މުސްލިމެއްގެ ގޮތުގައު ހުންނެވި ޒޮހުރާން މަމްދާނީ މޭޔަރަކަށް ހޮވައިފި ނަމަ ނިއުޔޯކަށް މާލީގޮތުން ތާށި ކުރައްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައި ވަނިކޮށް ރައްޔިތުން ނިކުމެ މަމްދާނީ ހޮވައިފިއެވެ.
ނިއުޔޯކުގެ މުސްލިމް ފުރަތަމަ މޭޔަރުގެ ގޮތުގައި މަމްދާނީ ހޮވިއްޖެކަން މަސްދަރުތަކުން ހާމަ ކޮށްފައި ވާއިރު، އެމެރިކާގެ ރައީސް ޑޮލާލްޑް ޓްރަމްޕް ވަނީ، މަމްދާނީ އާ އެންމެ ގާތުން ވާދަ ކުރެއްވި މިނިވަން ކެންޑިޑޭޓް އެންޑްރޫ ކްއޯމޯ އަށް ތާއީދު ކުރައްވާ އޭނާ ހޮވަން މަސައްކަތް ކުރައްވާފައެވެ.
މަމްދާނީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު މަރުހަބާ ކިއި ފަރާތްތަކުގެ ތެރޭގައި ކުއޯމޯ ހިމެނޭއިރު އޭނާ ބުނީ، މަމްދާނީ އާއެކު ނިއުޔޯކަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި ނިއުޔޯކް ގެ ސަރުކާރު ހުއްޓުމެއް ނެތި ކުރިއަށް ދާންޖެހޭނެ ކަމަށެވެ.
ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަމްދާނީގެ ކާމިޔާބީ ގިނަ ބަޔަކު ފާހަގަ ކުރަމުން ދާ އިރު، އޭނާގެ މެނިފެސްޓޯގެ މުހިންމު ވައުދުތަކުގެ ތެރޭގައި ކުޑަކުދިންނަށް ހިލޭ ބޭސްފަރުވާ ލިބިދިނުމާއި، އާންމު ދަތުރުފަތުރުގައި ބޭނުން ކުރާ ބަހުގެ ދަތުރުތައް ހިލޭ ކޮށްދިނުމާއި، ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ކުލިތަކެއް ނުނެގޭގެ ގޮތަށް ބައެއް ދާއިރާތަކުގެ ގެދޮރުގެ އާންމު ކުލި ކޮންޓްރޯލް ކުރެއްވުން ހިމެނެއެވެ.
އެމެރިކާގައި ލިބޭ އާމްދަނީއާ ނުބައްދަލު ކުލި ދައްކަން ޖެހޭ މިލިއަނަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށް 'ނިއުޔޯކް ރެންޓް ގައިޑްލައިންސް ބޯޑު'ގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ނިއުޔޯކުގެ އިތުރުން އެހެން މުހިންމު ބައެއް ސިޓީތަކުގައި ވެސް ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ނިއުޖާޒީ ގައި ވެސް ކުރި ހޯއްދަވާފައި ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓެވެ.
ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަނުންގެ ބައެއް މެންބަރުންނާއި، މަންދާނީ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓުންގެ ބައެއް މެންބަރުން މަމްދާނީ އަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެއް ކަމަށް ބުނަމުން އޭނާގެ ކާމިޔާބީއަށް ފާޑު ކިޔަމުންވެސް އެބަގެންދެއެވެ. މަންދާނީ އަކީ މުސްލިމެއް ކަމުގައި ވާތީ، ފާޑުކިޔާ ފަރާތްތަކުން ގުޅުވަނީ އިސްލާމް ދީނާއި ހަރުކަށި ވިސްނުމާއެވެ.
އެގޮތުން އެފަރާތްތަކުން ބުނަނީ މަމްދާނީ އާއެކު ޑިމޮކްރެޓިކް ޕާޓީގެ ކުރިމަގު ސާފު ކަމަށާއި އެއީ އެމެރިކާގެ ވިސްނުމަށް ވިޔަ ނުދޭނެ ކަމަށެވެ.
މަމްދާނީ ހޮވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއްބަޔަކީ މިފަހަރު ޒުވާނުންނެވެ. ޒުވާނުންނަށް މަމްދާނީ ކަމުދިޔަ އެންމެ ބޮޑު އެއް ސަބަބަކީ، ޒުވާނުންނާ ގުޅޭ ގޮތަށް އޭނާގެ ކެމްޕެއިންގެ ޝިއާރުތަކާއި މެސެޖްތައް ބައްޓަން ކުރެއްވުމާއި، އޭނާ އަކީވެސް ޒުވާނަކަށް ވުމާއެކު، އޭނާގެ ބަސްމޮށުންތެރިކަމާއި ދެއްވާ މެސެޖުތަކުގައި ނިއުޔޯކަކީ އެތާނގެ ރައްޔިތުންނަށް އަތްފޯރާފަށުގައި ދިރިއުޅެވޭނެ ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ހިމެނެއެވެ.
