މަދަނީ ޖަމިއްޔާތަކުން އެކި ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޒުވާނުންގެ ވެހީގެ ވަކި މާލަންތަކެއް އެއްވެސް ފީއެއް ނެގުމަކާ ނުލާ، ހިލޭ ދޫކުރާނެކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މަދަނީ ޖަމިއްޔާތަކުގެ އަގު ވަޒަން ކުރުމަށް ދޭ ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވީ، މަދަނީ ޖަމިއްޔާތަކުން މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ، މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ލިބުމަށް ދިމާވާ ދަތިތަކާއި ގުޅޭ ކަންބޮޑުވުންތައް ކަމަށެވެ.
އެގޮތުން މިކަމަށް ހައްލެއް ހޯދައިދިނުމަށް ޒުވާނުން ވެހީގައި، މަދަނީ ޖަމިއްޔާތަކަށް ހާއްސަ ކުރެވިފައިވާ ދެކޮޓަރިއެއް ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ތަމްރީނު ކްލާސްތައް ހިންގުމަށްޓަކައި ޒުވާނުންގެ ވެހީގައި ފުރަތަމަ ފްލޯގައި ތަމްރީނު ހޯލެއްވެސް ހާއްސަ ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ޖާގަ ކަނޑައަޅާފައި ވަނީ ޔޫތު ހަބް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައިކަމަށާއި މިތަނަށް ދީފައިވާ ނަމަކީވެސް ”އެންޖީއޯ ވޯކިން ސްޕޭސް“ ކަމަށެވެ. މަދަނީ ޖަމިއްޔާތަކަށް ބައްދަލުވުންތަކާއި، މަސައްކަތްކުރުމަށް ޖާގައެއް ނެތުމުން ދަތިތައް ދިމާވާއިރު، އެކަމާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މި ޖާގަ މެދުވެރިކޮށް މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މަދަނީ ޖަމިއްޔާތަކުން މި ޖާގަ ބޭނުން ނުކުރާ ވަގުތުތަކުގައި، އެހެން ފަރާތްތަކުން ބޭނުންކުރާނަމަ އަގެއް ނެގި ނަމަވެސް، މަދަނީ ޖަމިއްޔާތަކުން ބޭނުންކުރުމުގައި އެއްވެސް އަގެއް ނުނަގާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ މި ފުރުސަތުގެ ބޭނުން ޖަމިއްޔާތަކުން ހިފުމަށް އެދިފައެވެ.
