އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރި ކަމަށްވާ ޗައިނާގެ އަލީބާބާ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ގުޅިގެން ހިންގާ ވޯކްޝޮޕްގައި މިހާތަނަށް 155 ދިވެހި ވިޔަފާރިއަކުން ބައިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހީންގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ މާކެޓުތައް ހޯދައިދިނުމަށް އެ މިނިސްޓްރީން ދުނިޔޭގެ ނަން މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކާއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަލީބާބާ.ކޮމް ގެ ތަޖުރިބާކާރުންގެ ފަރާތުން ގިނަ މައުލޫމާތު ތަކެއް ހިއްސާކުރުމަށް މި މަހު 16 ގައި ވޯކްޝޮޕެއް ބާއްވަނެކަން އިއުލާންކޮށް ދިވެހި ވިޔަފާރިތަކަށް ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އިއްޔެއެވެ.
އިއްޔެ ހުޅުވާލި ފުރުސަތުގެ ތަފްސީލެއް ރޭ ހިއްސާ ކުރަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެ ވޯކްޝޮޕުގައި ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖޭގެ 155 ވިޔަފާރިވެރިން ރަޖިސްޓާވެފައިވާ ކަމަަށެވެ. ރަޖިސްޓްރޭޝަން ހަމަވަނީ މި މަހުގެ 13 ވަނަ ދުވަހެވެ.
މި ވޯކްޝޮޕްގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިވެގެންދާނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމުގައިވާ، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެ ގޮތް ހަދައިދެއްވައި، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމުގެ މަސައްކަތްތަކުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.