ބާ ޖަމާލުއްދީން ހުރި ބިމުގައި މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތައް ހުއްޓާލުމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް އަންގައިފިއެވެ.

ހައުސިން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ބިން ފަޅަށް އޮތުމުގެ ސަބަބުން ނޭދެވޭ ކަންކަން ހިންގުމާއި ކުނި އެޅުން އިތުރުވެގެން އާންމުންގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.

އަދި ވަށާފާރު ތިރިކޮށް އެތަން ސާފުކޮށް ބެލެހެއްޓުމުގެ ހުއްދައަށް ކައުންސިލުން އެދުމުން ސެޕްޓެމްބަރު 2024 ގައި އެ ހުއްދަ ދީފައިވާނެ ކަމަށާއި، ނަމަވެސް، އެ ބިމަކީ އެއްވެސް އިރެއްގައި ސިޓީ ކައުންސިލުގެ އަމިއްލަ ބޭނުންތަކަށް ހަވާލުކޮށްފައިވާ ތަނެއް ނޫން ކަމަށެވެ.

މީގެއިތުރުން އެ ބިމަކީ އަންޑަގްރައުންޑް ޕާކިންގް ސިސްޓަމަކާއެކު ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ސަރަހައްދެއްކަން ފާހަގަކޮށް އެ ސިޓީގައި ވަނީ ސައިކަލުތަކަށް ހާއްސަ އަންޑަގްރައުންޑް ޕާކިންއަކާއި، އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަ ޕާކެއްގެ އިތުރުން ޖެނެރަލް ޕްރެކްޓިޝަނާ (ޖީޕީ) ކްލިނިކެއް ގާއިމުކުރުމަށް ރައީސް އޮފީހުން އަންގާފައިވާކަމަށް ވެސް ބުނެފައެވެ.

އެއާއެކު އެ މަސައްކަތްތައް މިނިސްޓްރީން ކުރަމުންދާކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން ބުނީ މީގެ ކުރިން ވެސް އެ ތަނުގައި ކައުންސިލުން މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، ނަމަވެސް އެކަމުގެ ތަފްސީލު ލިބިފައިނުވާކަމަށެވެ.