ގަލޮޅު ސިޓީ ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ގަލޮޅު ސިޓީ ޕާކަކީ ގަލޮޅުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު ތަނެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

2 ދިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތް ކުރިއަށްގެންދަނީ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.އެގޮތުން ރައްޔިތުންގެ ބައިވެރިވުމާއެކު މި ޕާކް ތަރައްގީ ކުރުމުން އެއީ އެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ފެތޭނެ ތަނެއްކަން ކަށަވަރުވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ގަލޮޅު ސިޓީ ޕާކުގައި މިހާރު ކުރަމުންދަނީ ކުލަލުމުގެ މަސައްކަތާއި ވޯކްވޭތަކުގައި އީޕީޑީއެމް ފްލޯރިން އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އަދި އައުޓްޑޯ ޖިމެއް ވެސް ތަރައްގީ ކުރެވިފައިވާނެކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ވަނީ ތަރައްގީކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.