އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި، ޓީޗަރެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މިމައްސަލަ ފުލުހުންނަށް ހުށަހެޅިފައި ނުވާކަމަށާއި އެހެން ނަމަވެސް މިކަން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ. މި މާރާމާރީ އާ ގުޅޭ އިތުރު ތަފްސީލު އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު މާރާމާރީގެ ވީޑިއޯ އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

މި ވީޑިއޯތަކުން މިއީ، ގްރޭޑް 12 ގެ ބީޓެކް ކްލާހެއްގައި ހިނގާފައިވާ މާރާމާރީއެއްކަން އެނގެއެވެ. މި މާރާމާރީގައި ޓީޗަރު ދަރިވަރަށް ހަމަލާދޭ މަންޒަރު ފެންނައިރު، ދަރިވަރުވެސް، ޓީޗަރަށް ހަމަލާދޭ މަންޒަރު ފެނެއެވެ. މި ހަމަނުޖެހުމުގައި ކްލާހުގެ ބައެއް ސާމާންތަކަށް ގެއްލުންވެފައިވާ މަންޒަރު ވެސް ފެނިގެން ދެއެވެ.

މި މާރާމާރީ ހިނގުމަށް މެދުވެރި ސަބަބު އަދި ސާފުވެފައިނުވާއިރު، މި މައްސަލައާ ގުޅިގެން ހައި ސްކޫލުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.