މީޑިއާ ރެގިއުލޭޓް ބިލަކީ މިއަދު އަލަށް ހުށަހެޅުނު ބިލެއް ނޫންކަމަށާއި މީގެ މާ ކުރިން މާ ހަރުކަށިކޮށް މީޑިއާ ރެގިއުލޭޓް ކުރަން ބިލު ހުށަހެޅި ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
އަސްވާޑު މިފަދައިން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އަސްވާޑު ވިދާޅުވީ މިއީ ދިވެހި ސަރުކާރުން ހުށަހެޅި ބިލެއް ނޫންކަމަށާއި، މިއީ އަމިއްލަ މެމްބަރަކު މަޖިލީހަށް ހުށަހަޅުއްވައިގެން އުޅޭ ބިލެއް ކަމަށެވެ. އަދި މިއީ ކުރިންވެސް އަމިއްލަ މެމްބަރަކު ފޮނުއްވި ބިލެއް ކަމަށާއި، ނަމަވެސް އޭރު ރާއްޖޭގެ ނޫސްވެރިން އޭޖީގެ އަރިހު ދަންނަވައިގެން ވަގުތު އިތުރަށް ދިނުމަށް އެދި ބިލު އަނބުރާ ނެގި ކަމަށް އަސްވާޑު ވަނީ ވިދާޅުވެފައެވެ.
އަސްވާޑު ވިދާޅުވީ ވަގުތު ލިބިއްޖެކަމަށާއި އެންމެ ފުރަތަމަ ބިލާއި މިހާރު ހުށަހަޅާފައިވާ ބިލާ ދެމެދުވެސް 6 މަސް ދުވަސް ވެފައިވާ ކަމަށެވެ. އަސްވާޑު އިތުރަށް ވިދާޅުވީ މީޑިއާ ކޮމިޝަން ހަދާ ވާހަކައާއި ރެގިއުލޭޓު ކުރާ ވާހަކައަކީ އިއްޔެ ދެކެވުނު ވާހަކައެއް ނޫން ކަމަށާއި ކުރީގެ ރައީސުންގެ ތެރެއިން މި ވާހަކަ ހަމައެކަނި ނުދައްކާ ހުންނަވާނީ ރައީސް ނަޝީދު ކަމަށެވެ.
އަސްވާޑު ވިދާޅުވީ މިހާރު އޭޖީ ހުށަހަޅުއްވާފައިވާ އިސްލާހުތަކާއެކު އެތައް ގުނައެއް ރަނގަޅު ވާނެ ކަމަށާއި، ނަމަވެސް 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންފޮމޭޝަން ކޮމިޝަންގެ އޮފީހާއި، ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް ތިން ތަން އެއްކޮށްލަން ނިންމެވި ކަމަށެވެ. މި ކޮމިޓީއަކީ އޭރު އެމްޑީޕީގެ ފުލް ކޮންޓްރޯލް އޮތް ކޮމިޓީއެއްކަން ފާހަގަ ކުރައްވަމުން އަސްވާޑު ވިދާޅުވީ މި ކަމަށް އޭރު ވޯޓު ދިނީ ކޮން ބޭފުޅުންނެތްތޯ އިނގުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ނައިބު މުގައްރަރެއްގެ ހައިސިއްޔަތުން މީކާއިލްވެސް ވޯޓު ދިން ކަމަށާއި ނަމަވެސް މިއަދު އެ ބޭފުޅާވެސް ވަރަށް ބޮޑަށް މިވާހަކަ ދައްކާކަަމަށް އަސްވާޑު ވަނީ ވިދާޅުވެފައެވެ. އަސްވާޑު ވިދާޅުވީ އެދުހު ވޯޓު ނުދެއްވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެކަނި ކަމަށާއި، އެމްޑީޕީ އެއްކޮށް އެކަމަށް ތާއީދު ކުރި ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މި ބިލަށް އޭޖީ އޮފީހުން ވަނީ 14 އިސްލާހެއް ހުށަހަޅާފައެވެ. އޭގެތެރޭގައި ނޫސްވެރިންގެ އެންމެ ބޮޑު ކަންބުޑުވުމަކަށްވާ ކަންކަމަށްވެސް ހައްލު ލިބިގެންދާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމުވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށް ހުށަހަޅާފައިވާކަމަަށާއި، ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގައި ރައީސްގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17،19، އަދި 20 ވަނަ މާއްދާ އިސްލާހުކުރުމަށްވެސް ހުށަހަޅާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.