ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި ބިލު ފާސްކޮށްފައި ވަނީ، އިއްޔެ ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ.

ގާނޫނަށް އަމަލުކުރަން ފަށާތާ 24 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އަދި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވައިލުމަށްފަހު ތަންފީޒުކުރަންޖެހޭ ކަންކަމާއި، ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފީސިބިލިޓީ ހެދުމުގެ މާއްދާއަށް އެ މުއްދަތުގެ ތެރޭގައި އަމަލުކުރުން ލާޒިމް ނޫންކަމަށް ވެސް މި އިސްލާހުގައި ވަނީ ކަނޑައަޅައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށައިފައެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި، ސަރުކާރުން ހުށަހަޅައި، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް ވުޖޫދުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެ ގާނޫނު ހުށަހެޅީ ސަރުކާރުން އިތުރަށް ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތައް ހަރުދަނާ ކުރުމަށް ކަމަށް ބުނެ އެވެ.

ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ.