މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގުލެއް ނެތި އުޅެވޭނެ އަމާން ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މަގުތަކަށް ފެންތިކި ޖަހާ ގޮތަށް ހުރި ތަންތަން ރަނގަޅު ކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މިކަމާ ގުލޭ ގޮތުން މާލެ ސިޓީ ކައުންސިލު މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މީގެ ކުރިން ވެސް މާލޭގެ މަގުތަކަށް ފެންތިކި ޖަހާ ގޮތަށް ހުރި ތަންތަން ފާހަގަކޮށް، އެ ތަންތަން ރަނގަޅުކުރަން ތަކުރާރުކޮށް އަންގައިފައިވާނެ ކަމަށެވެ. ނަމަވެސް، އަދިވެސް މި މައްސަލަ ތަކުރާރުވަމުންދާތީ އާންމު ރައްޔިތުންގެ ޝަކުވާތައް ވަރަށް ބޮޑަށް ލިބެމުންދާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މާލޭގެ މަގުތަކަށް، ހާއްސަކޮށް ޕޭމަންޓް މައްޗަށް ފެން ތިކި ޖަހަނީ އިމާރާތްތަކުގައި ހަރުކޮށްފައި ހުންނަ އޭސީ ހޮޅިތަކާއި ދިޔަދޮވި ހޮޅިތަކުންނެވެ. މިކަމުގެ ސަބަބުން މަގުމަތިން ހިނގާ މީހުންނަށާއި ދުއްވާ އެއްޗެހީގައި އުޅޭ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭކަން ކައުންސިލުން ފާހަގަކުރެއެވެ.

"އިމާރާތްތަކުން ފެން ތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލައެއް. މި ފަދަ މައްސަލަތައް ހައްލުކުރުމަށް ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ،" މޭޔަރު އަޒިމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މާލެއަކީ އެންމެނަށް ވެސް ދިރިއުޅެވޭ ކަހަލަ ހިތްފަސޭހަ ތަނަކަށް ހެދުމަށް ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރުން ވަރަށް މުހިންމު ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމަށް އެދި، ކައުންސިލުން ވަނީ ފެންތިކި ޖަހާ ތަންތަން ފާހަގަވާނަމަ އެކަން ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް، އެ ތަނެއްގެ ފޮޓޯ އާއި ވީޑިއޯ ފޮނުވައިދިނުމަށް ކައުންސިލުން އެދެއެވެ.

މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މަގުތައް ތަރުތީބުކޮށް، ސާފުތާހިރުކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގައި ހުރިހާ މުއައްސަސާތަކާއި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް އެ ކައުންސިލުން ބުނެއެވެ.