މާލެގެ މަސްމާރުކޭޓް ޒަމާޏީ ފެންވަރަށް ހަދައި ތަރައްގީ ކުރުމަށް ނިންމި ވެޓް މާކެޓް ކޮންޕްލެކްސް އެޅުމުގެ މަޝްރޫއު ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.
މި ގަރާރު ފާސްކޮށްފައި ވަނީ މިއަދު އެ ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައެވެ. މި ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ވަނީ މި ގަރާރަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ.
މި ޖަލްސާގައި ގަރާރު އިއްވަވައި ދެއްވީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ. ގަރާރާ ދެކޮޅަށް ވޯޓް ދެއްވާފައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިޟްވާން ޢަލީ، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ސަހުލާ، މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން، މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ހަދީޖާ މުހައްމަދު އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާއެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިހާރު ހުރި މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެތަނުގެ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. "އެތަން ވީހާ ވެސް އަވަހަށް ނިންމުމަކީ މާލޭގެ ރައްޔިތުން އެދޭ ކަމެއް،" މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން، ވެޓް މާކެޓްގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އޮޑިޓްކޮށް، ފާހަގަވި ކަންތައްތަކާ ގުޅިގެން 2025 ޑިސެމްބަރުގައި އޭސީސީއަށް މައްސަލަ ފޮނުވާފައިވާނެ ކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
މި ޤަރާރުގައިވާ ގޮތުން، ވެޓް މާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓު ސަރަޙައްދުގައި އޮތް 17,558.54 އަކަ ފޫޓުގެ ބިމުގައެވެ. މި މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށްފަހު އަލުން ކައުންސިލާ ހަވާލުކުރަން ޖެހެއެވެ. އަދި އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވެސް ގަރާރުގައި ޝަރުތުކޮށްފައިވެއެވެ.
މި މަޝްރޫއު ކުރިއަށް ގެންދަންވާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، މިހާރު އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައި ދިނުމަށްފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ. ސަރުކާރުން ކައުންސިލްގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން މޭޔަރު ވިދާޅުވީ، މިކަމުގައި މިހާތަނަށް ކައުންސިލުން ނުދޭ އެއްބާރުލުމެއް ނޯންނާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ރާވާފައިވާ ގޮތުގައި، "މާލެ ވެޓް މާކެޓް ކޮމްޕްލެކްސް" ގެ ނަމުގައި ހިންގާ މި މަޝްރޫއަކީ 116 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާނެ ބިޔަ މަޝްރޫއެކެވެ. މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހަވާލުކުރި މި މަސައްކަތުގެ ދަށުން، 85,000 އަކަފޫޓުގެ ޖާގައެއްގައި ފަސް ފަންގިފިލާގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތުގައި ޕާކިން ބޭސްމަންޓަކާއި، މަސް މާރުކޭޓަކާއި، ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކާ ފަންގިފިލާތަކުގެ އިތުރުން ފުޑް ކޯޓެއް ހިމެނެއެވެ.
މި މަޝްރޫއަށް ހިނގާނެކަމަށް ލަފާކުރާ 116,999,624.94 ރުފިޔާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ 50 މަސް ދުވަހުގެ މުއްދަތަށް ބަހާލައިގެންނެވެ. މާރުކޭޓު މަޝްރޫއަށް ކައުންސިލުން ހުރަސްއަޅާ ކަމަށް ބުނެ ސަރުކާރުން ކުރާ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން ފާހަގަކުރާ ގޮތުގައި، ކުރީގެ އެއްބަސްވުންތައް ޤާނޫނީ ގޮތުން ބާތިލުނުކޮށް ތިންވަނަ ފަރާތަކަށް ބިން ހަވާލުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މި މައްސަލައިގައި މަޝްވަރާކުރުމަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް ހައުސިން މިނިސްޓްރީން އެދެވޭ ޖަވާބެއް ދީފައިނުވާތީ، ކައުންސިލުން ވަނީ އެލްޛީއޭގެ ލަފާއަކަށް ވެސް އެދިފައެވެ.
