ވެހިކަލް ފީ ކައުންސިލަށް ނުލިބޭ ގޮތަށް ހެދުމުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޒަރޫރީ ހިދުމަތްތަކަށް ބުރޫއަރާނެ ކަމުގެ މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ކަންބޮޑުވުންފާޅުކުރައްވާ އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ގާނޫނުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށާއި މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ މުހިންމު އަސާސީ ހިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ، އިސްލާހު ކުރެވުނު ބިލުގެ ދަށުން މީގެ ކުރިން ކައުންސިލަށް ސީދާ ލިބެމުންދިޔަ ވެހިކަލް ފީގެ އާމްދަނީ އުނިކުރުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. މި ފައިސާއަކީ ސިޓީ ކައުންސިލުން އާންމު ރައްޔިތުންނަށް ދެމުންދާ ޒަރޫރީ އިޖުތިމާއީ ހިދުމަތްތައް ހިންގުމަށް ބޭނުންކުރާ މައިގަނޑު އާމްދަނީކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ވެހިކަލް ފީގެ އާމްދަނީން ކުރެވެމުން ދިޔަ މުހިންމު މަސައްކަތްތައް ހާމަކުރައްވަމުން އޭނާ ވިދާޅުވީ މާލޭގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާ، މިސްކިތްތައް ބެލެހެއްޓުމާ، ފެނާއި ކަރަންޓު ބިލުތަކަށް ފައިސާ ދެއްކުން ފަދަ ޒަރޫރީ ކަންކަން މި ފީއިން ލިބޭ ފައިސާއިން ކުރަމުން އަންނަކަމަށެވެ.މީގެ އިތުރުން ފެންބޮޑުވާ ހާލަތްތަކުގައި ފެން ހިންދުމާ، ޑިޒާސްޓާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މާލޭގެ މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓަނީވެސް ފީއިން ލިބޭ އާމްދަނީން ކަމުގައި އާދަމް އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ކައުންސިލަށް ލިބޭ އާމްދަނީން މި ފައިސާ އުނިކުރުމުން ރައްޔިތުންނަށް ދެމުންދާ މުހިންމު ހިދުމަތްތައް ހުއްޓުމަކަށް އައިސް، މުޅި މާލޭގެ އާންމު މަސްލަހަތަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ހާމަކުރެއްވި ގޮތުގައި، މި އިސްލާހުގެ ސަބަބުން މަހަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ކައުންސިލަށް ގެއްލިގެންދާނެއެވެ. އަދި ސަރުކާރުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާއިންވެސް އުނިކުރުންތަކެއް އައިސްފައިވާތީ، ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ތަން ހިންގުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ވީމާ، މާލެ ސިޓީގެ ރައްޔިތުންގެ ހައްގުގައި، ލާމަރުކަޒީ ނިޒާމުގެ ރޫހާ އެއްގޮތަށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށާއި ބިން އަތުލެވޭ ގާނޫނަށް ގެނެވުނު ބަދަލުތައް މުރާޖައާކުރައްވައި، ކައުންސިލަށް ލިބެންޖެހޭ މާލީ ބާރުވެރިކަން އަނބުރާ ހޯއްދަވައިދެއްވުމަށް އާދަމް އާޒިމް ވަނީ ސަރުކާރަށް އިލްތިމާސްކުރައްވާފައެވެ.