ލ. މާވަށުގައި ތޫނު އެއްޗަކުން ހަމާލާދީ މޫސާ އިބްރާހީމް މަރާލި މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހދ. ނޮޅިވަރަންފަރު - އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމްގެ މައްޗަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އެ މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ މޫސާ އިބްރާހިމް މަރާލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު ލ. މާވަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެ ދުވަހު ހެނދުނު 10:12 ހާއިރުއެވެ.

މި މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހިމް ހައްޔަރުކުރީ ޖުލައި 28 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.