ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިއީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ހުށަހަޅުއްވައި މަޖިލީހުން އިއްޔެ ފާސްކުރި ބިލެކެވެ. މި ބިލުގައި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އެންމެހައި އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި، ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެނޫނަސް އެ ވޯޓު ނެގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރެއްވުމާއެކު، މި ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.