ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި ޖުމްލަ 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން ކަސްޓަމްސް މުވައްޒަފުން ވެސް ހިމެނެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި 9 މީހުންނަކީ:
- މުހައްމަދު ވަހީދު (ދިގަލި) - ފަންޑު ކުރިކަމަށް ތުހުމަތުވާ މީހެއް
- އަހުމަދު އާރިފް (އާއްޓޭ) - ފަންޑު ކުރިކަމަށް ތުހުމަތުވާ މީހެއް
- ޒިވާރު އިސްމާއިލް - ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ އިސް މުވައްޒަފެއް
- މުއާޒް އަލީ - ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް
- ހަސަން އަބްދުއްރަހްމާން - ވައްކަން ކުރުމަށް އެހީތެރިވި ކަމަށް ތުހުމަތުކުރާ މީހެއް
- އާދަމް ވަހީދު - ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން
- އަހުމަދު ޝަހީމް - އެމްޕީއެލްގެ މުވައްޒަފެއް
- އަހުމަދު ފިރުޝާން - އެމްޕީއެލްގެ މުވައްޒަފެއް
- ހުސައިން ސާމިހް - އެމްޕީއެލްގެ މުވައްޒަފެއް
މި މީހުންގެ ތެރެއިން އާއްޓޭއާއި ދިގަލި އަދި މުއާޒް މީގެ ކުރިން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ހަމަ އެހެންމެ ހަސަން އަބްދުއްރަހްމާން އާއި އާދަމް ވަހީދުއާއި އަހުމަދު ފިރުޝާން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ މައްސަލާގައި އެންމެ ފަހުން ހައްޔަރުކުރީ ޝަހީމް އަދި ސާމިހު އެވެ. އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން މިއަދު އަމުރުކުރީ، އެ މީހުންގެ ބަންދަށް މިދިޔަ ހަފުތާގައި ދިން ހަތް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުންނެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ. ތިލަފުށީގެ އެކިއެކި ސައިޓުތައް ބަލައިފާސްކުރުމަށް އޮކްޓޯބަރު 19، 2025 ވަނަ ދުވަހުގެ އޮޕަރޭޝަންގައި ފެނުނު ދެ ކޮންޓެއިނަރުގެ ބައިތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
2 ކޮންޓޭނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލަ އަކީ، މިދިޔަ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ، އެ 2 ކޮންޓޭނަރު ބަލަހައްޓާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލު ކޮށްފައި ހުއްޓާ ވަގަށް ނެގި މައްސަލައެކެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު 09، 2025 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
