ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ގޮވާލައި، އެ ރަށުގެ ރައްޔިތުން ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ބ.އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމަވާފައެވެ. މިކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުން އަންނަނީ ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ.

ދޮންފަނު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމުމާ ގުޅިގެން އެ ރަށުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ކުރިއަށް އޮތް ދުވަސްތަކުގައި ސިލްސިލާކޮށް މުޒާހިރާތައް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މުޒާހަރާ ކުރިއަށްދާ ވަގުތު ތަކުގައި އެ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި ނުރައްކަލެއް ކުރިމަތިވެދާނެފަދަ ހާދިސާއެއް ހިނގުމަށް ފުރުސަތު އޮތްކަމެއްކަން ދޮންފަނު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެ ކައުންސިލުން ވަކިގޮތެއް އަންގަންދެން މިއަދުން ފެށިގެން މުޒާހަރާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދިގައި ފީނުމާއި ޑައިވް ކުރުމަކީ މަނާކަމެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ވަކި ގޮތެއް ކަނޑައަޅައި އެންގުމުގެ ކުރިން އެ ސަރަހައްދުގައި ޑައިވްކޮށް، ފީނާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގާނެ ކަމަށް ވެސް ދޮންފަނު ކައުންސިލުން ވަނީ ބުނެފައެވެ.