންނަމުން އަންނަނީ ހޫނު ގަދަވާ މޫސުމާއި ރޯދަމަހުގައި ކަރަންޓް ބިލު ބޮޑުވާ މައްސަލައާ ގުޅިގެން އަންނަ މައްސަލަތަކެވެ. މި ފަދަ މައްސަލަތަކުގައި ވެސް ރައްޔިތުންގެ ޝަކުވާތައް އަޑު އަހައި ހައްލު ހޯދައި ދިނުމަށް އެ ކުންފުނިން މަސައްކަތްކޮށްފައި ވެއެވެ.