އެޗްޑީސީ އިން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މި ހިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅު ފުށީގައި ބޭއްވި "ސޭފާ ހުޅުމާލެ"ގައެވެ. ރޭ ފަރުކޮޅުފުށީގައި ސޭފާ ހުޅުމާލޭ އިވެންޓުގައި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިއުރިޓީ ސާވިސަސްގެ ޔުނީފޯމާ އަދި ލޯގޯ ވަނީ ތައާރަފުކޮށްފައެވެ.
އެޗްޑީސީން ބުނީ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރަފް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުން ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން، ސެކިއުރިޓީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތައާރަފްކުރުމުގެ ސަބަބުން ސެކިއުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނިޓާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެސްޓޭޓް ސެކިޔުރިޓީގެ ސާވިސަސް ގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވެގެންދާނެކަން ފާހަގަކޮށް އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އިތުރަށް އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން މަސައްކުރަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްކަމަށާ އަދި އުފާވެރި، ރައްކާތެރި، ޒަމާނީ ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަމަށެވެ.
