ބ. ދޮންފަނު ކައިރިއަށް ޑައިވްކުރަން ދިޔަ ބަޔަކަށް އެ ރަށުގެ ރައްޔިތުން ހުރަސްއަޅައިފިއެވެ.

ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ގޮވާލައި ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް އެ ރަށުގެ ރައްޔިތުން ވަނީ ނިންމާފައެވެ.

އެގޮތުން ދޯނިތަކުގައި ދޮންފަނުން މުޒާހަރާއަށް ނުކުތް ބައެއް ފަރާތްތަކުން ވަނީ އެ ރަށް ކައިރިއަށް ޑައިވްކުރުމަށް ދިޔަފަރާތަކަށް އެ ސަރަހައްދުގައި ޑައިވް ނުކުރެވޭނެ ކަމަށް ބުނެ ޑައިވް ކުރުމަށް ހުރަސް އަޅާފައެވެ. އަދި އެ ސަރަހްއްދުން ދިއުމަށް ވެސް ދޮންފަނުގެ ރައްޔިތުން ވަނީ އެ ފަރާތްތަކަށް އަންގާފައެވެ.

ޑައިވްކުރަން ދިޔަ ފަރާތްތަކުން ބުނަމުން ދިޔައީ އެ ސަރަހައްދުގައި ޑައިވްކުރުން މަނާކޮށްފައިވާ ނުވާ ކަމަށާއި އެ ސަރަހައްދުގައި ޑައިވްކުރެވޭނެ ކަމަށެވެ.

ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރަށް ގޮވާލައި، އެ ރަށުގެ ރައްޔިތުން ކަނޑުމަތީގައި ސިލްސިލާ މުޒާހާރާތަކެއް ކުރަން ނިންމާފައިވާތީ އެރަށުގެ ފަރުގައި ޑައިވް ކުރުން މަނާ ކަމަށް ބުނެ އެ ރަށު ކައުންސިލުން އިއުލާނެއް ނެރުނެވެ. އެހެންނަމަވެސް އެ އެންގުން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ އެ ކައުންސިލަށް އަންގައިފައެވެ.

ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ މަޝްރޫއުގެ ސަބަބުން ބ.އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދަނިކޮށެވެ.