ނަސްރު ދުވަހުން ސާބިތު ކޮށްދެނީ ޖާނާއި ލެއިން ގުރުބާން ވާން ތިބި އަޒުމު ވަރުގަދަ ދަރީން އަބަދު ވެސް މި ފަސްގަނޑުގައި ތިބޭނެ ކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅުވާ މެޑަމް ސާޖިދާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރާއި، ގައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން ކަމަށެވެ. ޖާނާއި ލެއިން ގުރުބާން ވާން ތިބި އަޒުމު ވަރުގަދަ ދަރީން އަބަދު ވެސް މި ފަސްގަނޑުގައި ތިބޭނެ ކަން ސާބިތުވާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ގައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއްކަން ސާބިތުކޮށްދިން ދުވަހެއްގެ ގޮތުގައި ނޮވެމްބަރު 3 އެކަމަނާ ސިފަފުޅު ކުރެއްވިއެވެ. ތާއަބަދުމެ ނަސްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ގައުމުގައި ދެމެހެއްޓެވުން އެދި ދުއާ ކުރަމުން، ނަސްރުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
މިއަދު މި ފާހަގަ ކުރަނީ ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަހެވެ. މި އަހަރުގެ ނަސްރުގެ ދުވަސް ވެސް ފެށީ، ބޮޑު ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައި ވެއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދަށް ވަޑައިގަތުމުން އެ މައިދާނުން އެ ދެކަނބަލުންނަށް، މަރުހަބާ ދެންނެވީ، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގައި ނަސްރުގެ ދުވަސް ފާހަގަ ކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާ ނާކާމިޔާބު ކޮށްލާ، އަދާވަތްތެރިންގެ މައްޗަށް ދިވެހީން ހޯދި ނަސްރު ފާހަގަކުރުމުގެ ގޮތުންނެވެ.
