މަސްތުވާތަކެތި ބޭނުންކޮށް, ގެންގުޅުމުގެ ކުށުގައި ރާއްޖޭން ހައްޔަރު ކުރި އިންޑިއާ ހަތަރު މީހުން, އެ މީހުންގެ އަތުން ފެނުނު ތަކެއްޗަކީ ޕްރޮޓީންއެއް ކަމަށް ބުނެފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. ފުލުހުން ހައްޔަރުކޮށްފައި ވަނީ 53 އަހަރުގެ މީހަކާ، 35 އަހަރުގެ މީހަކާ، 33 އަހަރުގެ މީހަކާ، 28 އަހަރުގެ މީހެކެވެ.

އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ އެ މީހުންގެ އަތުން ފެނުނު ތަކެއްޗަކީ މަސްތުވާތަކެތި އެކުލެވޭކަމަށް ތުހުމަތު ކުރެވޭ ތަކެތި ކަމަށެވެ. އެކަން އިތުރަށް ޔަގީން ވާނީ ތަހުލީލު ރިޕޯޓް ލިބުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ ތަހުލީލު ރިޕޯޓުގެ ވަގުތީ ނަތީޖާ ތިން ދުވަސް ތެރޭގައި ލިބޭނެ ކަމަށެވެ.

އެ ހަތަރު މީހުން ވެސް ކޯޓުގައި ބުނެފައިވަނީ އެ މީހުންގެ އަތުން ފެނުނު ތަކެއްޗަކީ މަސްތުވާތަކެތި ނޫން ކަމަށާއި އެއީ ޕްރޮޓީންއެއް ކަމަށެވެ. މި މައްސަލައިގައި ކޯޓުން ނިންމާފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އެމީހުން ފިލާފާނެ ކަމުގެ އިހުތިމާލު އޮތުމުންނާ، މުޖުތަމައުގެ ސަލާމަތާ، ރައްކާތެރިކަމަށްޓަކައި އެ ހަތަރު މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް ވަނީ ޖަހާފައެވެ.